ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ވަގުުތީ މާރުކޭޓެއް އެޅުމަށް އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ އެ މާރުކޭޓު ތަރައްގީކުރަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައި ކަމަށެވެ.
ޖުމްލަ 24 ގޮޅި ހުންނަ ގޮތަށް އަޅާ އެ މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާރުކޭޓުގެ މަސައްކަތް ނިމުމުން ގޮޅި ލިބޭ މީހުން ހޮވާނީ އާންމުކޮށް އިއުލާނު ކޮށްގެން ކަމަށް އެޗްޑީސީން ބުންޏެވެ.
އެއީ ރޯދަ މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު މޭވާ އާއި ތަރުކާރީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހަދާ ވަގުތީ މާރުކޭޓެކެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.