ސަރުކާރު ހިންގަން ތިއްބަވާ ބޭފުޅުންނާ ފަސޭހައިން ގުޅައި، މަޝްވަރާ ކުރެވޭނެ ބަޔަކު ލޯކަލް ކައުންސިލްތަކުގައި ތިއްބެވުމަކީ އެ ރަށެއްގެ ތަރައްގީ އަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ހިތަދޫގައި ބޭއްވި ޖަލްސާގަ އެވެ. 

އާދަމް ޝަރީފު ވިދާޅުވީ، ރަށްރަށް ތަރައްގީ ކުރެވޭނީ ސަރުކާރާ ގުޅިގެން އަދި ސަރުކާރަށް ކައުންސިލްތަކުގެ އެއްބާރުލުން ވެސް ލިބިގެން ކަމަށެވެ. 

އޭނާ ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރެސީ މަސައްކަތް ކުރާ ގޮތަށް ބަލާއިރު، ސަރުކާރާ ނުގުޅޭ ބަޔަކު ކައުންސިލްތަކަށް އިންތިހާބު ކޮށްފި ނަމަ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް އަންނާނެ ކަމަށެވެ. 

"އެކަން އަޅުގަނޑުމެން މިވަނީ މި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ތަޖުރިބާ ކޮށްފައި. މި ތަޖުރިބާ އަށް ބަލާއިރު އަޅުގަނޑު ހިތުން އެންމެން ގަބޫލުކުރަންވީ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްވަން ކަނޑައަޅުއްވާފައިވާ ހިދުމަތްތަކާއި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި މިއަދު އަޅުގަނޑުމެން ރައްޔިތުންނަށް އޮތް އެންމެ ބޮޑު ޒިންމާއެެއް ކަމުގައި ދެކެނީ އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށްޓަކައި އަޅުގަނޑުމެންނަށް އޮތް ގައުމީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައި، ސަރުކާރާ އެކީގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުން،" މިނިސްޓަރު ވިދާޅުވި އެވެ. 

ޕީއެންސީގެ ޓިކެޓުގައި ލޯކަލް އިންތިހާބަށް އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.
ޕީއެންސީގެ ޓިކެޓުގައި ލޯކަލް އިންތިހާބަށް އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.

އޭނާ ވިދާޅުވި ގޮތުގައި،  ރައީސް މުއިއްޒު ކައުންސިލްތަކުގައި އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން އަވަސް ކޮށްދިނުމަށެވެ. 

އާދަމް ޝަރީފު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގައި ވެސް ސަރުކާރާ ހިޔާލު ތަފާތުވާ ކައުންސިލަރުން ތިއްބަވާތީ އެ ސިޓީ އަށް އަންނަންޖެހޭ ތަރައްގީ ނާންނަ ކަމަށެވެ. 

އޭނާ ވިދާޅުވީ، އެކަން ބަދަލުކުރުމަށްޓަކައި މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދީފި ނަމަ އަައްޑޫގެ ތަރައްގީ ހަލުވި ވާނެ ކަމަށެވެ. 

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި އޭޕްރީލް ހަތަރުވަނަ ދުވަހަކީ އައްޑޫގެ ރައްޔިތުންނަށް އެކަން ބަދަލުކުރަން ލިބޭ ފަހި ފުރުސަތެކެވެ.