އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ތަނުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން އެ ގެއަށް ވަންނަން ޖެހުނީ ގޭގެ ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ވަނީ އެ ހާދިސާ ހިނގި ވަގުތުން ފެށިގެން ކަން ހިނގި ގޮތުގެ ތަފްސީލު އާންމުކޮށް ބަޔާނެއް ނެރެފަ އެވެ.

ފުުލުހުން ބުނީ އެ ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 01:57 ހާއިރު ކަމަށާއި 01:58 ގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ވަގުތު ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ފެންނަމުން ދިޔުމުން ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގެއަށް ވަދެވުނު އިރު ހަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭރު ވެސް އޭގެތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން އެނގުމުން އެ ދެ މީހުންނަށް އިތުރު ފަރުވާދޭން މާލެ ގެނައި ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި މަރުވި ފަސް މީހުންނާއި އަނިޔާވި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ.

އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް 02:30 ހާއިރެވެ. 

އެ ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށްފަ އެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިހާރު ތިބީ ދިގުރަށުގަ އެވެ. މި ޓީމުން އަންނަނީ އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުގީގުތައް ކުރަމުންނެވެ.

ފުލުހުން ވަނީ މީހުން ސަލާމަތްކުރުމާއި އަލިފާން ނިއްވުމުގައި ދިގުރަށު ރައްޔިތުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރެއް އަދާކޮށްފަ އެވެ. 

އެ މައްސަލަ އެޗްއާރްސީއެމުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

އައިޖީއެމްއެޗުން މިރޭ ބުނީ އެ ހާދިސާގައި މަރުވި ފަސް މީހުން ވެސް މިއަދު ހަވީރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ފަތިހު މާލެ ގެނައި ދެ މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.