ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި މުހައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި ރޭ ފަތިހު ވަޅުލައިފި އެވެ.
ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޖަމީލު ނިޔާވެފައި އޮއްވައި ފެނުނީ މާފުށީ ޖަލުގެ ގޮޅިއްގަ އެވެ.
އޭނާ ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމަށާއި ފަރުވާ ދިނުމުގައި އިހުމާލުވެގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަމީލުގެ މޫނުމައްޗާއި ބުރަކަށީގެ އެކި ތަންތަނުގައި ނޫފައިގެންފައިވާ ތަންތަން ހުރި ކަމަށާއި އެއީ އަނިޔާގެ ނިޝާންތަކެއް ކަމަށް ދަނީ ބުނަމުންނެވެ.
އެކަމަކު ފަތިސް ނަމާދަށް ފަހު ޖަމީލު ވަޅުލަން ނިންމާފައިވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއިލާގެ ހުއްދައާ އެކު ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވާފައިވާ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯއިން އެނގޭ ގޮތުގައި ޖަމީލު ވަޅުލުމަށް، ކަފުން ވެސް ކޮށްފައި އޮއްވައި ގިނަ އަދަދެއްގެ ފުލުހުން ވަނީ ހުޅުމާލޭ ސަހަރާއަށް ގޮސް ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑުގެ ގެންދަން އުޅެފަ އެވެ. އެކަމަކު އާއިލާގެ މީހުން ވަނީ އެކަން ކުރަން ބޭނުންނުވާ ކަމަށް ބުނެ ފުލުހުންނާ ކުރިމަތިލައިފަ އެވެ.
އެންމެ ފަހުން އެ ސަރަހައްދަށް މިނިސްޓަރު ވަޑައިގެން، އާއިލާގެ މީހުންނާ ވާހަކަ ދެއްކެވި ނަމަވެސް ނިންމީ އާއިލާ އިން ބޭނުންވާ ގޮތަށް ކުރިއަށްދާށެވެ. އެހެންވެ، ރޭ ފަތިސް ނަމާދަށް ފަހު ޖަމީލުގެ ހަށިގަނޑު ވަޅުލީ އެވެ.
ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމަށް ފަހު ވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެގެ މެންދުރު 12:13 ގަ އެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގަ އެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ޖަމީލު އެންމެ ފަހު ވަގުތު ނަމާދުކުރާ ތަން، އެ ގޮޅީގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އޭނާ ނިޔާވެފައި އޮއްވައި ފެނުނީ ސަޖިދައިގައި އޮއްވަ އެވެ. އެ މައްސަލަ ތަހުގީގުކުރާ ހުރިހާ އިދާރާއަކަށް ސީސީޓީވީ ފުޓޭޖް ހިއްސާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.