ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބޭއްވެވި ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހުރިހާ ކަމެއް އޭނާއާ ހިއްސާކުރައްވައި އާދަޔާ ހިލާފު ގާތް ގުޅުމެއް ބޭއްވިކަން ހާމަވެއްޖެ އެވެ. 

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ގެންދެވީ ނައިބު ރައީސްކަމުގައި ހުންނެވި ދުވަސްވަރާއި ރައީސްކަމުގައި ހުންނެވި އިރު އަދި ވެރިކަން ނިިމުނު ފަހުން ވެސް ރާއްޖޭގެ ވަރަށް ތަފްސީލު އަދި ހައްސާސް މައުލޫމާތުތައް ވެސް އެޕްސްޓެއިންއާ ހިއްސާ ކުރައްވަމުންނެވެ.

އެ މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދާއި އެޕްސްޓެއިންގެ ގުޅުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެހެންވެ، މިއީ އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުކޮށް، ޖަލަށް ލައި އެތައް މަހެއް ވަންދެން ބަންދުގައި ހުރުމަށް ފަހު ދޫކޮށްލި ފަހުން ބޭއްވި ގުޅުމެކެވެ. 

އެކަމަކު މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ވަހީދު މިހާތަނަށް ވާހަކަފުޅެއް ނުދައްކަވަ އެވެ. 

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަހީދު އެތައް މެއިލްއެއް ފޮނުއްވާފައި ވާއިރު، އެޕްސްޓެއިން އެންމެ ފާހަގަކޮށްލެވޭ އެއް އީމެއިލަކީ 2013 ވަނަ އަހަރުގެ  ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ފޮނުއްވި މެއިލް އެކެވެ.

"އިންތިހާބު މިވީ ކުރިން ލަފާކުރި ވަރަށް ވުރެ މާ އުނދަގޫ ކަމަކަށް. އިންޑިއާއިން ދަނީ އިންތިހާބަށް  ނުފޫޒު ފޯރުވަމުން، އަދި ނަޝީދު ފުރަތަމަ ބުރު ވަގަށް ނަގަން އެ ގައުމުން ވަނީ އެހީވެފައި،" އެ އީމެއިލްގައި ވަހީދު ވިދާޅުވެފައިވެ  އެވެ.

މީގެ ތެރެއިން އެއް މެއިލްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިންތިހާބުގައި "ރަނގަޅު ފިލާވަޅެއް" ދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. ވަހީދު އެ މެއިލްގައި ވިދާޅުވެފައި ވަނީ މައުމޫން ޖެހޭނީ ރިޓަޔާ ކުރައްވައިގެން ދުރުގައި ހުންނަވަން ކަމަށެވެ. 

މީގެ އިތުރުން 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި ކުރީގެ ރައީސް ނަޝީދު ޖަލުން ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އެކަމަކު ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިބިދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައިވެ މެއިލް ހިމެނެ އެވެ. 

މެއިލްތަކުން އެނގޭ ގޮތުގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ރާއްޖޭގެ ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް އެޕްސްޓެއިންއާ ގުޅިގެން ކުރިއަށް ގެންދަވަން ވަހީދު އުޅުއްވި އެވެ. އަދި އެކަމާ ގުޅޭ ފީޒިބިލިޓީ ރިޕޯޓެއް ހަދައި ހިއްސާކުރެއްވި އެވެ.

އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.

އެ މުއާމަލާތްތަކުގައިވާ ގޮތުން ވަހީދު، އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ބޮޑެތި ކަންްތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓެރެޓެޖީ ހިމެނެ އެވެ. 

މީގެ ކުރިން ހާމަކުރި އީމެއިލްތަކުން އެނގޭ ގޮތުގައި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން އެ މަނިކުފާނު އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ފުރަތަމަ ކަމަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރައިފާނެ ގޮތަކަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރު އެކުލެވޭ ޕްރޮޕޯސަލެއްގެ ކަންތަކެވެ.

އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަން 2005 ވަނަ އަހަރު ހައްޔަރުކުރި އެވެ.

އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.

އޭގެ ފަހުން ވަނީ، އެޕްސްޓީންގެ ޖަރީމާތަކަށް އެހީވި ކަމުގެ ކުށުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލައިން މެކްސްވެލް ހައްޔަރުކޮށް އަދި ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލައިފަ އެވެ