ރާއްޖޭގައި އޭ ލެވެލް އިމްތިހާނު މިހާރު އޮންނަ ގޮތުން ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އެ އިމްތިހާނު މެއި/ޖޫން މަހު ވެސް އަލުން ބާއްވަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރު ނޫސްބަޔާނެއްގައި ބުނީ ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭ ލެވެލް އެޑެކްސެލް މާއްދާތަކުުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މި އަހަރުން ފެށިގެން މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބާއްވަން ނިންމާފައިވާ ކަމަށެެވެ.

ބަޔާނުގައިވާ ގޮތުން އެ އިމްތިހާނާ ބެހޭ މައުލޫމާތު އަންނަ ބުދަ ދުވަހުން ފެށިގެން ޕަބްލިކް އެގްޒެމިނޭޝަން ޑިޕާޓުމަންޓުން އާއްމުކުރަމުން ގެންދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މޭ/ޖޫންގައި އޭލެވެލް އެޑެކްސެލް އިމްތިހާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެ އިން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ހަރަދަށް އެކަނި ވެސް އެވްރެޖްކޮށް 30،000ރ. އަށް ވުރެ ގިނަ ފައިސާ ހަރަދުވާކަން ތަފާސްހިސާބުތަކުން އެ މިނިސްޓްރީއަށް ވަނީ އެނގިފަ އެވެ.

ކޮވިޑުގެ ކުރިން އޭ ލެވެލް އިމްތިހާނު މެއި/ޖޫންގައި ބޭއްވި އެވެ. އެކަމަކު ކޮވިޑާ އެކު ތައުލީމީ ދާއިރާ އަށް ގެނައި ބޮޑު ބަދަލުތަކުގެ ތެރޭގައި ދިރާސީ އަހަރު ދިގު ދަންމާލައި، އޭ ލެވެލް އިމްތިހާނު 2020 ގައި ބަދަލުކުރީ އޮކްޓޯބަރު/ނޮވެމްބަރަށެވެ. 

އޭގެ ފަހުން އޭ ލެވެލް އިމްތިހާނު ރާއްޖޭގައި ހަދަނީ ހަމައެކަނި އޮކްޓޫބަރު/ނޮވެމްބަރުގަ އެވެ. މިގޮތަށް އިމްތިހާން ބަދަލުކުރުމުން އޭ ލެވެލްގެ ނަތީޖާ ދަށްވެއްޖެ ނަމަ އަވަހަށް ރިސިޓް ހެދުމަށާއި އޭ ލެވެލްގެ ގަދަ 10 ގައި ހިމެނި، ސްކޮލާޝިޕް ހޯދަން ދަރިވަރުންނަށް އޮންނަ ފުރުސަތު ގެއްލެ އެވެ. 

އޭ ލެވެލް އިމްތިހާނުގެ ނަތީޖާ އިއުލާން ކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަދަ 10 އިއުލާންކުރާއިރު، ރިސިޓް ހަދައި ދަށްވި ނަތީޖާ ރަނގަޅު ކުރެވެން ރާއްޖޭގައި އޮންނަނީ އެއް އަހަރު ފަހުންނެވެ. 

މިކަމަށް ހައްލެއް ހޯދަން އެޑިއުކޭޝަން މިނިސްޓްެރީ އަށް ހުށަހަޅަން ޕެޓިޝަން ތައްޔާރުކުރި ދަރިވަރުން ބުނީ އޭ ލެވެލް އިމްތިހާނު އަހަރު ފަހުކޮޅުގައި އެކަނި ބާއްވަން ޖެހުމުން ދަރިވަރުންގެ ވަރަށް ގިނަ ވަގުތު ގެއްލޭ ކަމަށެވެ. އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެ ނަމަ ރިސިޓް ހަދަން ވެސް ފުރުސަތު ލިބެނީ އެއް އަހަރު ފަހުން ކަމަށް އެ ދަރިވަރުން ބުންޏެވެ.