ކަނޑުމަގުން ރާއްޖެ އެތެރެކުރަން ކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލްގެ މައްސަލާގައި ހައްޔަރުކުރި ދެ މީހެއްގެ ވަނަވަރު އާންމުކޮށްފި އެވެ. 

ރާއްޖެ އިން ބޭރުން މާލޭގެ ވިޔަފާރިވެރިންގެ ބަނދަރަށް ގެނައި މުދާ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިގެން އެތަކެތި ކަސްޓަމްސް އިން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.  

ބަރުދަނުގައި 36.43 ކިލޯ ހުރި އެ ތަކެތި ޓެސްޓްކުރިއިރު ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފަ އެެވެ.

އެ މައްސަލާގައި ފުލުހުން ބުނީ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކް ކުރާކަމަަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މ. މުލައް، މަދާރުގެ، ހަސަން މަފާޒު، 26އ. އާއި ހ. ފިލްމީސައިޓް، ވިޝާމް މުހައްމަދު، 35އ. ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި އެދެމީހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އެ އިދާރާއާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނުގަ އެވެ. 

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެެ. 

ކަސްޓަމްސް އިން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި، އެ ތަކެތި ހުރީ ރަބަރު ޕެކެޓުތަކެއްގައި ބަންދުކޮށްފަ އެވެ.