އިންތިހާބުގެ "ހުމެއްގައި" އަބަދު ތިބުމަށް ވުރެ ރަނގަޅީ ދެ އިންތިހާބު އެއްކޮށްލުން ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރު އާދަމް ޝަރީފާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ.
އެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނާއި ވެރިންނާއި މަޖިލީހަށް ވެސް އެންމެ ފައިދާ ވާނީ އިންތިހާބުތައް މަދުކޮށް، ރައްޔިތުންނަށް ބާރު ލިބިގެން ކަމަށެވެ. އެކަމުގައި ރައްޔިތުން ދެކޭ ގޮތް ބަލައިގެން ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމަކީ ޕީއެންސީން އެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ގައުމުގައި އަބަދު އިންތިހާބުގެ ހުމެއްގެ ތެރޭގައި އަޅުގަނޑުމެން ތިބުމަށް ވުރެ މުޅި ގައުމަށްޓަކައި ވެސް އަދި ރައްޔިތުންނަށް ވެސް އަދި ހަމަ އެއާ އެކީގައި ދައުލަތެއް ހިންގަން އެއިރެއްގައި ތިއްބަވާ ވެރިންނަށް ވެސް، ރައްޔިތުން މަޖިލީހަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ ފައިދާވާނީ އިންިތިހާބުތައް މަދުކޮށްފައި ރައްޔިތުންނަށް ބާރުލިބުން..." އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ ބަސް، ރައްޔިތުން ދެކޭ ގޮތް ބަލައިގެން މިހާރު މި ރޭވިފައި އޮތް ގޮތަށް، ހުށަހެޅިފައި އޮތް ގޮތަށް ގާނޫއަސާސީއަށް އިސްލާހު ގެނައުމަކީ އަޅުގަނޑުމެންގެ ޕާޓީން ހަމަ ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް،" އާދަމް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ކަމަށް ގަބޫލު ކުރައްވާ ފައިދާތަކުގެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެގޮތަށް ބަދަލު ކުރުމުން ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންނާއި މަޖިލީހަށް ވާދަކުރައްވާ ބޭފުޅުން އިންތިހާބަށް ނުކުމެވަޑައިގަންނަވާނީ ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ އިޖުތިމާއީ މައްސަލަތައް މަދުވެ މަލްޓިޕާޓީގެ ރޫހު އިތުރުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ ރިފަރެންޑަމް އަވަސްކުރުން ގޯސް ކަމަށް
ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ ވޯޓު އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުއެކީގައި ބާއްވަން މިނިވަން މުައައްސަސާތަކުގެ ކޮމިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ. އެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެކޭ ގޮތް ވެސް މިއަދު ބެލި އެވެ.
އޭގެ ފަހުން ސިޔާސީ ޕާޓީތަކާ އެކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ މެދު ހިޔާލު ހޯދާ ރިފަރެންޑަމް ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއަށް ލައިގެން ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ތިބޭފުޅުން މިގޮތަށް އަމަލުކުރެއްވުމުގެ ނަތީޖާއަކީ ހަގީގަތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި މި ބުނާ ބަދަލު ގެނައުމަށް، ރައްޔިތުންގެ ކައިރިއަށް ގެންދަން ޖެހޭ ޒާތުގެ ކަންތައްތަކަށް ރައްޔިތުންނަށް އިންފޯމްޑް ޑެސިޝަން އެއް ނެގުމުގެ ފުރުސަތު ނުލިބުން،" ހިސާން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމަށް އެމްޑީޕީއަށް ލިބުނު ނޯޓިސްގެ ވަގުތު ކުރުކަމުން ޕާޓީގެ ތެރޭގައި މަޝްވަރާކޮށްގެން ގޮތެއް ނިންމާނެ ވަގުތު ނުލިބުނު ކަމަށާއި އެހެންވީމާ އެ ޕްރޮސެސްގައި ބައިވެރި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކުގެ ތެރެއިން ދެ އިންތިހާބު އެއްކޮށްލަން ތާއީދުކުރާ ކަމަށް ބުނީ އަދާލަތުޕާޓީ އާއި އެމްޑީއޭ އިންނެވެ. ޕީއެންއެފް އިން ބުނީ އެ ބިލަށް ތާއީދު ނުކުރާ ކަމަށެވެ.