ތަނަސްވަސް އަޣުލަބިއްޔަތަކުން ބަންގްލަދޭޝްގެ އާންމު އިންތިހާބު ކާމިޔާބުކުރި، ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި ލޭ އޮހޮރުވުންތައް ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު، ބޭއްވި ފުރަތަމަ އިންތިހާބު، މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އާއި ގުޅިފައިވާ އިއްތިހާދުން ވަނީ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ބީއެންޕީއަށް ލިބުނު ތާރީހީ ކާމިޔާބީއަށް ޕާޓީގެ ޗެއާމަން، ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާނަށް ވެސް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެންޕީގެ އާ ސަރުކާރާ ގުޅިގެން ހަރުދަނާ މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު އާކުރައްވައިފަ އެވެ.
އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން، އިތުރަށް ބަދަހިކޮށް މުސްތަގުބަލުގައި މި ގުޅުން މިހާރަށްވުރެ ފުޅާކޮށް، ހަރުދަނާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ރަހްމާން އެވެ.
ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ އުމުރުން 85 އަހަރުގެ މުހައްމަދު ޔޫނުސް ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަން އޮގަސްޓް 2024 ގައި ނިމުމަކަށް ގެނައުމުން ގައުމު ހިންގުމާ ހަވާލުވެ ވަޑައިގެން އިންތިހާބާ ހަމަޔަށް ހުރިހާ ކަމެއް ބަލަހައްޓަވައިފަ އެވެ. އޭނާގެ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާ ވެސް ކޮށްފަ އެވެ.
ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފަ އެވެ.