ރާއްޖޭގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމެޓީ އަދި ފެންނަ ނުފެންނަ ވޯޓަކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިޔަ އިންތިހާބެއް ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަން ފެށުމުގެ ކުރިން، ދައުލަތުގެ މީޑިއާ މެދުވެރިކޮށް ޒާހިދު ދެއްވި ހިތާބުގައި ވިދާޅުވީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،576 މީހުންގެ ތެރެއިން 215،346 މީހުން ވޯޓު ދީފައިވާ ކަމަށެވެ.
އެއީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓު ދިން ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"2026، ހަތަރެއް އޭޕްރީލް ވީ ހޮނިހިރު ދުވަހު ބޭއްވިގެން ދިޔަ އިންތިހާބުތަކަކީ މިނިވަންކަމާ އެކު، އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސްފައިވާ އިންތިހާބުތަކެއް،" ޒާހިދު ވިދާޅުވި އެވެ.
އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް މިހާރު ވަނީ ނިމިފަ އެވެ. ބައެއް ދާއިރާތަކުގެ ވޯޓު އެއްވަރުވުމުން ދެ ވަނަ ބުރެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް، އެ ދާއިރާތަކުގެ ތަފިސީލެއް އަދި ނުލިބެ އެވެ.
ޒާހިދު ވިދާޅުވީ ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
އިންތިހާބުތައް އޮބްޒާވްކުރަން ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކުން 1626 މީހުން އަދި ބޭރުގެ 38 ފަރާތެއް ބައިވެރިވި އެވެ. ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4،021 މީހުން އަދި މޮނީޓަރުންގެ ގޮތުގައި 3،275 މީހުން ބައިވެރިވި އެވެ.
އީސީން ބުނީ އިންތިހާބުތަކާ ގުޅޭގޮތުން ޖުމްލަ 170 ޝަކުވާއެއް، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވާ ކަމަށެވެ. ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެ ޝަކުވާތަކާ މެދު ހިތްހަމަނުޖެހޭ ނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހައި ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.