ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހުގެ ބޭއްވުމުގެ ފައިދާ ސިޔާސީ ޕާޓީތަކަށް ވެސް ލިބޭނެ ކަމަށާއި އެއް ދުވަހެއްގައި ވޯޓުލައިގެން ރައްޔިތުންގެ އަތްމައްޗަށް ލިބިފައިވާ ބާރެއް ދޫވެގެން ނުދާނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ތައްޔާރުވެފައިވާއިރު، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ޝިހާބު ވިދާޅުވީ، އިރުއިރުކޮޅާ އިންތިހާބު ބޭއްވުމަކީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑަށް ދެންނެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ލޯކަލް ގަވަނަންސް [ކައުންސިލް] އިންތިހާބު ވެސް، މި ހުރިހާ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ ގައުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެއޭ،" އެމްޑީޕީގެ ކުރީގެ ދެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝިހާބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބެއް ބާއްވަން ދައުލަތުން ކުރާ ސީދާ ހަރަދުގެ އިތުރަށް، ނުސީދާކޮށް ކުރަންޖެހޭ އެތައް ހަރަދެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ފުލުހުންނާއި ކަމާ ގުޅުން ހުރި މިނިވަން މުއައްސަސާތައް ޝިހާބް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބޭއްވުމާއި ކެމްޕޭނު ކުރުމުގެ ހަރަދުތައް އެތައް ގުނައަކުން ސަލާމަތްވާނެ ކަމަށް ޝިހާބް ވިދާޅުވި އެވެ.
"ކޮންމެ ޕާޓީއަކުން ވެސް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ. ކެންޑިޑޭޓުން ދައްކައިގެން ފުރަތަމައިނުން އިންޓާނަލް ޕްރައިމަރީސް ބާއްވާނެ ބައެއް ޕާޓީތަކުގައި. ބާއްވައިގެން އެ ލިބޭ ނަތީޖާއަކަށް ބިނާކޮށް އެބަޖެހޭ ކެންޑިޑޭޓުން ދައްކަން،" ޝިހާބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އިން ކޮންމެ ކެންޑިޑޭތެއް ހޮވަން ޕާޓީގެ ފަރާތުން ހަރަދު ކުރަންޖެހެ އެވެ. އަދި ރިޔާސީ އިންތިހާބު ވެސް އޮތީ އެފަދަ ހަރަދުތައް ޕާޓީތަކުން ކުރަންޖެހޭ ހާލަތުގައި ކަމަށް ވިދާޅުވި އެވެ.
"އިންތިހާބުތައް އެއްކޮށްލެވިއްޖިއްޔާ އެ ޕާޓީތަކަށް ވަރަށް ބޮޑެތި ފައިސާތަކެއް ސަލާމަތް ކުރެވިދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ރާއްޖެ މި އޮތީ އެތައް ރަށަކަށް ބެހިފައި. މީހުން އުޅޭ 180 ވަރަކަށް ރަށުގެ އިތުރުން ރިސޯޓުތައް އެބަހުރި. މި ހުރިހާ ތަނެއްގައި ކެމްޕެއިންތައް ހިންގައި މި ކަންކަން ކުރުމަކީ ޕާޓީތަކަށް ވެސް ވަރަށް ބޮޑު ބުރައެއް،" ޝިހާބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިބާހު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް، މައި އިދިކޮޅު އެމްޑީޕީ މިހާރު ނުކުމެފައިވާއިރު، އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންދަނީ ގާނޫނުއަސާސީގެ ދަށުން ސީދާ ރައްޔިތުންނަށް ލިބިފައިވާ ބާރެއް ހަނިވާކަމަށް ބުނެ އެވެ.
ނަމަވެސް، ޝިހާބު ވިދާޅުވި ގޮތުގައި، ވަކި ދުވަހެއްގައި އިންތިހާބުތައް ބާއްވަން ގާނޫނުއަސާސީގައި ބުނެފައި ނުވާއިރު، އެއް ދުވަހެއްގައި ވިޔަސް ރައްޔިތުންލާ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރާ ނަމަ، ރައްޔިތުންގެ ބާރެއް ހަނިވާނެ ޖާގައެއް ނެތެވެ.
ފަހުގެ އިންތިހާބުތަކުގައި ރިޔާސީ އިންތިހާބަށް ފަހު، ރައްޔިތުން އެއިރެއްގައި ހުންނަ ރައީސަކު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ ސަގާފަތެއް އޮތްއިރު، ޝިހާބް ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ ބަދަލުގައި ގާބިލު ބޭފުޅުން އިންތިހާބު ކުރުމުގެ ވިސްނުން އިސްކުރުމުގެ ފުރަސަތު ބޮޑުވާނެ އެވެ.
"ފްރީ އެންޑް ފެއާކޮށް މަޖިލިސްގެ މެންބަރުންވެސް ވާދަކުރައްވާނީ ރައީސަކަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނޭނގި. އަނެއް ސިސްޓަމްގައި ވާގޮތަކީ އަޅުގަނޑުމެންނަށް އެނބަ އިނގޭ، ދިވެހި ރައްޔިތުންނަށް ވެސް މިހާރު ވެރިއަކަށް ހުންނެވީ ކޮން ޕާޓީއެއްގެ ކޮން ބޭފުޅެއްކަން،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ދެން އަޅުގަނޑުމެން މަޖިލިސް މެންބަރުން ނިންމާއިރު ވާގޮތަކީ ތަންކޮޅެއް ބޮޑަށް ރައްޔިތުންނަށް ބުރަވެވެނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅެއްގެ ޕާޓީއަށް އެ ބޮޑު މެޖޯރިޓީއެއް ދޭން."
ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުންނަ އަދަދާ ގާތަށް ވެސް އެހެން އިންތިހާބުތަކުގައި މީހުން ވޯޓުލާން ނުނުކުންނައިރު، ޝިހާބު ވިދާޅުވި ގޮތުގައި، އެއް ދުވަހެއްގައި އިންތިހާބުތައް ބާއްވާ ނަމަ ވޯޓުގެ ބުރަދަން ބޮޑުވުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ އެވެ.