ފަހި ދިިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން މިހާރު ހަވާލުނުކޮށް ހުރީ 200 އެއްހާ ފްލެޓު ކަމަށާއި އެއީ އެތަން ލިބުނު މީހުން އެދިގެން ހަވާލުކުރުން ފަސްކޮށްފައިވާ ފްލެޓުތައް ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ ޝެޑިއުލްކުރި ހުރިހާ ފްލެޓެއް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު 200 އެއްހާ ފްލެޓު އަދި ހަވާލުކުރުން ފަސްކޮށްފައިވާ ކަމަށާއި އެއީ އެތަން ލިބުނު މީހުން އެދިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

"މާލެއިން ބޭރުގައި އުމްރާއަށް ދިއުމާއި އެހެންކަންކަމުގައި މާލެއިން ބޭރުގައި އުޅޭތީ ހަވާލުނުކުރެވިފައި ހުރި ފްލެޓް އެއީ. އެ ފަރާތްތަކުން އެދިގެން އެ ފްލެޓު ހަވާލުނުކުރުން ފަސްކުރެވިފައި އެހެރީ. އަޅުގަނޑުމެން ޝެޑިއުލްކުރި ހުރިހާ ފްލެޓެއް މިހާރު ވާނީ ވެރިފަރާތާ ހަވާލުކޮށްފައި،" ހަމްދާން ވިދާޅުވި އެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި ވަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެއް އިމާރާތް ކޮށްފަ އެވެ. އޭރު ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހަކު ދައްކަން ޖެހެނީ 8،000ރ. އެވެ. އަދި ތިން ކޮޓަރީގެ ފްލެޓް މެއިންޓެނަންސް ފީއާ އެކު ދޭން ނިންމީ 11،500ރ. އަށެވެ.

އެކަމަކު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ބޮޑު ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަންތަނުގެ ކުލި ކުޑަކޮށްފަ އެވެ. މިހާރު ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މެއިންޓެނަންސްއާ އެކު 7،000ރ. އެވެ. އަދި އެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓު 15،000ރ. އިން 6،000ރ. ކަމަށް ވަނީ ބަދަލުކޮށްފަ އެވެ.

ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހު ކުއްޔަށް ދައްކަންޖެހޭވަރު 10،000ރ. ވަނީ ކުޑަކޮށްފަ އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 25،000ރ. އިން 8،500ރ. އަށް ކުޑަކޮށްފައިވެ އެވެ. 

އެ ފްލެޓުތަކުގައި މިހާރު ގިނަ ބަޔަކު އަންނަނީ ދިރިއުޅެމުންނެވެ.