ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މިއަދު ރައްޔިތުންގެ މަޖިލީހުން އިފްތިތާހުކޮށްފި އެވެ.

އީ-ޕެޓިޝަން ޕޯޓަލް އިފްތިތާހުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އީ-ޕެޓިޝަން ޕޯޓަލް ތައާރަފުކުރެވިގެން ދިއުމަކީ، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރަށް ފުޅާކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ވަސީލަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ތައާރަފްކުރި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ މައުލޫމާތު ފެންނާނެ ކަމަށް މަޖިލީހުން ބުންޏެވެ.

މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި، މި ޕޯޓަލްގެ ސަބަބުން ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށް ވެސް ފަސޭހަކަމާ އެކު ޕެޓިޝަން ހުށަހެޅޭނެ އެވެ. އަދި ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ތައާރަފުކޮށްފައިވާނެ ކަމަށް މަޖިލީހުން ބުންޏެވެ. 

މި ޕޯޓަލް އިފްތިތާހުކުރުމާ އެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު ވަނީ ހިމެެނެ އެވެ. މި ސަރަހައްދުން މިފަދަ ނިޒާމެއް މިހާތަނަށް ގާއިމުކޮށްފައިވަނީ ޕާކިސްތާނާއި ތައިލެންޑްގަ އެވެ.

މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް މަޖިލީހުން ބުންޏެވެ.