ރާއްޖެއަށް އާންމުކޮށް ވައި ނުސާފުވާ ދުވަސްވަރު ނޭވާލާ ނިޒާމުގެ ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހަފުތާގައި ދިން މައުލޫމާތުގައިވާ ގޮތުގައި، މިދިޔަ ފަސް އަހަރު އިރުވައި މޫސުމުގެ ދުވަސްވަރު (ޑިސެމްބަރުން އެޕްރީލަށް) ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓްކުރި އަދަދު ވަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވެފަ އެވެ. 

އެޗްޕީއޭ އިން ދިން ތަފާސްހިސާބުތަކުގައިވާ ގޮތުގައި؛ 

  • 2020-2021 ގައި 44،750 ކޭސް ރިޕޯޓްކުރި
  • 2021-2022 ގައި 85،597 ކޭސް ރިޕޯޓްކުރި
  • 2022-2023 ގައި 160،876 ކޭސް ރިޕޯޓްކުރި
  • 2023-2024 ގައި 154،783 ކޭސް ރިޕޯޓްކުރި
  • 2024-2025 ގައި 149،259 ކޭސް ރިޕޯޓްކުރި

މި މައުލޫމާތުގައިވާ ގޮތުގައި 2023-2024 އަދި 2024-2025 (ޑިސެމްބަރު-އެޕްރީލް)ގައި ކޭސްތައް ރިޕޯޓްކުރި އަދަދު ކުޑަކޮށް ދަށްވި ކަމަށް ދައްކާއިރު، އެ ދެ އަހަރަކީ ރާއްޖެއަށް އިރުވައި މޫސުން ވަރަށް ލަހުން ފެށުނު ދެ އަހަރެވެ. އެހެންވެ، އެ އަދަދުތައް ދަށްވުމާ އެކަމާ ގުޅުމެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތެވެ. 

ފާއިތުވި ފަސް އަހަރަށް ބަލާއިރު ވައި ނުސާފު ދުވަސްވަރު ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓްކުރާ އަދަދު އެންމެ ގިނައީ މާޗު މަހު އެވެ. 

ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އިރުވައި މޫސުން ފެށުމާ އެކު، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުމެވެ.

މި ނުސާފު ވައިގެ ތެރޭގައި އަހަރެމެން ނޭވާލާއިރު، "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 ހަށިގަނޑުގެ ތެރެއަށް ވަދެގެންދެ އެވެ. ލޮލަށް ނުފެންނަ މި ކުދި ކުނޑިތައް ހަށިގަނޑުގެ ދިފާއީ ނިޒާމު ފަހަނައަޅައި، ފުއްޕާމޭގެ ސެލްތަކުގެ ތެރެއިން ސީދާ ހަށިގަނޑުގެ ލޭ ދައުރުވުމުގެ ތެރެއަށް ދަތުރު ކުރެ އެވެ. 

މީގެ ސަބަބުން މުޅި ހަށިގަނޑުގައި އިންފްލެމޭޝަން (ދުޅަހެޔޮކަމަށް ހުރަސްއެޅުން) އުފައްދައި، ނޭވާލާ ނިޒާމުގެ އިތުރުން ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދެ އެވެ. އަދި ސިކުނޑީގެ ބަލިތައް ޖެހުމަށް ވެސް މީގެ ސަބަބުން މަގުފަހިވެ އެވެ. 

ބޭރުތެރޭގައި ހޭދަކުރާ ވަގުތު މަދުކުރުމާއި ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި ގޭގައި އެއާ ޕިއުރިފަޔާ ބޭނުންކުރުން މަޖުބޫރު ވެއްޖެ ކަމުގެ އިންޒާރެއް މި ނަންބަރުތަކުން ދެ އެވެ. އަދި މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަންވީ ކަމުގެ ސިގުނަލެކެވެ.