ހުޅުމާލޭ 2 ގެ ހިޔާ ފްލެޓުގައި ހުކުރު ދުވަހުގެ ހަވީރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށް ދެ ދުވަސްވީރު އަދިވެސް އެތަނުގެ މަރާމާތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފި އެވެ. 

ދޭތެރެއަކުން އަލިފާނުގެ ހާދިސާތައް ހިނގިޔަސް މިއީ ހިޔާ ފްލެޓަށް މީހުން ބަދަލުވި ފަހުން އެތަނުގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގައި 38 ފްލެޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވި އެވެ. 

ހިޔާ ފްލެޓަށް ހާއްސަކޮށްފައިވާ ވައިބާ ގްރޫޕަށް އެޗްޑީސީން ފޮނުވި މެސެޖުގައި ބުނީ ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެޕާޓްމަންޓް 6 އަދި 7 ގެ މައި ހޮޅިއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

އެހެންވެ އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ އެޕާޓްމަންޓްތަކުގެ ފުރަތަމަ ފަހާނާގެ އެކްސެސް ދިނުމަށް އެދިފައިވެ އެވެ. އަދި ދެ ކޮޓަރީގެ ފާހާނާ ބޭނުންނުކުރުމަށް ވެސް އެޗްޑީސީން އެދިފައިވެ އެެވެ.

"މިކަމުގެ ސަބަބުން ފުލެޓުގައި ދިރިއުޅުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ،" އެޗްޑީސީން ފޮނުވި މެސެޖުގައިވެ އެވެ. 

ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މީހުން އިމާރާތުން ނެރެނީ. -- ފޮޓޯ: މިހާރު
ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މީހުން އިމާރާތުން ނެރެނީ. -- ފޮޓޯ: މިހާރު

އޭސީ އައުޓް ޑޯ ޔުނިޓެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި 18 ފްލެޓެއްގައި ތިބި 85 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުގައި ދުން އަރާފައި ވަނީ އިމާރާތުގެ އެންމެ މަތިން ވައި ގޮޅިއާ ދިމާލުންނެވެ. އެކަމަކު ރޯވީ އިމާރާތުގެ 15 ވަނަ ބުރީގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގަ އެވެ. އެ ތަނުގައި ރޯވި އަލިފާނާ އެކު އެ ވައިގޮޅީގައި ހުރި ހުރިހާ ހޮޅިތަކެއް ވަނީ އަނދައިފަ އެވެ.

ހުކުރު ދުވަހުގެ އިރުއޮއްސުނު ހާއިރު ރޯވި އެ އަލިފާންގަނޑު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ މާގިނައިރުތަކެއް ނުވެ ނިއްވާލައިފަ އެެވެ.

ހިޔާ ޓަވަރުތަކުގައި ދޭތެރެ ދޭތެރެއިން އަލިފާނުގެ އެކި ވަރުގެ ހާދިސާތައް ހިނގަ އެވެ. އެތައް ހާސް ބަޔަކު އުޅޭ އެ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުވެފައި ނެތްކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.