ރިޔާސީ އިންތިހާބާއި ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރިފަރެންޑަން ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވޭނީ ގާނޫނުއަސާސީ އަށް ގެންނަ ބަދަލުގެ މަަސައްކަތް މިމަހުގެ 18 ގެ ކުރިން ނިންމައިގެން ކަމަށް އިލެކްޝަންް ކޮމިޝަން (އީސ) އިން މިއަދު ބުނެފި އެވެ.

ދެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް، ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދަން ބާއްވާ ރިފަރެންޑަމްގެ ކުރިން ރައްޔިތުން ހޭލުންތެރިކުރަން 45 ދުވަހުގެ މުހުލަތެއް ދޭން ޖެހޭ ކަމަށެވެ. އެއީ ރިފަރެންޑަމް ބޭއްވުމާ ބެހޭ ގާނޫނުން ލާޒިމްކުރާ ކަމެކެވެ.

މިނިވަން މުައްސަސާތަކުގެ ކޮމިޓީން މިއަދު ބައްދަލުވުމެއް ބޭއްވީ ދެ އިންތިހާބު އެއްކޮށްލާ ބިލަށް ސިޔާސީ ޕާޓީތަކާއި އީސީގެ ހިޔާލާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާށެވެ. އެ ބައްދަލުވުމުގެ ފުރަތަމަ ދަންފަޅީގައި ބައިވެރިވީ އީސީއާއި އޭޖީ އޮފީހުގެ ބޭފުޅުންނެެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޒާހިދާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މަޝްވަރާއެއް ކުރައްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޒާހިދާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މަޝްވަރާއެއް ކުރައްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

"ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބާ [ރިފަރެންޑަމް އާ] މި ދޭތި އެއްވެގެން އަޅުގަނޑުމެންނަށް ބޭއްވޭނީ އެގޮތަށް ބަލާއިިރު އެންމެ ފަހުގެ ތާރީހަކަށް ވެސް 18 ފެބްރުއަރީގައި އަޅުގަނޑުމެންނަށް މިކަން ނިމިގެން އަންނަން ޖެހޭނެ، ހުރިހާ މަރުހަލާތަކެއް ނިމިގެން،" ޒާހިދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު ރިފަރެންޑަމް ބާއްވަން ޖެހުނަސް، އީސީ އޮތީ އެކަމަށް ތައްޔާރަށެވެ. ނަމަވެސް އެކަމަށް އިތުރަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ ރައީސް ވިދާޅުވީ، އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވަނީ ކަރުދާސް ޗާޕްކުރުމަށާއި އޮފިޝަލުން އިތުރަށް މަސައްކަތް ކުރަން ޖެހުން ނުވަތަ އިތުރަށް އޮފިޝަލުން ހޯދަން ޖެހޭނެތީ އެވެ.

އެކަމަކު، ރިފަރެންޑަމް ވަކިން އެހެން ތާރީހެއްގައި ބާއްވާ ނަމަ އެކަމަށް 60 މިލިއަން ރުފިޔާ އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދުވާނެ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.

"އެކަމަކު އެއްކޮށް ބާއްވާ ކަމަށް ވަންޏާ މިދަންނަވާ ހެން 20 މިލިއަން އިން އަޅުގަނޑުމެންނަށް ވާނެ،" ޒާހިދު ވިދާޅުވި އެވެ. 

ރިފަރެންޑަމް ބާއްވަން 20 މިލިއަނުން ފުދޭނީ އެހެން ނަމަވެސް އެންމެ ފަހު ވަގުތު މަތިންދާބޯޓު ޗާޓަރު ކޮށްގެން ވޯޓުފޮށްޓާއި ކަރުދާސް ފޮނުވުން ކަހަލަ ކަންތައްތައް ކުރަން ނުޖެހިއްޖެ ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޭލުންތެރި ކުރަން ބޮޑު މަސައްކަތެއް ކުރަން ޖެހޭ

ޒާހިދު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ވާތީ ރައްޔިތުންނަށް އެކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.

"އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ އެގޮތަށް ގެންދަވާ ކަމަށް ވަންޏާ [ލޯކަލް ކައުންސިލް އިންތިހާބާ އެކު ރިފަރެންޑަމް ބާއްވާ ނަމަ] ވީހާ އަވަހަކަށް، މި ދެ ޕްރޮސެސް، މާނައަކީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އަށް ބަދަލުގެނައުމާއި އަދި ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ރައްޔިތުންގެ މަޖިލީހުންް ކަމަށް ވިޔަސް ވީހާ އަވަހަކަށް ގަރާރު ނެރުއްވާ، ވީހާ އަވަހަަކަށް އަޅުގަނޑުމެންނާ ހަމައަށް މިކަން ކުރެވޭނެ ގޮތްތަކެއް ހައްދަވާ ދެއްވުމަކީ މުހިއްމުކަމެއް،" ޒާހިދު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގަލޮ ޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގަލޮ ޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެއީ އެކަމާ ބެހޭ މައުލޫމާތު ރައްޔިތުންނަަށް ދޭން ވަގުތު ބޭނުންވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިފަރެންޑަމް ބޭއްވުމާ ބެހޭ ގާނޫނުގައި ބުނާ 45 ދުވަަހަކީ ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން އެކަށީގެންވާ ވަގުތެއްތޯ، ގަލޮޅުދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ޒާހިދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި އޮތް ގޮތަށް އީސީން އަމަލުކުރާނެ ކަަމަށެވެ. އެހެންވެ، އީސީގެ ރައީސްގެ ހައިސިއްޔަތުން ޒާހިދުގެ ހިޔާލު އެކަމުގައި ފާޅުކުރައްވަން މީކާއިލް ތަކުރާރުކޮށް އެދިވަޑައިގަތުމުން އެ މަސައްލަ ހޫނުވެ، ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު އާއި މީކާއީލްއާ ދެމެދު ކޮމިޓީ ބައްދަލުުވުމުގައި މިއަދު ޒުވާބެއް ވެސް ހިނގި އެވެ.