ލާމަރުކަޒީ ނިޒާމަކީ "ތިމަންނަމެން ބަނޑުއަޅައި ވިހެއި ދަރިއެކޭ" އިދިކޮޅު އެމްޑީޕީން ކިޔަސް، އެ މީހުންނަށް ކުރެވުނު ކަމަކީ އެ ނިޒާމު މަގުމަތިކޮށްލުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަހަށް ޕީއެންސީން ހދ. ކުޅުދުއްފުށީގެ މާލޭ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ޝިޔާމް ވަނީ ވާދަވެރިން ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. 

ލާމަރުކަޒީ ނިޒާމަކީ ތިމަންނަމެން ބަނޑުއަޅައި ވިހެއި ދަރިއެކޭ [އިދިކޮޅުން] އެބަ ކިޔާ. އަޅުގަނޑު ހިތަށް އަރަނީ ކޮންތަކުންބާއޭ މި ބޭފުޅުން މިހެން ވިދާޅުވީ. ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ފެއްޓެވީ ވެސް މި ބޭފުޅުންނެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ. 

"އެ ބޭފުޅުން އެހެން ވިދާޅުވާ ކަމަށް ވަންޏާ އަޅުގަނޑު ދޭން އޮތް ކްރެޑިޓަކީ މީގައި ވިހައިފި ކަމަށް ވަންޔާމުން، ވިހާފައި މަގުމަތިކޮށްލި ނިޒާމެކޭ މިއީ އެ ބޭފުޅުން."

ޝިޔާމް ވިދާޅުވީ މި ސަރުކާރު އައިރު، ލާމަރުކަޒީ ނިޒާމަށް އެއްވެސް ވަރަކަށް އަޅާލުމެއް ނުވަތަ އެއްވެސް ކަހަލަ ކުރިއެރުމެއް ގެނައުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފެންނަން ނެތް ކަމަށެވެ. އެހެން ނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް 100 ރަށެއްގައި ކައުންސިލް އޮފީސް އިމާރާތް އަޅުއްވަން ނުޖެހުނީސް ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ރަށްރަށުގެ ކައުންސިލަރުން މަސައްކަތް ކުރާނެ ޖާގައެއް ކައުންސިލްތަކުގައި ނެތް ކަމަށާއި ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި މި ނިކަމެތި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

"ލާމަރުކަޒީ ނިޒާމަށް މީގެ ކުރިން އެއްވެސް ކަމެއް ކޮށްދީފައި އޮތް ނަމައީ 100 އެތައް ރަށެއްގައި ނުޖެހޭ ދެއްތޯ ޔަގީނުން ވެސް އޮފީސް އިމާރާތެއް އަޅާކަށް ފުރަތަމަ ކަމަކަށް،" ޝިޔާމް ވިދާޅުވި އެވެ. 

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ސަރުކާރުން ވަނީ އާރުސީސީއާ ހަވާލުކޮށްފަ އެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިތުރު 50 ރަށެއްގެ ކައުންސިލްތަކުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ޝިޔާމް ވިދާޅުވި ގޮތުގައި، ރަށްރަށަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފުލުހުންގެ ހިދުމަތް ވެސް ގިނަ ރަށްރަށުގައި ނެތެވެ. އެ މަސައްކަތް ވެސް ކުރަން ޖެހުނީ މި ސަރުކާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކައުންސިލްތަކަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ވެސް އޮތީ ލިމިޑެޓެއްގެ ތެރޭގައި ކަމަށާއި އެކަން ބަދަލުކުރީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ. 

ޝިޔާމް ވިދާޅުވީ މީގެ ކުރިން "ނަމެއްގައި އޮތް" ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަށް ބާރުވެރިކޮށް، އެ ބޭފުޅުން މަސައްކަތް ކުރާނެ ޖާގަ އާއި ބަޖެޓް ހަމަޖައްސަައިދޭން ވެސް ނިންމީ މި ސަރުކާރުން ކަމަށެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބުކުރާ މެމްބަރުންނަށް ރަނގަޅު މުސާރައަކާ އެކު، މަސައްކަތް ކުރެވޭނެ ފުރުސަތު ފަހިކޮށްދީ، އެ ބޭފުޅުން ބާރުވެރިކުރުވުމަށް އެންމެ ބޮޑު މަސައްކަތް ވެސް ކުރީ މި ސަރުކާރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.