ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮތް މީހަކާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އެ މައްސަލާގައި ތުހުމަތުވާ މީހާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ.
އެ ދައުވާ އޭނާގެ މައްޗަށް އޮއްވައި، ކުށަށް އިއުތިރާފުވެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ އެކު ގާނޫނުގައިވާ ގޮތުގެ މަތިން ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ.
މިފަދަ އެއްބަސްވުންތަކުން ކުށް ސާބިތުވާ މީހުންނަށް އެކި ލުއިތައް ލިބިގެންދެ އެވެ. ނަމަވެސް، އެ މައްސަލާގައި އަދަބަށް މާބޮޑު ލުޔެއް ދީފައެއްނުވެ އެވެ.
އެ މައްސަލާގައި ދައުވާލިބޭ މީހާގެ މައްޗަށް އިއުތިރާފަށް ރިއާޔަތްކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
ގާނޫނުގައިވާ ގޮތުން އެ ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.