ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، އިގުތިސާދީ، އިޖުތިމާއީ އަދި ސިއްހީ ބޭނުންތަކަށް ކަނޑުދަތުރު ނުކޮށް ފަރުޖެއްސެން ނެތް ގައުމެކެވެ. މޫސުމުގެ ކަންތައް ހުންނަ ގޮތުން، ކަނޑު ގަދަ ދުވަސްތަކާ މަޑު ދުވަސްތައް އަޔަސް ވެސް، ކަނޑުމަތީގެ ހާދިސާއެއް ދިމާވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، އެފަދަ ހާލަތެއް މެދުވެރިވާއިރު، ފަތަން އެނގުމަކީ، މީހާގެ ފުރާނަ ސަލާމަތްވުމާއި ނުވުން އެ މައްޗަށް ބިނާވާ ކަމެކެވެ.
އެނަމާ ބޯޓުގެ ކާރިސާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ. އެ ހާދިސާގެ ޖިނާއީ ތަހުގީގާއި ދައުވާތައް ކުރުމުގެ ބައިގައި މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. ލިޔުންތަކާއި ތަހުގީގީ ހޯދުންތަކަށް ބަލާއިރު، ދޯނި ބަންޑުން ޖަހާލަން މެދުވެރިވީ ކުޑަކުޑަ ރާޅެއްގެ މޯހިރުގައި ޖެހިގެން ކަމަށްވެ އެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލީ އެ ބޯޓު ހަދާފައި ހުރި ގޮތުން (ހުއްދަ ނުހޯދައި، އިތުރު ޑެކުއަޅާފައި ހުރުމުން) ނާއި މީހުން އަރުވާފައި އޮތް ގޮތުން، ދޯނީގެ ބެލެންސް ގެއްލިގެންނެވެ. އެ ހާދިސާ ދިމާވި ދުވަހަކީ ކަނޑު އެހާ ގަދަ ނޫން ދުވަހެއް ކަމަށްވެ އެވެ.
އޭރުގެ ތަހުގީގުތަކުގައި، އެ ހާދިސާގައި ނިޔާވި މީހުންނާއި ސަލާމަތްވި މީހުންނަށް ފަތަން އެނގެނީ ކިހާ ވަރަކަށް ކަމެއް ބެލިފައެއް ނެތެވެ. ނަމަވެސް، އަޅުގަނޑު އަބަދުވެސް ހިތަށް އަރައެވެ. އެ މައުލޫމާތު އެނގުނު ނަމަ އަދި އެކަމުން އިބުރަތް ލިބިގެން، ފުޅާ ދާއިރާއެއްގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ހިންގުނު ނަމަ އޭގެ 20 އަހަރު ފަހުން، ދާދި ފަހުން ދިމާވި ގޮތަށް، އޭޕްރިލް މަހެއްގައި (އޭޕްރިލް މަހަކީ، މޫސުމުގެ ގޮތުން ބަލާއިރު، ކަނޑުގެ އޮއި މަޑު، ވައި މަޑު، ރާޅުބާނި ކުޑަ، ކަނޑުގައި ފެތުމަށް އެންމެ ރީތި، ހިތްގައުމު ދުވަސްވަރު) ރާއްޖޭގައި ކަނޑުވެގެން މީހުން ގެއްލުމުގެ ހާދިސާތައް ދިމާވިޔަ ނުދީ ސަލާމަތް ކުރެވުނީހެވެ.
މޫދުގައި އޮންނަ ގަޑީގައި ހަށިގަނޑު ހަރުދަނޑިވުމުގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރުވާ ނިސްބަތް ވަގުތީ ގޮތުން އިތުރުވާތީ، މިއީ، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ނިކަން ފައިދާ ހުރި ވެސް ކަމެކެވެ.
އަޅުގަނޑު ވެސް އެއްބަހެވެ. ހާދިސާއެއް ދިމާވުމުން، އެކަން ބެލުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، އެ އަށް ވުރެ މުހިންމު ކަމަކީ، އެފަދަ ކަމެއް މީގެ ފަހުން ދިމާނުވާނޭ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމެވެ. ފަތަން ދަސްކުރުމަކީ ވެސް އެފަދަ ކަމެކެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، ފަތަން ދަސްކޮށްދިނުމުގެ ޒިންމާ އޮތީ ބެލެނިވެރިންނާއި ސްކޫލުގަ އެވެ. އެކަމަކީ ޅައުމުރުގައި ނުހަނު ފަސޭހައިން ކުރެވޭ ކަމެކެވެ. ކުޑައިރު ފަތަން ދަސްވެފައި ނެތް މީހުން، ވަޒީފާގެ މާހައުލުގައި ވެސް ފަތަން ދަސްކުރެވިދާނެ އެވެ. އޮފީސްތަކާއި ކުންފުނިތަކުގެ ރެކްރިއޭޝަން ކްލަބްތަކުން ރާވައިގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިފި ނަމަ އެ ކްލަބުތަކުގައި ބައިވެރިވާން ދައްކާ ފީގެ ބަދަލުގައި ލައިފްސްކިލްއެއް ދަސްވީ އެވެ.
ރާއްޖޭގެ ބައެއް ކުންފުނިތަކާއި އޮފީސްތަކުން މިފަދަ ޕްރޮގްރާމްތައް މިހާރު ވެސް އެބަހިންގަ އެވެ. ބޭންކް އޮފް މޯލްޑިވްސް އާއި ޕެންޝަން އޮފީހުން، މުވައްޒަފުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިންގާތީ އަޅުގަނޑާ ބައްދަލުވެފައިވެ އެވެ. މިއީ މުހިންމު، ތައުރީފު ހައްގު މަސައްކަތެކެވެ.
ފަތާނެ ސަރަޙައްދާބެހޭ ގޮތުން ބައެއް މީހުން ސުވާލުކުރެ އެވެ. މާލޭގައި ނަމަ މާލޭ ފަތާ ޓްރެކް ސަރަހައްދު އެބައޮތެވެ. ރަސްފަންނާއި އާޓިފިޝަލް ބީޗު ސަރަހައްދު ވެސް އެބަ އޮތެވެ. އެ އަށް ވުރެ ބޭރަށްދާ ނަމަ ރަސްފަންނު ބޭރު ސަރަހައްދުގެ ކަނޑުގައި މިހާރު ޖަހާފައިވާ ބޮއިތަކުގެ އެތެރެއަކީ ފެތުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދެކެވެ. ތަންކޮޅެއް ރަނގަޅު ފެތުންތެރިންނަށެވެ.
ހުޅުމާލޭގައި ނަމަ ދެ ފޭސް ދޭތެރޭ އޮތް ޗެނަލް މިހާރު އެ އޮތީ ފަތާ މީހުންނަށް ހާއްސަ ކޮށްފަ އެވެ. އެ ތަނުގައި އޮޔާ ދެކޮޅަށް ފަތާލާއިރު، މުޅި ހަށިގަނޑަށް ރަނގަޅު ފެންވަރުގެ ކަސްރަތެއް ނުލިބިއެއް ނުދާނެ އެވެ. އެންމެ ހިތްގައިމު ފަތާ ސަރަހައްދަކީ މާލެއިން ފަސް މިނިޓުން ދެވޭ ހިސާބުގައި އޮތް ވިލިމާލެ އެވެ. ވިލިމާލެ ބީޗު ސަރަޙައްދުގައި ކުދިން ގޮވައިގެން ފަތާ، މޫދަށް އެރި އުޅެން ހިތްގައިމު ސަރަހައްދެއް އޮވެ އެވެ. މިއީ، މާލޭގެ ކޮންމެ ތަނަކުން ވެސް ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި ހުރި ތަންތަނެވެ.
އެއްގޮތަކަށް ވެސް ފަތަން ނޭނގޭ މީހަކަށް، ކޯޗެއްގެ އެހީތެރިކަމާ އެކު، ޢާންމު ގޮތެއްގައި ތިން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފަތަން ދަސްކުރެވެ އެވެ.
އަތޮޅުތަކުގައި ނަމަ ވަށައިގެން މޫދެވެ. ފަސް މިނިޓުން ދެވޭ ހިސާބުގައި މޫދު ނެތް ރަށެއް ނެތެވެ. ބައެއް ރަށްރަށުގައި މިހާރު ބޭނުން ނުކުރާ ބަނދަރު އެބަހުއްޓެވެ. ބަނދަރުގެ ބޮޑެތި ސަރަހައްދުތައް ހުސްކޮށް ހުންނަ ރަށްރަށް ވެސް މަދެއް ނޫނެވެ. އެ ތަންތަނުގައިވެސް ފެތޭނެ އެވެ. ކުޅުދުއްފުށީ ސިޓީ އާއި އައްޑޫ ސިޓީ އާއި ތިނަދޫ ސިޓީ އާއި ހދ. މަކުނުދޫގައި ސަރުކާރުން އަޅައިދީފައިވާ ފަތާ ޓްރެކު އެބައޮތެވެ.
އާ އަހަރު، ނިއު އިޔާ ރިޒޮލިއުޝަން ހެދުމަކީ އަޅުގަނޑުމެން ނިކަން ކުރާ ހިތްވާ ކަމެކެވެ. މި މަހު ޖިމްތަކަށް ބަލައިލީމާ އެ މަންޒަރު ސާފުވެ އެވެ. މި އަހަރުގެ ރިޒޮލިއުޝަނަކީ، މުޅި ޙަޔާތުގެ ހުރިހާ ދުވަހަކު ބޭނުންކުރެވޭނެ، އަދި އަމުދުން ދިވެހިރާއްޖޭގެ ހާލަތުގައި ނުހަނު ބޭނުންތެރި ލައިފްސްކިލްއެއް ދަސްކުރުން ކަމަށް ހަދަމާ ހިންގަވާށެވެ. މިއީ، އަޅުގަނޑުމެން ފަތަން ދަސްކުރާ އަހަރެވެ. ކަސްރަތުކުރާ މީހަކަށް ނަމަ ކްރޮސް ޓްރެއިނިންގެ ގޮތުގައި ބޭނުންކުރަން އިތުރު އޮޕްޝަނެކެވެ. ރަށްޓެހިންނާ އެކު ދަތުރު ގޮސް އުޅޭއިރު، ރައްކާތެރިވެ ތިބުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.
އެއްގޮތަކަށް ވެސް ފަތަން ނޭނގޭ މީހަކަށް، ކޯޗެއްގެ އެހީތެރިކަމާ އެކު، އާންމު ގޮތެއްގައި ތިން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފަތަން ދަސްކުރެވެ އެވެ. ފަތަން ނޭނގޭ ބޮޑެތި މީހުންނަށް ދިމާވާ ދެ ގޮންޖެހުމެއް އޮވެ އެވެ. އެއްކަމަކީ ބިރު ގަތުމެވެ. އެއީ އާންމު ކަމެކެވެ. އަޅުގަނޑު މިއީ ކަނޑުގައި އާންމުކޮށް ފަތާ އުޅޭ މީހެކެވެ. ނަމަވެސް، އަދިވެސް ކަނޑަށް ފުންމާލާ ގަޑީގައި ބިރުގަނެ އެވެ. ފުންކޮށް ނޭވާލައި، ހާޓްރޭޓް ހަމައަކަށް އެޅުވުމުން ބިރު ފިލައިދެ އެވެ. ފުން ތަންތަނަށް މޫދަށް އެރޭއިރު ގަންނަ ބިރު ކެނޑުވުމުގެ ހުނަރުތައް ފަތަން ދަސްކޮށްދޭ ކޯޗުންނަށް އެނގޭނެ އެވެ.
ދެން އޮތީ ގައިގެ މަސްތައް ހަރުވުމެވެ. މޫދުގައި "ރިލެކްސް" ނުވެވުމެވެ. ފެތުމަށް ބޭނުންވާ ފްލެކްސިބިލިޓީ ނުގެނެވުމެވެ. މިހެން ދިމާވަނީ، މޫދަށް އާވީމަ އެވެ. މޫދަށް ފަރިތަވުމުން މި މައްސަލަ ވެސް ހައްލުވެ، މޫދުގައި ރިލެކްސްވާން ދަސްވާނެ އެވެ. އެކި މީހުން އެކި ވަރަށެވެ. މޫދުގައި އޮންނަ ގަޑީގައި ހަށިގަނޑު ހަރުދަނޑިވުމުގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރުވާ ނިސްބަތް ވަގުތީ ގޮތުން އިތުރުވާތީ، މިއީ، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ނިކަން ފައިދާ ހުރި ވެސް ކަމެކެވެ.
ފަތަން ދަސްކުރުމަކީ ތިމާ އާއި ތިމާ ދެކެ ލޯބިވާ މީހުންގެ ހައްގުގައި ކުރެވޭ އިންވެސްޓްމަންޓެކެވެ. ވީމާ، މި އަހަރަކީ ފަތަން ދަސްކުރާ އަހަރަށް ހަދަމާ ހިންގަވާށެވެ! މިކަމުގައި ހަށިގަނޑަށާއި ސިކުނޑިއަށް ފައިދާވުން ނޫން ކަމެއް ނެތެވެ.
ނޯޓް:
ޕްރޮފެޝަނަލް ކެރިއަރުގައި ގާނޫނީ ދާއިރާއިން ކުރިއަށް ވަޑަައިގެންވި ނަމަވެސް ހުސެއިން ޝަމީމުގެ ހިތާއި ރޫހު އޮތީ ކުޅިވަރާއި ފިޓްނަސްގަ އެވެ. ޒުވާން ދުވަސްވަރު ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅުނެވެ. ފަހުން ދުވަން ފަށައި، ރިކްރިއޭޝަނަލް ދުވުންތެރިންގެ ތެރެއިން ރާއްޖޭން ބޭރުގައި އެންމެ ފުރަތަމަ މެރެތަނެއް ފުރިހަމަކުރި އެކަކަށްވި އެވެ. ހާފް އަޔަންމެން އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ވެސް ހޯދި ޝަމީމް މިހާރު އަންނަނީ ސްވިމް މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް ހަދައި، ފެތުން ޕްރޮމޯޓްކޮށް، މުބާރާތްތައް އިންތިޒާމުކުރަމުންނެވެ.