ސަރުކާރު ޖަވާބުދާރީ ކުރުވަން މި ވަގުތު އެހެން ބައެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށާއި އެކަން ވެސް ކުރަމުން އަންނަނީ މި ސަރުކާރުގެ ތެރެއިން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ. 

އޭނާ އެހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި ގއ. ވިލިނގިލިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ޖަލްސާގަ އެވެ. 

ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝުޖާއު ވިދާޅުވީ، އޭނާ އަށް ފެނިވަޑައިގަންނަވަނީ ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ކައުންސިލްތަކަށް ކެންޑިޑޭޓުން ހޮވަން މަސައްކަތްކުރާ ތަން ކަމަށެވެ. 

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގައި ވެސް އޮތީ މި ސަރުކާރުގެ ސުޕަމެޖޯރިޓީ ކަމަށް ވާއިރު، އެ މަޖިލިހުގައި ވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވާ މަންޒަރެއް ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެން އަމިއްލަ އަށް އަޅުގަނޑުމެންގެ ސަރުކާރު އެބަ ޖަވާބުދާރީ ކުރުވަން މިހާރު. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް މި ވަގުތަކު އެހެން ބައެއްގެ އެހީތެރިކަމެއް ބޭނުމެއް ނުއެއް ވެސް ވޭ،" ޝުޖާއު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، "ވިލިނގިލި ވިލިނގިއްޔަކަށް ވުމަށްޓަކައި" އެމްޑީޕީން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. އެ ސަބަބާ ހެދި އެކަނި ވެސް ވޯޓު ދޭން ވާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވީ، ވިލިނގިލީގެ ވަށައިގެންވާ މަގުތަކުން އިއްޔެ ދުއްވާލެއްވިއިރު ފެނިވަޑައިގަތީ ކުރިން ޖަންގައްޔެއްގެ ގޮތުގައި އޮތް ތަނެއް ޕާކަކަށް ބަދަލުކޮށް، މަގުގައި ލައިޓުތައް ޖަހާފައިވާ މަންޒަރު ކަމަށެވެ. އެއީ ވެސް އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިހާބުގައި ވިލިނގިލި ކައުންސިލްގެ ރައީސްގެ މަގާމަށް އަނެއްކާވެސް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ވިޝާލްގެ ލީޑަޝިޕްގެ މަސައްކަތް ކަން ޝުޖާއު ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ޕާކުތައް ހެދެމުންދާ މަންޒަރު. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މަސްވެރިންނަށް ބޭނުންފުޅުވާ ތެޔޮ ދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ މަންޒަރު،" ޝުޖާއު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު 47 މިލިއަން ރުފިޔާ ބަޔަކަށް ދީގެން ވިލިނގިލީގައި ފެނަކައިގެ ބްރާންޗެއް ހަދަން ފެށި ނަމަވެސް އެ ތަން ހުރީ ވީރާނާވެފައި ކަމަށެވެ. އަދި އެ ރަށުގައި ގެތައް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށް، ފައިސާ ދީފައިވީ ނަމަވެސް އެކަން ވެސް ނުވި ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"އަޅުގަނޑު މިއަދު އެމްޑީޕީގެ މެމްބަރުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ ތިޔަބޭފުޅުންގެ ވެރިކަމުގައި ވިލިނގިލީ ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލް ނުކުރެވުނީ އަޅުގަނޑުމެންގެ ކައުންސިލުން ކޮން އެއްބާރުލުމެއް، ކޮން އެހީތެރިކަމެއް ނުދީގެންތޯއޭ؟ ނޯންނާނެ. އަޅުގަނޑުމެން ބަލައި ޗެކް ކޮށްފައި މި ވާހަކަ ދެންނެވީ،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ޕީއެންސީގެ ބާރު އޮތް ވިލިނގިލީ ކައުންސިލުން އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެއްބާރުލުން ދިން ނަމަވެސް އެ ސަރުކާރުގައި ވިސްނުން ނެތުމުން "ރިއެކްޓް" ނުވީ އެވެ. 

"އަޅުގަނޑުމެންގެ ކައިރީގައެއް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވީ 2024 ވަނަ އަހަރުގެ މާޗާ ހިސާބަށް ގައުމު ނުހިފެހެއްޓޭނެއޭ. ރުފިޔާ ޖެހޭނީ ޗާޕުކުރަންށޭ، ނުހިފެހެއްޓޭނެއޭ، ލޯނުތައް ނުދެއްކޭނެއޭ،"
ޝުޖާއު

އޭނާ ރޭގައި ފާހަގަކުރެއްވި ގޮތުގައި ވިލިނގިއްޔަކީ "ޕީއެންސީގެ ކިއްލާ" އެވެ. އެހެންވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ވިލިނގިލި ކައުންސިލް ގެއްލިއްޖެ ކަމުގައިވާ ނަމަ އެ ގެއްލިގެން ދަނީ ވިލިނގިލީގައި އަންނަން އޮތް ޖީލުތަކުގެ އުންމީދު. އަޅުގަނޑުމެން ވެގެން ނުވާނެ ތަރައްގީ އަށް ނޫނެކޭ ބުނާ ބަޔަކަށް،" ޝުޖާއު ވިދާޅުވި އެވެ. 

"ވިލިނގިލީގެ ހޮސްޕިޓަލް މިހާރު އެ އޮތް ދަނީ މަސައްކަތް ފެށިގެން. ވިލިނގިލީ އިންޓަނޭޝަނަލް އެެއާޕޯޓުގެ މަސައްކަތުގެ ސާވޭ ނިމި މިހާރު އެ އޮތީ."

ޝުޖާއު ދެއްވި ޔަގީންކަމަކީ މި ސަރުކާރުން ވިލިނގިލި ބާކީ ނުކުރާނެ ކަމެވެ. އަދި އެ ދާއިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒުގެ މަސައްކަތްތަކުން އެކަން ފެންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. 

އޭނާ ރޭ ވިދާޅުވީ، މި ސަރުކާރުގައި މިވީ ދެ އަހަރުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއަކީ ދައުލަތް ނުދަރައި ހިފަހައްޓާލުން ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ލިބުނީ "ހުސް ތޮށިގަނޑެއް" ކަމަށާއި މުޅި މާލިއްޔާ އޮތީ ދަރުވާލާފައި ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ކައިރީގައެއް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވީ 2024 ވަނަ އަހަރުގެ މާޗާ ހިސާބަށް ގައުމު ނުހިފެހެއްޓޭނެއޭ. ރުފިޔާ ޖެހޭނީ ޗާޕުކުރަންށޭ، ނުހިފެހެއްޓޭނެއޭ، ލޯނުތައް ނުދެއްކޭނެއޭ،" ޝުޖާއު ވިދާޅުވި އެވެ. 

އެ އަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރަމުން، އިގުތިސާދު ވެސް މަޑުމަޑުން ރަނގަޅު ކުރަމުން އަދި ރުފިޔާ ޗާަޕު ކުރުމެއް ނެތި ލޯނުތައް ވެސް ރައީސް މުއިއްޒުގެ މި ސަރުކާރުން ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ.  

"އެއީ ކާމިޔާބެއް އަޅުގަނޑުމެން ހޯދި. ﷲގެ ހެޔޮރަހުމަތުން، މި އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް އެ މަނިކުފާނު ދައްކަވައި، ވޭތުވެދިޔަ ސަރުކާރުތަކުން ނެގި ބޮޑު ދަރަނި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސަރުކާރުން ދައްކާނަން،" ޝުޖާއު ވިދާޅުވި އެވެ.