ބަންގްލަދޭޝްގެ އިންތިހާބީ ބޮޑުވަޒީރު، ތާރިގް ރަހްމާން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެއީ ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް، އެ ގައުމުގެ އާ ސަރުކާރު ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ. ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.

ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުކުރި ތާރިގް ރަހުމާނާ، ރައީސް މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ތާރިގް ބޮޑުވަޒީރުކަމުގެ ހުވާ ކުރުމަށް ބާއްވާ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރާއްޖޭގެ އިތުރުން 12 ގައުމެއްގެ ވެރިންނަށް ވަނީ ދައުވަތު ފޮނުއްވައިފަ އެވެ.

ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި ލޭ އޮހޮރުވުންތައް ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު މިދިޔަ ހަފުތާގައި ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެންވެ އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވަނީ އެ ޕާޓީގެ ޗެއާމަން އަދި ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާނެވެ.

އެ ކާމިޔާބީއަށް ރައީސް މުއިއްޒު ކުރިން ވަނީ މަރުހަބާ ވިދާޅުވެ، ބަންގްލަދޭޝްގެ އާ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.