މާލެ އާއި ވިލިމާލެ ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ބްރިޖުގައި ފައިމަގުގައި މާލެ އިން ވިލިމާލެ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް މިއަދު ވަޑައިގެންފި އެވެ.
މިއަދު ފާހަގަކުރަމުންދާ އިންޖީނިއަރުންގެ ދުވަހާ ގުޅިގެން ބޭއްވި އެ ހަރަކާތުގައި ރައީސް މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު، ބާލަސުބްރަމާނިއަމް އާއި ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދާ އެފްކޮންސް ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ތިލަމާލޭ ބްރިޖަކީ މި ވަގުތު ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު އެވެ. އެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅާލާފައިވާއިރު، އޭގެ ސަބަބުން ވިލިމާލެގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
އެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ ހުރިހާ ޕްރީ-ކާސްޓް ސެގްމަންޓެއް ގުޅުވާލުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ އެއްކޮށް ނިމިފަ އެވެ.
ބްރިޖުގައި ހުންނަވައި، މީޑިއާ އަށް ރައީސް މުއިއްޒު ވިދާޅުވީ މާލެ އާއި ވިލިމާލޭ ގުޅުވައިލުމުގެ ކާމިޔާބީ އަށް ވާސިލް ވެވުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރި އެންމެ މަތީފެންވަރުގެ މަޝްވަރާތަކުގެ ނަތީޖާ އިން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އުއްމީދު ކުރައްވަނީ އަންނަ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށާއި މިއީ މުޅި މާލޭ ސަރަހައްދަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި މަސައްކަތް މިދާ ގޮތަށް ގޮސް ނިންމާލެވި، އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މަސައްކަތް ނިމިގެންދާނެ ކަމަށް. އިރާދަކުރެއްވިއްޔާ އެ ނިމުން ވެގެންދާނީ މުޅި ގްރޭޓާ މާލޭ ސަރަހައްދުގެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ބްރިޖުގެ މަސައްކަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ސަރުކާރުން ދިން އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"....ދެން މި ދަނޑިވަޅުގައި އަޅުގަނޑު ހަމަ ޝުކުރު ދަންނަވާލަން ބޭނުންވީ ރާއްޖެ އާއި އިންޑިއާއާ ދޭތެރޭގައި އޮތް ގާތްގުޅުން ފާހަގަކޮށް އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލުން އިންޑިއާގެ ޕްރައިމް މިނިސްޓަރު އަދި ސަރުކާރުން މިކަމަށް ދެއްވާ އިސްކަމަށްޓަކާ ބޮޑުވަޒީރު މޯދީ އަށް އަދި ސަފީރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަން ވިދާޅުވީ ބްރިޖު މަޝްރޫއު ކުރިއަށް ގެންދަނީ ރާއްޖެއާ އެކު ވަރަށް ގާތުން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މިއީ އިންޑިއާ އިން ބޭރުގައި އެގައުމުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއުކަން ފާހަގަކުރައްވައި ސަފީރު ވަނީ އެ މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލުމަށް ދިވެހި ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިދިޔަ ހަފްތާގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި ގޮތުގައި ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅުވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އުއްމީދަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި 6.74 ކިލޯމީޓަރުގެ ދިގު ބްރިޖަކުން ގުޅުވައިލުމަށް އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ފެށި މި ޕްރޮޖްކެޓު މަސައްކަތް ދިޔަ ގޮތް އޭރު ވެސް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރަން އެ މަނިކުފާނު އަމިއްލަފުޅަށް އިސްނަންގަވައި، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި އެކަން ހުށަހެޅުއްވި އެވެ. ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ 2023 ވަނަ އަހަރު ދުބާއީގެ ބޭއްވި 23 ވަނަ ކޮޕް ސަމިޓުގެ ހަވާސާގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު، ދެ ގައުމުން މަތީފަންތީގެ ކޮމިޓީއެއް އުފައްދައި ރާއްޖޭގެ އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީއާ ވެސް ގުޅިގެން މި މަޝްރޫއު އަވަސްކުރުމަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖުގެ ކޮލިޓީއާ މެދުގައި އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ ކޮލިޓީ ބަލަހައްޓަނީ ސިނަމާލެ ބްރިޖުގެ ކޮލިޓީ ވެސް ބެލެހެއްޓި، ދުނިޔޭގައި އެ މަސައްކަތަށް މިހާރު އެންމެ ރަނގަޅު އެއް ކުންފުނި ކަމަށްވާ އާރޫޕް އިން ކަމަށް ރައީސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރުގެ ލޯނާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.