ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް އިއްޔެ ހުށަހަޅައިފި އެވެ. 

އަމިއްލަ މީހަކު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނުގައި ބުނީ ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމުތައް ބޭނުުން ކުރާއިރު، އެ ކުދިން ކުރާ ކަމެއް ބަލަން ބެލެނިވެރިންނަށް ގިނަ ފަހަރެއް ވަގުތެއް ނުލިބޭ ކަމަށެވެ.

ޔޫޓިއުބާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް އެކިކަހަލަ ފާހިޝް ނުބައި ބަސްތަކާއި އަމަލުތައް ދަސްކުރުމުގެ މަގުފަހިވެފައި އޮތުމުން އަހުލާގީ އަދި ތޮބީއީ ބަދަލުތަކެއް އަންނަމުންދާތީ، އެކަންކަމުގައި ޓެކްނޮލޮޖީ އާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ބިނާކޮށް ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ބަދަލުކުރަން ޖެހޭ ކަމަށް، ސ. ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދު ހުށަހެޅި އެ ޕެޓިޝަންގައި ބުނެފައިވެ އެވެ. 

އެ ޕެޓިޝަންގައި މިހާތަނަށް ސޮއިކޮށްފައި ވަނީ 19 މީހެކެވެ. ނަމަވެސް މަޖިލީހުން އެ ޕެޓިޝަން ބަލައިގަންނާނީ މަދުވެެގެން 840 މީހެއްގެ ސޮއި ހަމަވުމުންނެވެ.

ހުށަހަޅާފައިވާ ހައްލު 

  • ސޯޝަލް މީޑިއާ (ފޭސްބުކް، އެކްސް) އާއި ބޮޑެތި މީހުންނަށް ހަދައިފައި ހުންނަ ވީޑިއޯ ޕްލެޓްފޯމްތައް (ޔޫޓީއުބް، ޓިކްޓޮކް) އަދި ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭނގޭ ގޮތަށް ޕޯސްޓުކޮށް ހެދޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ނުވަދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށް، އެ ގާނޫނުގެ ދަށުން އެކުލަވާލާ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރާން އެންގުން. 
  • 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށްފަހު، އެ ކުދިން ސޯޝަލް މީޑިއާ ބޭނުންކޮށްފިނަމަ، އެ ކުދިންގެ ބެލެނިވެރިންނާއި އެ ކުއްޖަކަށް ނުވަތަ ކުދިންނަށް ކައުންސެލިން ނުވަތަ ނަސޭހަތް ދިނުން. އަދި ތަކުރާރުކޮށް ކުއްޖަކު ސޯޝަލް މީޑިއާއަށް ވަދެ އުޅޭނަމަ، ފެމެލީ މިނިސްޓްރީއަށް ހާއްސަ ބާރުތަކެއް ދީގެން ވަކި އުސޫލުތަކެއްގެ މަތިން ކުއްޖާ އާއި ބެލެނިވެރިޔާގެ މައްސަލަ ބެލޭނެ ނިޒާމެއް ގާއިމްކުރުން.
  • ސްކޫލްތަކާއި ކޮލެޖުތަކުގައި މޯބައިލް ފޯނު ވެއްދުން މަނާކުރާ ގަވާއިދެއް ހަދައި، އަމަލުކުރަން ފެށުން. 

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމަށް މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ދުނިޔޭގެ ސަމާލުކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގައި މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ. އަދި ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް މިދިޔަ މަހު ފާސްކޮށްފަ އެވެ.