ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެެއްގައި ބާއްވަން ތާއީދު ކުރާކަން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން މިރޭ ހާމަކޮށްފި އެވެ. 

އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ފުރިހަމަ އަށް ތާއީދުކުރެ އެވެ. އެއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި ގައުމުގެ ސުލްހަމަސަލަސް ކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ޕާޓިން ދެކޭ ކަމަށް އެމްޑީއޭ އިން ބުންޏެވެ. 

އެމްޑީއޭ އިން ބުނީ އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އެއްބަސްވާ ކަމަށެވެ. އަދި އެއީ ގައުމުގެ ކުރިމަގަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ. 

އެހެންވެ، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ކުރަމުން އަންނަ މަސައްކަތަށް ސަރުކާރަށް މަރުހަބާ ކިޔަމުން އެމްޑީއޭ އިން ބުނީ ޕާޓީ އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށެވެ. 

އެމްޑީއޭ އިން ބުނީ އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައަޅަން ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން އޭނާ އަބަދުވެސް އިސްކަން ދެއްވަނީ އިގުތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް ކަން އެމްޑީއޭ އިން ފާހަގަކުރެ އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، އެ ބިލު ސަރުކާރުގެ މެންބަރުންގެ ތާއީދާ އެކު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އެ ބިލު ތަސްދީގު ކުރުމުގެ ކުރިން އާންމު ވޯޓެއް ނަގަން ޖެހެ އެވެ. އެ ވޯޓު އޮންނާނީ އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން ކެމްޕެއިން ކުރަމުން އަންނައިރު، އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ދަނީ ވަކާލާތު ކުރަމުންނެވެ. އެ ޕާޓީން ވަނީ އެ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.