މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި އެވެ.
އެމްއެމްއޭ އިން ބުނީ 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން މިއަދު އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ. ނަމަވެސް މީގެކުރިން ވެސް ސްޓޮކް މަދުވުމުން ދޭތެރެ ދޭތެރެއިން ބޭރުން ޗާޕްކޮށްގެން ނޫޓު ގެނައުމަކީ އަބަދުވެސް ކުރާ ކަމެކެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ދެ ޕިކަޕެއްގައި ފައިސާ ޕެލެޓްތަކެއް އެމްއެމްއޭއަށް ގެންދާ ވީޑިއޯއެއް ވެސް އާންމުވެފަ އެވެ.
އެންމެފަހުން ސްޓޮކް މަދުވެގެން 100ރ. ގެ ނޫޓު އެމްއެމްއޭއަށް ގެނައީ މިދިޔަ އަހަރު އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، އެމްއެމްއޭ އިން ފައިސާގެ އާ ނޫޓެއް ތައާރަފްކުރީ ޖެނުއަރީ، 2016 ގަ އެވެ. އެ ނޫޓު ހެދީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓް ސީރީޒް ނެރުމަށްފަހު، ކުރީގެ ނޫޓުތައް ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.