މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިރާގުގެ ކުރުދިސްތާން ސަރަހުއްދުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ ރާއްޖެއިން މިއަދު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޑިޕްލޮމެޓިކް އެ ފަދަ ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ މުއާހަދާއާ ހިލާފު ކަމެއް ކަމަށެވެ. އަދި ރާއްޖެއިން ދެމި އޮންނާނީ ޔޫއޭއީގެ ސަރުކާރާއި އާއްމުންނާއެކު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމެރިކާ އާއި އިޒްރާއިލް ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު އީރާނަށް ކުއްލި ހަމަލާތައް ދޭން ފެށުމުން، ރައްދުގައި އީރާނުން ވެސް ދަނީ، ގަލްފުގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.
އިރާގުގައި ހުންނަ އެ މަރުކަޒަށް ވެސް ދީފައިވަނީ އޭގެ ހަމަލާއެއް ކަމަށް، ބޭރުގެ ނިއުސް އެޖެންސީތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އިރާގުގެ ކުރުދިސްތާނުގެ ކައުންޓާ ޓެރަރިޒަމް ސާވިސްއިން އިއްޔެ ބުނީ ޔޫއޭއީގެ ކޮންސިއުލޭޓް ކައިރިން މިދިޔަ ހޯމަ ދުވަހު ތިން ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން، އެއް ޑްރޯނުގެ ބައިތަކުގެ ސަބަބުން ޔޫއޭއީގެ ކޮންސިއުލޭޓަށް ވަނީ ގެއްލުން ލިބިފަ އެވެ.
ޔޫއޭއީއިން ވަނީ ކޮންސިއުލޭޓަށް ދިން ހަމަލާ ތަހުގީގުކުރަން އިރާގަށް ގޮވާލައިފަ އެވެ.