ރާއްޖޭގެ ބާޒާރުގައި 20ރ. ގެ ނޫޓު މަދުވެފައިވާތީ 20ރ. ގެ އާ ސްޓޮކެއް ރާއްޖެ ގެނެސްފި އެވެ. 

އެމްއެމްއޭ އިން ބުނީ 20ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން މިއަދު އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.

ސްޓޮކް މަދުވުމުން ދޭތެރެ ދޭތެރެއިން ބޭރުން ޗާޕްކޮށްގެން ނޫޓު ގެނައުމަކީ އަބަދުވެސް ކުރާ ކަމެކެވެ. 

އެނގިފައިވާ ގޮތުގައި 20ރ. ގެ ނޫޓު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ ރޯދަ މަސް ކައިރިވަމުން އަންނާތީ، އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވެ، ނަގުދު ފައިސާގެ މުއާމަލާތްތައް ގިނަވުމުގެ ސަބަބުންނެވެ. އެކަން ބައެއް ވިޔަފާރިވެރިން ވެސް ދަނީ ފާހަގަކުރަމުންނެވެ. 

އެމްއެމްއޭގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިހާރު އިގްތިސާދުގައި ދައުރުވަމުން އަންނަ ނަގު ފައިސާގެ ޖުމްލަ އަގަކީ 4.14 ބިލިއަން ރުފިޔާ އެވެ. ވަކިވަކި ނޫޓުތަކަށް އޮންނަ ޑިމާންޑް ބިނާވަނީ އާންމުން ފައިސާ ބޭނުންކުރާ ގޮތަށާއި މާލީ އިދާރާތަކުން ފައިސާ ބަހާ ގޮތުގެ މައްޗަށެވެ. އަދި 20ރ. އާއި 10ރ. އަދި 5ރ. ފަދަ ކުދި ނޫޓުތަކަކީ ބޮޑެތި ނޫޓުތަކަށް ވުރެ އަވަހަށް އަތުން އަތަށް ބަދަލުވާ އެއްޗެހި ކަމަށް ވާތީ، އެ ނޫޓުތައް ބާވެ ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 100ރ. ގެ ނޫޓަށް ފަހު ރާއްޖޭގައި އެންމެ ގިނައިން އަލުން ޗާޕުކުރަން ޖެހެނީ 50ރ. އާއި 20ރ. އަދި 10ރ. ގެ ނޫޓެވެ. 

އެމްއެމްއޭ އިން މި މަހު ކުރީކޮޅު ވަނީ 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އޭގެ އާ ސްޓޮކެއް ވެސް ޗާޕްކޮށްގެން ގެނެސްފަ އެވެ. މިދިޔަ އަހަރު ވެސް 100ރ. ގެ އާ ސްޓޮކެއް ގެނެސްފައިވެ އެވެ.