އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީ އިންތިހާބުގެ ޓައިމްލައިން، އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހިއްސާކޮށްފި އެވެ.

އެ ކޮމިޝަނުން ވަނީ އިންތިހާބުގެ ކަންކަން ރާވާފައިވާ ގޮތުގެ ތަފުސީލުތައް، އިންތިހާބަށް ލަފާދޭ ގައުމީ ކޮމެޓީ މެމްބަރުންނާ ހިއްސާކޮށްފަ އެވެ.

އެ ޓައިމްލައިނުގައިވާ ގޮތުން، ދެން އެންމެ އަވަހަށް އޮންނާނީ ވޯޓުލާން ރީ-ރަޖިސްޓްރީކުރަން ހުޅުވާލުމެވެ. އޭގެ އިތުރުން، އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ގުރުއަތު ނެގުމާއި ނަން އިއުލާންކުރާނީ މި މަހުގެ ދެ ވަނަ ހަފުތާގަ އެވެ. އެއާ އެކު، ކެމްޕެއިން ކުރުމުގެ ހުއްދަ ދޭނެ ކަމަށް އީސީން ބުންޏެވެ.

ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގަ އެވެ. އެ ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން އަންނަ މަހުގެ ދެ ވަނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިންތިހާބުގެ ޓައިމްލައިން އީސީން ގައުމީ ކޮމެޓީއާ ހިއްސާކުރިއިރު، އެ މައުލޫމާތުތައް ނުދޭތީ އެމްޑީޕީން ވަނީ އިއްޔެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބުގެ ޓައިމްލައިން ހާމަކޮށްފައި ނުވާތީ ކެންޑިޑޭޓުންގެ ނަން ގެންދެވޭނެ ފަހު ތާރީހެއް ނޭނގޭ ކަމަށެވެ.

އެއީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން ދޭ ޖާގައެއް ކަމަށާއި އަދި ބައެއް ކެންޑިޑޭޓުންނަށް ގުޅައި، ނަން ނެގުމަށް ބޮޑެތި ހުށަހެޅުންތަކާ އެކު އެދެމުންދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. 

"ޓައިމްލައިން ހާމަނުކޮށް، މި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ނެގޭނެ އެންމެ ފަހު ތާރީހަކީ ކޮބައިކަމެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ. ގުރުލުމާ ހަމައަށް އެކަން ކުރެވޭނެ ކަމަށް ފާހަގަކުރާއިރު، އެއީ ކޮން ދުވަހަކުން ކުރެވޭނެ ކަމެއް ކަމަށް ވެސް އިލެކްޝަނުން ނުބުނި،" ވަހީދު ވިދާޅުވި އެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި، އެކި ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ މީހުންނާ އެކު، ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.