ރާއްޖޭގައި އޭ ލެވެލް އިމްތިހާނު މިހާރު އޮންނަ ގޮތުން ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އިމްތިހާނު މެއި/ޖޫންގައި ވެސް ބާއްވައިދޭން އެދި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. 

ކޮވިޑުގެ ކުރިން އޭ ލެވެލް އިމްތިހާނު މެއި/ޖޫންގައި ބޭއްވި އެވެ. އެކަމަކު ކޮވިޑާ އެކު ތައުލީމީ ދާއިރާއަށް ގެނައި ބޮޑު ބަދަލުތަކުގެ ތެރޭގައި ދިރާސީ އަހަރު ދިގު ދަންމާލައި އޭ ލެވެލް އިމްތިހާނު 2020 ގައި ބަދަލުކުރީ އޮކްޓޯބަރު/ނޮވެމްބަރަށެވެ. 

އޭގެ ފަހުން އޭ ލެވެލް އިމްތިހާނު ރާއްޖޭގައި ހަދަނީ ހަމައެކަނި އޮކްޓޫބަރު/ނޮވެމްބަރުގަ އެވެ. މިގޮތަށް އިމްތިހާން ބަދަލުކުރުމުން އޭ ލެވެލްގެ ނަތީޖާ ދަށްވެއްޖެ ނަމަ އަވަހަށް ރިސިޓް ހެދުމަށާއި އޭ ލެވެލްގެ ގަދަ 10 ގައި ހިމެނި، ސްކޮލާޝިޕް ހޯދަން ދަރިވަރުންނަށް އޮންނަ ފުރުސަތު ގެއްލެ އެވެ. 

އޭ ލެވެލް އިމްތިހާނުގެ ނަތީޖާ އިއުލާންކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަދަ 10އެއް އިއުލާންކުރާއިރު، ރިސިޓް ހަދައި ދަށްވި ނަތީޖާ ރަނގަޅު ކުރެވެން ރާއްޖޭގައި އޮންނަނީ އެއް އަހަރު ފަހުންނެވެ. 

މިކަމަށް ހައްލެއް ހޯދަން ޕެޓިޝަން ހަދާ ބައެއް ދަރިވަރުން ބުނީ އޭ ލެވެލް އިމްތިހާނު އަހަރު ފަހުކޮޅުގައި އެކަނި ބާއްވަން ޖެހުމުން ދަރިވަރުންގެ ވަރަށް ގިނަ ވަގުތު ގެއްލޭ ކަމަށެވެ. އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެ ނަމަ ރިސިޓް ހަދަން ވެސް ފުރުސަތު ލިބެނީ އެއް އަހަރު ފަހުން ކަމަށް އެ ދަރިވަރުން ބުންޏެވެ. 

ސްކޫލެއްގެ ކުދިންގެ އިމްތިހާނު ކުރިއަށް ދާކަން އަންގަން ބޯޑެއް ބަހައްޓާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސްކޫލެއްގެ ކުދިންގެ އިމްތިހާނު ކުރިއަށް ދާކަން އަންގަން ބޯޑެއް ބަހައްޓާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރިސިޓް ކުރަން އޮންނަ އެއް ގޮތަކީ ގްރޭޑް 12ގެ އޭ2 ޓެސްޓާ އެކު އޮކްޓޫބަރު/ނޮވެމްބަރު ރާއްޖޭގައި ހެދުމެވެ. ނަމަވެސް ދަރިވަރުންގެ ޝަކުވާއަކީ ކިޔަވަން ލިބޭ ވަގުތު މަދުވުމާއި ފާސް ނުވި ހުރިހާ ޓެސްޓެއް އެއްފަހަރާ ހަދަން ޖެހުމެވެ.

ދަރިވަރުން އަވަހަށް ޓެސްޓް ހަދަން ބޭނުން ނަމަ އޮތް ގޮތަކީ ރާއްޖެ އިން ބޭރު ގައުމަކަށް ގޮސް މެއި/ޖޫން އިމްތިހާނުގައި ބައިވެރިވުމެވެ. 

"ލަންކާއަށް ޓެސްޓު ހަދަން ދިއުމަކީ ކޮންމެ ދަރިވަރަކަށް ކުރެވޭނެ ކަމެއް ނޫން. ޓިކެޓާއި ހުރުމުގެ ހަރަދާއި ކެއުމުގެ އިތުރުން ޓެސްޓުގައި ބައިވެރިވާން އެ ދާ ހަރަދު ވަރަށް ބޮޑު. މޭ/ޖޫންގައި ރާއްޖޭގައި ޓެސްޓު ނުހެދޭތީ ދެން ނީނދޭ އިތުރު ގޮތެއް،" ދަރިވަރަކު ބުންޏެވެ.

"އެ ދުވަސްވަރު ލަންކާއަށް ޓެސްޓުގައި ބައިވެރިވާން ހިނގައްޖެ ނަމަ ކިޔެވުމުގެ ވަރަށް ގިނަ ދުވަސްތައް އެބަ ގެއްލޭ. އެ ދުވަސްކޮޅަކީ އޭ2 ޓެސްޓަށް އެންމެ ގިނައިން ކިޔަވައިދޭ ދުވަސްކޮޅު. ޓެސްޓް ނިންމާފައި ލަންކާއިން އަންނަ އިރު ކިޔަވައިދިން އެއްޗެހި ނޭނގިފައި އޮންނަނީ."

އިމްތިހާނު ހެދުމަށް ވިލާ ހައި ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމަށް ވަންނަން ދަނީ.- ފޮޓޯ: ވިލާ ހައި ސްކޫލު
އިމްތިހާނު ހެދުމަށް ވިލާ ހައި ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމަށް ވަންނަން ދަނީ.- ފޮޓޯ: ވިލާ ހައި ސްކޫލު

ދަރިވަރުންގެ ޝަކުވާއަކަށް ދެން ވީ ގްރޭޑް 12 ނިންމައި އޭ ލެވެލް ގަދަ 10 އަދި ސްކޮލާޝިޕް ލިބޭ ދަރިވަރުން އިއުލާން ކުރާތީ އެ ޓެސްޓުތަކުގައި ބައިވެރިވުމުގެ ވަގުތު ދިގުލައިގެން ގޮސް ސްކޮލާޝިޕް ހޯދަން އޮންނަ މުއްދަތު ދިގުލައިގެން ދިއުމެވެ.

"މިހާރު އޮތްގޮތުން އޭލެވެލް ގަދަ 10 އަށް ދާނީ ގްރޭޑް 11 ގައި ރަނގަޅަށް ކިޔެވިއްޖެ ނަމަ އެކަނި. ގިނަ ކުދިންނަށް މި ވާގޮތަކީ އޭ ލެވެލްގެ ޓެސްޓު ވީމާ ގްރޭޑް 11 ގައި ދޫކޮށްލެވެނީ މާބޮޑަށް ނޫނީ އެ ޓެސްޓު އާވީމާ ރަނގަޅު ނަތީޖާއެއް ނުގެނެވެނީ،" ދަރިވަރަކު ބުންޏެވެ.

ޕެޓިޝަންގެ ކަންކަމާ އުޅޭ ދަރިވަރުން ބުނަނީ އޭ ލެވެލް މޭ/ޖޫންގައި ވެސް ހެދޭ ގޮތަށް ބަދަލުކޮށްފި ނަމަ ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެ، ފާސްވާ ކުދިންގެ އަދަދު ވެސް އިތުރު ވާނެ ކަމަށެވެ.