މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު، "އެންމެންނަށް ބޯހިޔާވަހިކަން" ހުޅުވާލުމުން ގިނަ ބަޔަކުު ތިބީ އުއްމީދުގަ އެވެ. އެކަމަކު ފްލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ހުޅުވާލި ހިސާބުން ޝަކުވާ ބޮޑުވެއްޖެ އެވެ. އެންމެ ގިނަ ބައެއްގެ އޮތް ސުވާލަކީ މިއެވެ؛ ބޯހިޔާވަހިކަން ހޯދަން ވަރިވާންވީ ހެއްޔެވެ؟ މިހާރު އުސޫލު އޮތްގޮތުން މުޅި އުމުރު މާލޭގައި ހޭދަކޮށްފައިވިޔަސް އަނބިމީހާ/ފިރިމީހާގެ މާލޭ ސަރަަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ، އެކަކަށް ކުރިމައްޗެއް ނުލެވެ އެވެ. 

މި ޝަރުތަކީ ހަމަ ޖެހޭ ޝަރުތެއް ކަމަށް އެ މީހުން ނުދެކެ އެވެ. ބައެއް މީހުން ބުނި ގޮތުގައި މާދަމާ ވެސް ވަރިވެއްޖެ ނަމަ، ދެން ވަންނާނެ ތަނެއް ނެތެވެ. އެހެންވެ، އެހެން މީހެއްގެ އޮތް ބޯހިޔާވަހިކަމަކަށް ބަލައި އޭނާ ޝަރުތު ހަމަނުވާ ކަމަށް ނިންމުމަކީ ހަމަ ޖެހޭ އުސޫލެއް ކަމަށް ގަބޫލުނުކުރެވޭ ކަމަަށް ބުންޏެވެ. 

"އަހަރެންގެ ހަތަރު ދަރިން އެބަ ތިއްބޭ. އެކަމަކު ފިރިމީހާއަށް ބޯހިޔާވަހިކަމެއް އޮތޭ ކިޔާފައި އަހަންނަށް ނުލިބެންޖެހޭ ސަބަބެއް ނެތެއްނު. މާދަމާ ވެސް ވަރިކޮށްލައިފިއްޔާ އަހަރެންގެ ނެތޭ ދަރިން ގޮވައިގެން ވަންނާނެ އަމިއްލަ ތަނެއް. 25 އަކަށް އަހަރު މިވީ މި މާލޭގައި އުޅޭތާ،" ކަންބޮޑުވުން ފާޅުކުރި އަންހެނަކު ބުންޏެވެ. 

ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލާފައިވާއިރު މިހާތަނަށް 800 އަށް ވުރެ ގިނަ ބަޔަކު ވަނީ ކުރިމަތިލައިފަ އެވެ. އެހެން ފަހަރުތަކަށް ވުރެ މިފަހަރު ހުޅުވާލި ސްކީމުގައި ގިނަ ޝަރުތުތަކެއް ހުރީ އެންމެ އިންސާފުވެރިކަމާ އެކު ޕޮއިންޓް ދެވޭ ގޮތަށް ކަމަށް ދެކޭ މީހުން ވެސް އެބަތިއްބެވެ. ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭއިރު އެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމަށް ހައުސިން މިނިސްޓްރީގެ ބޭރުގައި ވަނީ ހެލްޕް ޑެސްކެއް ބަހައްޓައިފަ އެވެ. 

އެތަނަށް މައުލޫމާތު ސާފުކުރަންދާ މީހުންގެ ވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފިރިމީހާ/ އަނބިމީހާއަށް ގޯއްޗެއް/ ފްލެޓެއް އޮތުމުން ކުރިމަތިނުލެވޭ މައްސަލަ އެެވެ. 

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ އޮޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ދެމަފިރިން އެކުގައި ރަނގަޅަށް ދިރިއުޅެމުން އައިސް ވަރީގެ ސުވާލު ހަމައެކަނި ފްލެޓާ ގުޅިގެން އުފައްދަމުން އަންނަ ކަމަށެެވެ. އެކަމަކު ކުރިއަށް ވާން އޮތް ހާލަތެއް ނޭނގޭއިރު އެ ބަޔަކީ ހަމަ އެކުގައި އުޅޭނެ ބަޔަކަށް ވެސް ވެދާނެ ކަމަށެވެ. އަދި ހާލަތު ބަދަލުވެއްޖެ ނަމަ، އެމީހަކަށް ވަކިން ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެންމެ ގިނަ ޝަކުވާތަކެއް މިސާލަކަށް މިތަނަށް [ހެލްޕް ޑެސްކް] ވެސް އައިސްފައި އޮތީ އަނބިމީހާ/ފިރިމީހާއަށް ނުލެވޭތީ. ދެން އަންނަ ގޮތަށް އައިސް މި ބުނަނީ ވަރިކުރަންވީހޭ. އަޅުގަނޑުމެންނަކަށް ނޭނގޭނެ ނޫންތޯ ވަރިކުރަންވީމަ. މިއޮއްހާ ޒަމާނުގައި ހަމަ އިނދެގެން ބަރާބަރަށް އުޅެމުން އައީ. އެކަަމަކު މިހާލަތު އައިމަ މި ބުނީ އޭ މިސާލަކަށް ތިމަންނަ ވަރިވެއްޖެއްޔާ ކިހިނެއްހޭ ހަދާނީ. 
ހައުސިން މިނިސްޓްރީގެ އޮފިޝަލެއް

އޭނާ ވިދާޅުވި ގޮތުގައި މި ސްކީމަކީ އެއްވެސް މިންވަރަކަށް ބޯހިޔާވަހިކަން ނެތް މީހުންނަށް އޮތް ފުރުސަތެކެވެ.

"މި ސްކީމު އެކުލަވާލާފައި މި އޮންނަނީ ދެމަފިރިންނަށް އެކުގައި ނުލިބޭނެ ގޮތަށް. ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ،" 

އެ މައްސަލާގައި ދައުލަތުގެ މީޑިއާއަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އުސޫލުގައި ދެމަފިރިން ކުރެ އެކެއްގެ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ، އަނެކަކަށް ވެސް ނުލިބޭ ގޮތަށް އޮތީ އެއް މައުލޫމާތެއް ބޭނުންކޮށްގެން ދެ ފްލެޓު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ. 

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެގޮތަށް ނިންމީ ކޮންމެ އާއިލާއެއް ދިރިއުޅުމަށް ވެސް ދޭން ޖެހެނީ އެންމެ ތަނެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

މުސްތަގުބަލުގައި ހިނގާފާނެ ކަމަކަށް ބަލާފައި މުސްތަގުބަލުގައި ވެދާނެ ކަމަކަށް ބަލާފައި ކޮންމެ މީހަކަށް، މިސާލަކަށް ދެމަފިރިންނަށް ދޭ ކަމަށް ވަންޏާ ހަމަ އެއް މައުލޫމާތެއް މި ބޭނުންކުރަނީ. އެއް ކުދިންތަކެއްގެ މައުލޫމާތު، ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ތިބި އެއްބައެއްގެ މައުލޫމާތު ބޭނުންކޮށްގެން ދެ ތަނެއް މި ހޯދަނީ. އެއީ ދެން ތިބި މީހުންނަށް އެންމެ އިންސާފުވެރި ގޮތެއް ނޫނޭ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 

މިނިސްޓަރު އެގޮތަށް ވިދާޅުވިޔަސް ބައެއް މީހުންގެ ކަންބޮޑުވުމަކީ ދެމަފިރިން ވަކިވާ ހިސާބުން އެކަކު މަގުމަތިވާ މައްސަލައެވެ. މިސާލަކަށް އަންހެނުންގެ ބޯހިޔާވަހިކަމެއް އޮތުމުން ފިރިމީހާއަށް ކުރިމަތި ނުލެވޭއިރު އެމީހުން ވަރިވެއްޖެ ހާލަތެއްގައި އެ ތަނުގައި ދިރިއުޅެނީ އަންހެން މީހާ އެވެ.

އެފަދަ ކަމެއްގައި ފިރިހެން މީހާ މަގުމަތިވުމުން ބޮޑު ކުލީގައި އޭނާ ދިރިއުޅެން މަޖުބޫރުވެ އެވެ. މާލޭގައި ދިރިއުޅޭތީ އެފަދަ ހާލަތެއް މެދުވެރިވިޔަސް ދަރިންގެ ހުރިހާ ހަރަދުތަކެއްގެ ޒިންމާ އުފުލަން ޖެހޭ މީހުން އެބަތިއްބެވެ. ދައުލަތުން އޭނާގެ ބޯހިޔާވަހިކަމުގެ ހައްގު އިންސާފުވެރިކަމާ އެކު ހޯދައިދެވޭކަށް މި އުސޫލުގައި ނެތެވެ. މިއީ ހައްގު ގެއްލޭ ގޮތަށް އޮތް މައްސަލައެއް ކަމުގެ ޝަކުވާ ބޮޑެވެ. 

400 އަކަފޫޓު ގުޅޭ ކަންބޮޑުވުން 

ފްލެޓާ ގުޅޭ އަނެއް ކަންބޮޑުވުމަކީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400  އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭބައި 400 އަކަފޫޓަށް ވުރެ ބޮޑުނުވުން ކަމަށް އުސޫލުގެ މުދަލުގެ މިލްކުވެރިކަމުގެ މިންގަނޑުގައި އޮތުމުންނެވެ.

އުސޫލުގައިވާ ގޮތުން ލިބިދާނެ ކަމަށް އޮންނަ ބިމެއް ވެސް ދޫކޮށްލަންޖެހޭ.
އުސޫލުގައިވާ ގޮތުން ލިބިދާނެ ކަމަށް އޮންނަ ބިމެއް ވެސް ދޫކޮށްލަންޖެހޭ.

އަނެއް ކަމަކީ އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ގްރޭޓާ މާލެ ސަރަހައްދުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުމާއި އެޕްލިކަންޓުގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން ލިބޭ ބައި، 400 އަކަފޫޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި އޮތުމުންނެވެ. 

ފްލެޓާއި ގޯތި ފޯމާ އެކު ހުށަހަޅަން ޖެހޭ އިގުރާރުގައިވާ ގޮތުން 400 އަކަފޫޓަށް ވުރެ ބޮޑު ތަންކޮޅެއް އެމީހެއްގެ އޮވެގެން ނުވެ އެވެ. 

ބައެއް މީހުން ބުނާ ގޮތުގައި އެންމެ 400 އަކަފޫޓު އޮތުމުން ވެސް އެމީހުން ފްލެޓާއި ގޯތި މަޝްރޫއުއުން އެބަ މަހްރޫމްވެ އެވެ. އެކަމަކު އެއީ ކުޑަކުޑަ ތަންކޮޅަކަށްވާއިރު އެތަނުގައި އާއިލާއެއް ދިރިއުޅުން ބިނާކޮށް އުޅޭނީ ކިހިނެއްތޯ މި މީހުން ސުވާލު އުފައްދަ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ހައުސިން މިނިސްޓްރީ އޮފިޝަލަކު ބަޔަކަށް ދެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ހައުސިން މިނިސްޓްރީ އޮފިޝަލަކު ބަޔަކަށް ދެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްލެޓް ކުޑަވެގެން އާއިލާތަކަށް އުޅެން ދަތިވެގެން ހިޔާ ފްލެޓު ދޫކޮށްލައިގެން ވެސް ބޯހިޔާވަހިކަމުގެ އާ މަޝްރޫއުއަކަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެެވެ. ހިޔާ ފްލެޓަކީ 550 އަކަ ފޫޓުގެ ތަންތަނެވެ. އެކަމަކު އެއަށް ވުރެ ކުޑަ ތަންކޮޅެއް ލިބިފައިވާ ފަރާތްތަކަށް އެގޮތަށް އެކަން ނުކުރެވެންވީ ކީއްވެތޯ މީހުން ސުވާލު އުފައްދަ އެވެ.

އެކަމަކީ ވަރަށް ބޭއިންސާފުން ކުރާ ކަމެއްގެ ގޮތުގައި މީހުން ސިފަ ކުރެ އެވެ. 

"އުސޫލުގައި ރާއްޖޭގެ އެއްވެސް ރަށަކުން އަނބި/ފިރިމީހާއަށް ގޯއްޗެއް ނުވަތަ 400 އަކަފޫޓަށް ވުރެބޮޑު ބިމެއް ނުވަތަ ފްލެޓަކަށް ފައިސާ ދައްކާނަމަ ނުވަތަ އެގްރިމެންޓްގައި ސޮއިކޮށްފައިވާނަމަ ޝަރުތު ހަމަނުވޭ. މިއީބޭއިންސާފެއް،" ފްލެޓާ ގުޅޭ ކަންބޮޑުވުން ފާޅުކޮށް މީހަކު ބުންޏެވެ. 

އިތުރު މީހަކު ބުނީ އޭނާއަކީ ރަށުގައި ގޯއްޗެއް އޮތް މީހަކަށް ވިޔަސް މީގެ 25 އަހަރު ކުރިން ފެށިގެން އޭނާ ވަނީ ދަރިންނާ އެކު މާލެއަށް ބަދަލުވެފައި ކަމަށެވެ. އޭނާގެ ދެ ކުދިންނަކީ ވެސް އެކަނިވެރި މައިން ކަމަށާއި އެމީހުންނަށް ލިބިފައިވާ ހަ ކުދިންނާ އެކު އެ އެންމެން ދިރިއުޅެމުން ދަނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި މާލޭގައި ކުއްޔަށް ކަމަށް އޭނާ ބުންޏެވެ.

 

ބޯހިޔާވަހިކަން ޕޯޓަލް: ގޯއްޗާއި ފްލެޓަށް އެދެން ހުޅުވާލާފައި ވަނީ މި ޕޯޓަލް މެދުވެރިކޮށް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޯހިޔާވަހިކަން ޕޯޓަލް: ގޯއްޗާއި ފްލެޓަށް އެދެން ހުޅުވާލާފައި ވަނީ މި ޕޯޓަލް މެދުވެރިކޮށް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޮންމެ ފަހަރަކު ވެސް އިއުލާނުކުރާ ސޯޝަލް ހައުސިން ސްކީމަށް ކުރިމަތިލަނީ އެއަށް ވުރެ ރަނގަޅު ގޮތެއް ހޯދޭތޯ އެވެ. އެކަމަކު ހާލަތު ބެލުމަށް ގެއަށް ޒިޔާރާތްކޮށް އެމީހުންގެ ނިކަމެތި ހާލު ފެނުނަސް، މާލޭ ސަރަހައްދުން ފްލެޓަށް ލައްވާނުލަނީ ރަށުގައި އޮތް ގޯއްޗެއްގެ ސަބަބުންނެވެ.

"އެކަމަކު ރަށުގައި ގޯއްޗެއް އޮތީއޭ ކިޔާފައި ޝަރުތު ހަމައެއް ނުވޭ. ކުރިން ވެސް ކޮންމެ ސްކީމަކަށް ލިން ފްލެޓު. އެކަމަކު ހަމަ ލިބޭ ގޮތެއް ނުވޭ. އެހެންވެ މި ސްކީމަށް ލާން އަނެއްކާ ވެސް މައުލޫމާތު ހޯދަން ބޭނުންވާތީ މީނީ،" ހައުސިން މިނިސްޓްރީގެ ހެލްޕް ޑެސްކަށް މައުލޫމާތު އޮޅުންފިލުވަން ގޮސް ހުރި މީހަކު ބުންޏެވެ. 

ފަހަރަކު އުސޫލެއް، އެއްކަމަކަށް ޝަރުތު ހަމަވާއިރު އިތުރު ޝަރުތެއް!

ކުރިން ހިންގި މަޝްރޫއުތަކުގައި މާލޭގައި ޑޮކްޓަރަކަށް ނަރުހަކަށް ނޫނީ ދެން އޮތް ކެޓަގަރީއަކަށް ނުފެތޭތީ ފްލެޓަށް ޝަރުތު ހަމައެއް ނުވި އެވެ. އެކަނިވެރި މައިންގެ ތެރޭގައި ވެސް މުޅި އުމުރު ރަށެއްގައި ހޭދަކުރި މީހުންނަށް ހިޔާ ފްލެޓު ލިބިގެން ބަދަލުވިއިރު އޭރު މާލޭގައި 15 އަހަރު އުޅުނުތޯ ނުބަލަ އެވެ. އޭރު ފްލެޓު ލިބޭނެ ކަމަށް އޮތީ މާލޭ ސަރަހައްދުގައި އުޅޭ ވަކި ކެޓަގަރީތަކަކަށެވެ.

ހިޔާ ފްލެޓު ދިނީ ސަރުކާރުން ބުނާ ގޮތުގައި އޭރު ގޭގެއަށް ޒިޔާރާތްކޮށް މީހުންގެ ހާލަތު ވަޒަންކޮށް އެންމެ ނިކަމެތިކޮށް މާލޭގައި އުޅެމުން އައި މީހުންނަށެވެ. އޭގެ ފަހުން، 2022 ގައި އޭރުގެ ސަރުކާރުން އާންމުކޮށްފައިވާ ފަހި ފްލެޓު ދިނުމުގެ އުސޫލުގައި އަނެއްކާ ވެސް އާ ކަންތައްތަކެވެ. ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަން ސަރުކާރުގެ ރަސްމީ އިދާރާތަކުގެ ލިއުންތަކުން ފެންނަން އެބަހުއްޓެވެ. އެކަމަކު، ޝަރުތު ހަމަވެ ހައްގުވެރިން ތިއްބައި އެއަށް ވުރެ ހާލަތު ރަނގަޅު މީހުންނަށް ދިނީ އެވެ. 

ގެދޮރުވެރިޔާ މަޝްރޫއުގެ ޝަރުތުތައް: 

- މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން.

- އެޕްލިކަންޓާއި ކޯ-އެޕްލިކަންޓަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.

-އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ، މާލޭން ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިން ޔުނިޓެއް/ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތަކަށް ނުވުން. 

- އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި މާލެގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތަކަށް ނުވުން.

- މަހަކަށް ޖެހޭ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑުނުވުން. 

އެ ސްކީމަށް ކުރިމަތިލި 20،000 މީހުންގެ ތެރެއިން ޝަރުތުތައް ހަމަވެ، ފްލެޓު ލިބޭ 4000 މީހުންގެ ލިސްޓެއް އޭރު އެކުލަވާލިއިރު އޭގެ ތެރޭގައި ޝަރުތު ހަމަވާ އިތުރު 9000 އެއްހާ މީހުން ތިއްބެވެ. އޭރު ބުނެފައި އޮތީ ސަރުކާރުން ދެން ހުޅުވާލާ މަޝްރޫއެއްގައި އެމީހުންނަށް އިސްކަންދޭނެ ކަމަށެވެ. 

އެކަމަކު މިފަހަރު އުސޫލަށް އަނެއްކާ ވެސް އިސްލާހުތަކެއް ގެނެސް، ބޯހިޔާވަހިކަމަށް ހުޅުވާލިއިރު އެ ފަރާތްތަކަށް ވެސް އަލުން ޖެހެނީ ފޯމު ފުރައިގެން ލާންށެވެ. ފްލެޓު ލިބެނީ މިފަހަރު އާންމުކުރި އުސޫލަށް އެމީހުން ޝަރުތު ހަމަވާނަމަ އެވެ. 

އެކަމާ ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ އެމީހުން ފްލެޓަށް ލުމުން، އެ ޝަރުތުތައް ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އަރާފައި އޮއްވައި އަނެއްކާ އެހެން އުސޫލެއް ގެނައުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. 

"4000 ފްލެޓަށް އަހަރެމެން މިކުރިމަތިލަނީ ވަކި ޝަރުތުތަކެއްގެ ތެރެއިން. ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ވެސް އޮއްވައި އަނެއްކާ ސަރުކާރު ބަދަލުވެ އުސޫލު ބަދަލުކުރީމަ ފްލެޓު ލިބުނު 4000 މީހުންނަށް ފްލެޓު ހައްގުވެފައި އަހަރެމެންނަށް ހައްގު ނުވާންވީ ކީއްވެތޯ ސުވާލު އުފެދެނީ،" އަނެއްކާ ވެސް އުސޫލު ބަދަލުވެ ފްލެޓަށް ކުރިމަތިލާން ޖެހުނު މީހަކު ބުންޏެވެ.

މިފަހަރުގެ އުސޫލުގައި ހިމެނޭ ޝަރުތުތައް: 

- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން. 

- މާލޭގެ ރަށްވެއްސަކަށްވެފައިވާތާ މަދުވެގެން 1 އަހަރު ދުވަސް ވެފައިވުން. 

- މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވުން. އޭގައި މެދުނުކެނޑޭނެ ކަމަށް ބަޔާންކުރާ ކަންތައްތަކެއް ވެސް ހިމެނޭ.

- އެއްވެސް ސަރަހައްދެއްގައި އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 400 އަކަފޫޓުގެ ބިމެއް/ ގޯއްޗެއް ނެތުން. 

- އެޕްލިކަންޓުގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުމާއި އެއްމެދު ގޯއްޗެއް ބަހައިގެން އެވަރުގެ ތަނެއް ލިބިފައި ނެތުން/ 

- ރަސްމީކޮށް ބަދަލުކޮށްފައި ނުވިޔަސް ތަރިކައިގެ އުސޫލުން ނުވަތަ ވަސިއްޔަތުން ނުވަތަ ހިބައަކުން ނުވަތަ އެނޫންވެސް ގޮތަކަށް އެއްވެސް ބާވަތެއްގެ ބިމެއްގެ ނުވަތަ ފްލެޓެއްގެ ނުވަތަ ރޯހައުސްއެއްގެ މިލްކުވެރިކަމުގެ ހައްގެއް އެޕްލިކަންޓަށް ނެތުން ނުވަތަ އެފަދައިން ލިބެން އޮންނަ މިލްކުވެރިކަމުގެ ހައްގު ދޫކޮށްލުމަށް އެއްބަސްވެފައި ނެތުން. 

ފޭސް 3 އަކުން ގޯތި ލިބުނު މީހުންގެ ގުރުނަގަނީ.- ފޮޓޯ: ނިޝާން އަލީ| މިހާރު
ފޭސް 3 އަކުން ގޯތި ލިބުނު މީހުންގެ ގުރުނަގަނީ.- ފޮޓޯ: ނިޝާން އަލީ| މިހާރު

މިގޮތަށް އުސޫލަށް އެކި ބަދަލުތައް ގެނައުމުން ބައެއް މީހުން ބުނާ ގޮތުގައި ޝަރުތު ހަމަވާނެއިރެއްގެ އިންތިޒާރުގައި ހުއްޓާ އަނެއްކާވެސް އިތުރު ޝަރުތެއް އެއަށް ލަ އެވެ. އެހެންވެ، އެމީހުންނަށް މިއީ ނާއުއްމީދެކެވެ. ބޯހިޔާވަހިކަމަށް ފޯމު ހުށަހަޅަމުން ގޮސް އެ މީހުން ވަރުބަލިވެއްޖެ އެވެ. ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ޝަރުތެއް އިތުރުވެ ބޯހިޔާވަހިކަމަށް ދުވަހަކު ޝަރުތު ހަމަވާ ގޮތެއް ނުވި އެވެ. 

ބައެއް މީހުން ބުނީ ރަށުގައި ދިރިނޫޅޭތީ އެމީހުން އަމިއްލަ ރަށުން ވެސް ބޯހިޔާވަހިކަމެއް ލިބެން ނެތް ކަމަށެވެ. ރަށްރަށް ވެސް ފުރިފައި އޮތުމުން އެރަށެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އިސްކަންދެނީ ރަށުގައި ދިރިއުޅޭ ބަޔަކަށެވެ. ދަރިން ކިތަންމެ ބައިވަރެއް ތިއްބަސް ރަށުގައި ދިރިނޫޅޭތީ މާކްސް ލިބޭ މިންވަރު ދަށްވެ އެވެ. އެގޮތަށް އެކަން އޮއްވައި އަމިއްލަ ރަށުން ބޯހިޔާވަހިކަމެއް ނުލިބި، މާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ކޮޅެއްގައި ނުޖެހި ދިއުމަކީ އެމީހުންގެ ހައްގު ގެއްލޭ ކަމެއް ކަމަށް ދެކެ އެވެ. 

15 އަހަރު މީ ސަރުކާރުތަކުން ކިހިނެއް ޖަހާ ނަންބަރެއްތަ؟ ޝަރުތެއް އިނަސް ބަލަނީކީ ނޫނޭ، އަމާން ފްލެޓް ލިބިފަ އެހެރަ ގިނަ ދަންނަ މީހުންނަށް ބަލާލީމަ އެބަ އެނގޭ. ތަންތަނަށް ފޯމް ލާލައި ނާއުއްމީދުވެއްޖެ. ރަށުގަ ނޫޅޭތީ ގެވަޅުގަނޑެއް ވެސް ނުލިބެ. މިތާނގަ [މާލޭގައި] މިވީ 14 އަހަރު. 15 އަހަރު ނުވާތީ ފަހު ބުރު ވެސް މި ބުރުވެސް ހަމަ މިހެން ފްލެޓު ނުލިބި،" އެކަކު ބުންޏެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ޝަރުތުތަކެއް ހުއްޓަސް އެންމެ ހައްގުވެރިން ބާކީވުމުގެ ސަގާފަތެއް އޮތް ކަމެއްގެ ގޮތުގައި ދިވެހިން އަބަދުވެސް ދެކެ އެވެ. އެހެންވިޔަސް ކޮންމެ މަޝްރޫއުއަކަށް ކޮންމެ ފަހަރަކު އެތައް ހާސް ބަޔަކު ހުށަހަޅާ ފޯމުތަކުން ވެސް އެކަމަށް ފެންބޮވައިގެންފައި އޮތް މިންވަރު ސާފެވެ. ހޯދަން ޖެހިފައި އޮތީ އެންމެ އިންސާފުވެރި ހައްލެކެވެ. ބޯހިޔާވަހިކަމަށް ހުޅުވާލުމުން ޝަކުވާ ފުންޏެއް އޮއްސާނުލާ ބޯހިޔާވަހިކަން ކަށަވަރުވާނެ ގޮތެކެވެ.