މި އަހަރު ވެސް ރޯދައަށް ގޭގެއިން އުކާލަން ބޭނުންވާ ތަކެތީގެ ތެރެއިން ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންވާ ގޭގެއަށް ހަދިޔާކުރަން "އެއް ގެއިން އަނެއް ގެއަށް" ކެމްޕޭން މާދަމާ ފަށަން އެޗްޑީސީން ނިންމައިފި އެވެ.  

މިދިޔަ އަހަރުގެ ރޯދައާ ދިމާކޮށް ވެސް އެޗްޑީސީން އެ ކެމްޕޭން ކުރިއަށް ގެންދިޔަ އެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކުރާއިރު، ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ގިނަ ތަކެތި ވެސް ހިމެނެ އެވެ.

ރޯދަ މަހަށް "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމަށް އެޗްޑީސީން ކުރިއަށް ގެންދާ ކެމްޕޭނުގައި މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެޗްޑިސީ

އެޗްޑީސީން ބުނި ގޮތުގައި އެ ކެމްޕޭނަށް ހުޅުމާލޭގެ ކޮންމެ ގެއަކުން ވެސް ތަކެތި ހަދިޔާ ކުރެވިދާނެ އެވެ.  ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ކެމްޕޭންގެ ދަށުން ގޭގެއިން ތަކެތި ނެގުމަށް ފަހު އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިދޭނެ އެވެ.

ރޯދަ މަހަށް "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމަށް އެޗްޑީސީން ކުރިއަށް ގެންދާ ކެމްޕޭނުގައި މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެޗްޑިސީ
ރޯދަ މަހަށް "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމަށް އެޗްޑީސީން ކުރިއަށް ގެންދާ ކެމްޕޭނުގައި މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެޗްޑިސީ

ތަކެތި ދޫކުރާ ގަޑިތައް:

އާދިއްތަ-ހުކުރު: ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް

ހޮނިހިރު ދުވަސް: ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް

މިފަދަ ކެމްޕޭނެއްގެ ބޭނުމަކީ، އެޗްޑީސީން ބުނި ގޮތުގައި، ރޯދަ މަހަށް އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި ބޭނުންޖެހިފައިވާ މީހުންނަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ.

ރޯދަ މަހަށް "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމަށް އެޗްޑީސީން ކުރިއަށް ގެންދާ ކެމްޕޭނުގައި މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެޗްޑިސީ
ރޯދަ މަހަށް "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމަށް އެޗްޑީސީން ކުރިއަށް ގެންދާ ކެމްޕޭނުގައި މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެޗްޑިސީ

އޭގެ އިތުރުން ރޯދަ މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް އަލުން ބޭނުންކުރުމަށް ބާރު އެޅުމަކީ ވެސް މިފަދަ ކަމެއް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ކަމަށް އެޗްޑީސީން ބުންޏެވެ. 

އެ ޕްރޮގްރާމަށް ތަކެތި ހަދިޔާކުރަން ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ އެޗްޑީސީގެ ހޮޓްލައިން ނަމްބަރު 7412111 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.