ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން އެފެއާޒް މިނިސްޓަރު ޝައިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބަދަލުކުރެއްވުމުގައި، މިނިސްޓަރު ހަލީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އަރިސް ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
"އަދި ދެ ގައުމުން އިސްކަންދޭ ދާއިރާތައް ހޯދައި އެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ ޔަގީންކަމާއި ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން އެރުވި އެވެ،" ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ ފިސްކަލް ރިފޯމް އެޖެންޑާ އާއި ތަރައްގީގެ މުހިއްމު މަސައްކަތްތަކާ ބެހޭ ގޮތުން މިނިސްޓަރު ޚަލީލް އެ ބައްދަލުކުރެއްވުމުގައި މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ. އަދި ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އަގުހުރި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ވަކިން ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ދެއްވާ އެހީތެރިކަމަށް މިނިސްޓަރު ހަލީލް ޝުކުރު އަދާކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި، ރާއްޖެ އިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފާއި އެމްބެސެޑާ އެޓް ލާޖް އަބްދުﷲ ހަމީދު ބައިވެރިވެވަޑައިގަތެވެ.