އެއްކޮށް ހައްލު ނުވި ނަމަވެސް ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެފައިވާ މައްސަލަ އަށް މިހާރު ލުއި ލިބެމުން އަންނަ ތަން ފެނިވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ބޭސްތައް ލިބުން އުނދަގޫވެފައިވާ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އައިސް ކޮންމެވެސް ވަރެއްގެ ލުޔެއް މިހާރު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާސަންދަ ނިޒާމުގެ ތެރެއިން ބޭސް ދޫކުރުމުގެ ކަންކަން "އިސްލާހު" ކުރަން ފެށުމުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދަތިތަކެއް ކުރިމަތިވި އެވެ. އެކަން ހައްލު ކުރަން އެސްޓީއޯ މެދުވެރިކޮށް ގެންނަ ބޭހުގެ އަދަދު މިހާރު އިތުރު ކުރުމުން ކުރިއަށް ވުރެ ބޮޑަށް ލުޔެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިން އެސްޓީއޯ އިން ގެންނަ ބޭހުގެ ބްރޭންޑުތަކުގެ ނޫނީ ޖެނެރިކް އެތައް ސަތޭކަ ވައްތަރެއް މިހާރު އިތުރު ކުރެވި އެސްޓީއޯގެ ސަޕްލައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރު ކޮށްފިން. އޭގެ ސަބަބުން ކުރިން އޮތް ދަތި ހާލަށް ވުރެ ރަނގަޅު ހާލަތަކަށް އާދެވިއްޖެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ކުރަމުން އަންނަ ކަމަކީ ފަރުވާދިނުމުގެ ގައިޑްލައިނެއް އެކުލަވާލައި އެ އަށް އަމަލުކުރަން ފެށުން ކަމަށެވެ. އޭރުން ކޮންމެ ޑޮކްޓަރަކު ކޮންމެ ބޭހެއް ލިޔެދިނުމުގެ ބަދަލުގައި "ޖެނެރިކް ނިޒާމް" ގެ ތެރެއަށް ފައްތާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރެވޭނީ މުޅި ނިޒާމު އޯވަހޯލް ކޮށްގެންނެވެ. އޭގެ ތެރޭގައި އެސްޓީއޯގެ އެއް ބޭސްފިހާރައިން ނުލިބޭ ބޭސް އެ ކުންފުނީގެ އެހެން ފިހާރައެއްގައި ހުރެދާނެ ކަމަށް ބަލައި ފާމަސިސްޓުންގެ ދައުރު ވެސް ބޮޑުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ ސެޕްޓެމްބަރު 9 ގައި ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކުންފުނި މިހާރު ހިނގައިގަންނަން ފަށާފައިވާ ކަަމަށާއި ރަނގަޅަށް މަސައްކަތް ކުރަން ފެށުމުން އަދި މާ ބޮޑުތަނުން ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އެއީ ބޭހާ ގުޅޭ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ވަކި ކަމަކަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާނެ ކުންފުންޏަކަށް ވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިދިޔަ އޮކްޓޫބަރު މަހު ވިދާޅުވެފައި ވަނީ އެ ކުންފުނި ހިންގަން 3-6 މަސް ދުވަސް ނަގާނެ ކަމަށެވެ.

ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެކި ނިޒާމުތައް ތައާރަފު ކޮށްގެން ވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އޭގެ ތެރެއިންނެވެ.