ކުޑަކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ފާތިމަތު ރީމާ އެވެ. އޭނާގެ ފޮޓޯ އާންމުކުރި ނަމަވެސް އެޑްރެސްއާ ގުޅޭ އެއްވަސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ، ރީމާ ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައި ކަމަށެވެ. 

އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު ހަމަވަނީ ފެބްރުއަރީ 28 އަށެވެ. 

އެ މައްސަލާގައި ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށެވެ. 

އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ފުލުހުން ބުނީ ކުޑަކުދިން ގްރޫމްކޮށްގެންނާއި އެ ކުދިންގެ މަޖުބޫރު ހާލަތުގެ ނާޖައިޒު ފައިދާ ނަގައިގެން މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުދިން ބޭނުންކުރާ މީހުންނަށް ފިޔަވަޅު އެޅުމުގައި ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. 

އެފަދަ އަމަލުތައް ހިންގާ މީހުން ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެެވެ.