ރާއްޖޭގައި ދުއްވާ އިލެކްޓްރިކް ނުވަތަ އީވީ ވެހިކަލްތަކަށް ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ސަރުކާރުން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އީވީ ވެހިކަލްތަކަށް ހާއްސަ ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ނިންމާފައިވާކަން އިއުލާންކުރައްވައިފަ އެވެ.
"މި ފެށޭ އާ ބަދަލާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލްތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރެވި، މަގުމަތީގައި އެފަދަ އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ،" އަމީންގެ ޕޯސްޓުގައި ވިދާޅުވި އެވެ.
"މިއީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުމަށާއި ކޮޕް29 ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ތިމާވެށީގެ ވައުދުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީންގެ ޕޯސްޓުގައި ވަނީ އީވީ ވެހިކަލްތަކަށް ހާއްސަކުރާ މި ފެހި ކުލައިގެ ނަންބަރު ބޯޑުގެ ނަމޫނާއެއް ވެސް ހިއްސާކޮށްފަ އެވެ. ޕްރައިވެޓް އީވީ ވެހިކަލްތަކުގެ ނަންބަރު ބޯޑުގައި އަކުރުތައް ހުންނަނީ ހުދު ކުލައިގަ އެވެ. އަދި ޓެކްސީ ކުރާ އީވީ ވެހިކަލްތަކުގެ ނަންބަރު ބޯޑުގައި އަކުރުތައް ހުންނަނީ ރީނދޫ ކުލައިގަ އެވެ.
މިއީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް ގެންނަ ހަތްވަނަ އިސްލާހުގެ ދަށުން ތައާރަފުކުރާ ބޯޑެއް ކަމަށް އަމީންގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އީވީ ވެހިކަލްތަކަށް ހާއްސަ ނަންބަރު ބޯޑެއް ތައާރަފުކުރާއިރު، މި އަންނަ ކުޑައީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ދިނުމަށް ތިން ސައިޒެއްގެ ޖުމްލަ 100 ކާރު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.