ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ލިބުނު މީހުން އެ ތަންތަނަށް ބަދަލުވުމަށް، ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ތަން ގޮނޑުވެއްޖެ އެވެ.
އެފްޑީސީން މިހާރު ވަނީ 200 އެއްހާ ފްލެޓު ފިޔަވައި ހުރިހާ ފްލެޓުތަކެއް މީހުންނާ ހަވާލުކޮށްފަ އެވެ. ގިނަ ބަޔަކު އެ ތަންތަނަށް ދިރިއުޅުން ބަދަލުކުރަން އެކި މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފަރުނީޗަރާއި ތެލި ތައްޓާއި އޭސީ އާއި ޓީވީ ފަދަ އެކި ސާމާނުގެ ފޮށިތައް ފްލެޓްތަކުގެ ކޮރިޑޯ އާއި ދޮރުމައްޗާއި އެކި ތަންތަން ޖަމާކޮށްފައި އެބަހުއްޓެވެ. ބައެއް ޓަވަރުތަކުގެ ލިފްޓް ކައިރީ ވެސް ބޮޑެތި ކުނި ފުނިތައް ޖަހާފައިވެ އެވެ.
މި މައްސަލާގައި ޝަކުވާ އާއި ފާޑުކިޔުން ބޮޑުވެފައި ވާއިރު ބައެއް މީހުން ބުނަނީ ހުއްޓާނުލައި މަސައްކަތް ކުރަމުން ދާއިރު އަބަދު ކުނި އުކާލަން ދަތި ކަމަށެވެ.
"ކުޑަ ކުނިކޮޅެއް އުކާލަން ވެސް ބޮޑު ހަރަދެއް ހިނގާތީ، ކޮންމެ ފަހަރަކު ކުނި އުކުމުގެ ބަދަލުގައި ކުނި ގިނަވީމާ އުކާލަން ތިބެނީ. އެހެން ކުނި ބެހެއްޓޭނެ ގޮތެއް ހުރި ނަމަ ރަނގަޅުވާނެ،" އެތަނަށް ދިރިއުޅުން ބަދަލުކުރަން މަސައްކަތްކުރަމުން އަންނަ މީހަކު ބުންޏެވެ.
އޭނާ ބުނީ ކުރިން ހިޔާ ޓަވަރުތަކަށް މީހުން ބަދަލުވި އިރު ޓަވަރުތަކުގެ ކައިރީގައި ކުނި ޖަމާކުރަން ކޮށިތަކެއް ހަދާފައި ހުރި ކަމަށާއި ކުނި ގިނަވުމުން އޭރު އެޗްޑީސީން ކުނި އުކާލަދެނީ ކަމަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ ފްލެޓުގެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީން އުކާލާނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާއި ކުނިވާ ޒާތުގެ ތަކެތި ކަމަށެވެ. ބޮޑެތި ކުނިތަކާއި ފްލެޓަށް ބަދަލުވާއިރު އުފެދޭ ކުނި އުކާލުމުގެ ޒިންމާ އޮންނަނީ ފްލެޓް ލިބޭ މީހުންނަށް ކަމަށް ހަމްދާން ވިދާޅުވި އެވެ.
"އެގޮތަށް އެއްބަސްވެފައި އޮތް ނަމަވެސް ބައެއް ފަރާތްތަކުން އެކަމާ ހިލާފަށް، ފްލެޓުގެ ކޮރިޑޯތަކާއި ޓަވަރުގެ އެކި ސަރަހައްދުތަކަށް ދަނީ ކުނި ޖަމާކުރަމުން،" ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ އެއްބަސްވުން އެހެން އޮތް ނަމަވެސް އެފްޑީސީން އަންނަނީ ތަނުގެ ގޮނޑުކަން ފިލުވަން ކުނި އުކާލަމުންނެވެ. އޭނާ ވަނީ ފްލެޓުތަކުގެ ބޭރަށް ޖަމާކޮށްފައި ހުރި ކުނިތައް އެފްޑީސީގެ މުވައްޒަފުން ގޮސް ނަގާތީ ފެންނަ ފޮޓޯތަކެއް ވެސް "މިހާރު" އާ ހިއްސާކުރައްވައިފަ އެވެ.
އެކަަމަކު ވިދާޅުވީ ކުނި ނަގާއިރަށް އަނެއްކާ ކުނި އަޅަނީ ކަމަށެވެ.
ހަމްދާން ވިދާޅުވީ އާންމުން ވެސް ޒިންމާދާރުވެގެން ނޫނީ ތަން ސާފުކޮށް ނުބޭއްވޭނެކަން ފާހަގަކުރައްވައިފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވަނީ އަލަށް މީހުން ބަދަލުވަމުން ދިޔަ ޓަވަރެއްގެ ތިރިއަށް ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ އެތަނުގެ ފެން ހޮޅިތަކަށް ވެސް ގެއްލުން ވެފަ އެވެ.