ބޭސް އެތެރެކުރަން ސަރުކާރުން އުފެއްދި ކުންފުނިން ރާއްޖެއަށް ބޭސް އެތެރެކޮށް، ބައެއް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިދިޔަ ހޯމަ ދުވަހުގެ ރޭ ވިދާޅުވީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް ގެނެސް، ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ ބޭސްތައް މިހާތަނަށް ގެނައީ އެސްޓީއޯ މެދުވެރިކޮށެވެ. ނަމަވެސް، އެއީ އެހެން ވިޔަފާރިތައް ވެސް ކުރާ ކުންފުންޏަށްވުމުން، ބޭހާއި މެޑިކަލް ސާމާނަށް ހާއްސަކޮށްގެން ވަކި ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެ ބަދަލާއެކު، ރަށްރަށުގައި ހިންގާ އެސްޓީއޯގެ ބޭސް ފިހާރަތައް ވަނީ އާ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ބޭހަށް ހާއްސަ ކުންފުނިން މަސައްކަތްތައް ފެށުމުން ލުއިތައް ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ބާރު ސްޕީޑުގައި ހިނގަން ފެށުމުން އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭހަކީ އަސާސީ އެއްޗަކަށް ވާތީ އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އެކަމަށް ހާއްސަ ކުންފުނިތައް އުފައްދަ އެވެ. އޭގެ މިސާލެއްގެ ގޮތުން ނާޒިމް ނެންގެވީ ސްރީލަންކާ އެވެ.
ރާއްޖޭގައި ގިނަ ބޭސްތަކުގެ ކޮންޓްރޯލް އޮންނަނީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގަ އެވެ. އެހެންވެ، ބައެއް ފަހަރު ބޭސް ލިބުމުގައި ދަތިތައް ދިމާވެ އެވެ.
ދާދިފަހުން ވެސް ބޭސް ނުލިބުމުގެ މައްސަލަ އިތުރަށް ގޯސްވީ ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައި އޮންނަ އަގު ކުޑަކުރުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތަކާ ހެދި ދޫކުރުން ހުއްޓާލި އެވެ.