ކޮންމެ ރަށެއްގެ ތަރައްގީ އަށް ވެސް ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަމަކު އެ ކަންކަމަށް ބުރަކި ޖައްސައި ހުރަސް އަޅާނެ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަފުލާގައި އެ މަނިކުފާނު އެހެން ވިދާޅުވީ އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވައިގެންނެވެ.
ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްތަކާ ގުޅޭ މިސާލެއް ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ 2-3 މަސް ކުރިން ސޮއިކޮށްފައިވާ އެތައް މަޝްރޫއުއެއް ވެސް ފަށައިނުގަނެވިގެން އުޅެނީ ބައެއް ކައުންސިލްތަކުން ސަރުކާރާ ބިން ހަވާލު ނުކޮށްގެންގެން ކަން މިއަދު އެ މަނިކުފާނު ބެއްލެވި ލިސްޓަކުން އެނގިވަޑައިގަތް ކަމަށެވެ.
އެ ބިންތައް ސަރުކާރަށް ބޭނުންވަނީ މިސްކިތްތަކާއި ސިއްހީ މަރުކަޒުތަކާއި ސްކޫލްގެ ޖާގަ އިތުރު ކުރުން ފަދަ ކަންކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮން ބަޔަކަށްތޯ ގެއްލުން މިވަނީ؟ އެ ރަށުގެ ރައްޔިތުންނަށް. އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން ވާކަށް. އެކަން ރިޕީޓުވާކަށް، ކޮންޓިއުވާކަށް ދެވަނަ ފަހަރަކަށް. ރައްޔިތުންގެ އަތްޕުޅަށް މި އަންނަނީ އެ އިހުތިޔާރާއި ބާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،" ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު، ސަރުކާރުގެ އެތައް ސިޔާސަތުތަކެއް ބާރު ސްޕީޑުގައި ހިންގަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެކަމަކު، އެކަން ކުރެވޭނީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ކަންކަން ކުރަން އެ މީހުން އިންތިހާބުކުރާ ބައެއްގެ އެއްބާރުލުމާ އެކުގަ އެވެ.
ރައީސް ރޭ ވިދާޅުވީ، ލޯކަލް ކައުންސިލްތަކަކީ ގާނޫނީ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކައުންސިލަރުން އިންތިހާބު ކުރާ ނަމަ އެއީ ފުރަރަމަ ވެސް ނުބައި ސިގުނަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ ކީއްވެގެންތޯ؟ ގާނޫނުގައި ވަރަށް ސާފުކޮށް ލިޔެފައި އެ އޮތީ ސަރުކާރު ޖަވާބުދާރީ ކުރާނީ ކޮން ބައެއްކަން. ކައުންސިލަކީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް،" މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން، އެ ހަވާލުކުރާ މަސައްކަތްތަކަށް އެހީތެރިކަން ދޭން ރައްޔިތުން ހޮވާފައިވާ މަންދޫބުންތަކެއް ޑެއިލީ ހުންނަ މުނސިޕަލް ކަންކަން، ރަށްވެހި ކަމުގެ ހިދުމަތް ދިނުމުގެ އިތުރަށް ދެން އޮންނާނީ [ކައުންސިލަރުން] ތަރައްގީގެ މި ކަހަލަ ކަންކަމަށް އެއްބާރުލުން ދިނުން،"
ރައީސް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ކައުންސިލަރުން އިންތިހާބުކުރާ ނަމަ އެ ސަރަހައްދެއްގެ ތަރައްގީގެ މަސައްކަތް އެ ހިސާބުން ހުއްޓޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ކައުންސިލްތަކުން ކުރާނީ ސިޔާސީ މަސައްކަތްތައް ކަމަށާއި ސަރުކާރުގެ ވައުދުތައް ހާސިލްވިޔަ ނުދޭން ކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މި ގައުމުގައި ތަރައްގީ ވަރަށް ބާރު ސްޕީޑުގައި ހިނގަން. ގައުމުގައި ހަމަޖެހުން ގާއިމުވެ، އަޅުގަނޑު ރައްޔިތުންނަށްޓަކައި ވައުދުވެ، ރައްޔިތުން އެ ވައުދުތައް ފުއްދުމަށް އަޅުގަނޑަށް އިތުބާރުކޮށް، ދީފައި މިވާ ޒިންމާ އަދާކުރުމުގައި ބާރު ސްޕީޑުގައި ދާން ބޭނުންވަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.