އެންމެންނަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވެސް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 179 ގަ އެވެ. އަދި މާލޭގައި އަމިއްލަ މީހަކު ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 139 ގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓެވެ. އޭގެ މަނާއަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.
"އައިކިއު އެއާ"ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި، ވިލިމާލޭގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 95 މައިކްރޯ ގްރާމްގަ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 19 ގުނަ މަތީ މިންވަރެކެވެ.
މި ހާލަތުގައި ބޭރު ތެރޭގައި އުޅޭ މިންވަރު މަދުކޮށް، ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން ވަރަށް މުހިންމެވެ. ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަހައްޓަން ވާނީ ބަންދުކޮށްފަަ އެވެ. އަދި ގޭގައި އެއާ ޕިއުރިފަޔާއެއް ބޭނުން ކުރެވިދާނެ އެވެ.
މިވަގުތުގެ އެއާ ކޮލިޓީ އިންޑެކްސް
- ށ. ފުނަދޫގައި ހުރީ 109 ގައި
- ވިލިމާލޭގައި ހުރީ 179 ގައި
- މާލޭގައި ހުރީ 139 ގައި
- ދ. ކުޑަހުވަދޫގައި ހުރީ 161 ގައި
- ލ. ގަމުގައި ހުރީ 155 ގައި
- ފުވައްމުލަކުގައި ހުރީ 82 ގައި
- އައްޑޫގައި ހުރީ 69 ގައި
މިއަދު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުސްވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވުމުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.
މިފަހަރު ރާއްޖެއަށް އިރުވައި މޫސުން ފެށުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެ މޫސުން ނުފެށޭހާ އަވަހަށް މި މަހުގެ 17 ވަނަ ދުވަހު އެވެ.