ދިވެހިރާއްޖޭގެ ބޮޑުމިނަކީ، މޫދު ހިމެނޭ ގޮތުން 90،000 އަކަ ކިލޯމީޓަރެވެ. ދިވެހިރާއްޖެއަކީ ސަރަހައްދުގެ ގޮތުން ސްރީ ލަންކާ އާއި ސިންގަޕޫރަށް ވުރެ ބޮޑު ގައުމެކެވެ. ނަމަވެސް، ރާއްޖޭގެ ބިމުގެ ބޮޑުމިނަކީ އެންމެ 298 އަކަ ކިލޯ މީޓަރެވެ. ބާކީ ބަޔަކީ ކަނޑެވެ. ރާއްޖެއަކީ ބޮޑު، ކަނޑުގެ ގައުމެކެވެ. ދިވެހިންނަކީ، އޭގެ ފުރިހަމަ މާނައިގައި ކަނޑުގެ މީހުންނެވެ. ނަމަވެސް، މިއަދު ބޮޑުވާ ޖީލުތަކަށް ފަތަން ނޭނގުމާއި މޫދާ ގުޅުން ހުރި ހާދިސާތަކުގައި މަރުވާ މީހުން ނިސްބަތުން ގިނަވުމަކީ ހަގީގަތަކީ ގައުމީ މައްސަލައަކަށް ވެފައިވާ ކަމެކެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަންގައި 28 މާޗު 2023 ވަނަ ދުވަހު، ނޫސްވެރިޔާ ރެބެކާ ރޫޓް ލިޔުއްވާފައިވާ ގޮތުން، ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީގެ އަދި ހާއްސަކޮށް، އަންހެން ކުދިންނަށް ފަތާކަށް ނޭނގެ އެވެ.
އެ ކުދިން ކުޑައިރު، މޫދަށް ނުފޮނުވަނީ މޫދަށް އެރޭ ކުދިންނަކީ "ޓޮމް ބޯއީ" ކަމަށް އާއިލާ އިން ގަބޫލު ކުރާތީ ކަމަށް އޭނާ ލިޔެފައިވެ އެވެ. މަންޓާ ޓްރަސްޓުގައި މަސައްކަތްކުރާ ފްލޮސީ ބަރާޑް ދެކޭ ގޮތުގައި، ދިރިއުޅުމުގެ ވައްޓަފާޅި އަށް އައި ބަދަލާ އެކު، މޫދާ ދުރަށް ކުދިންނާއި މީހުން ދިޔައީ އެވެ. ކެއްކުމަށް ފަހު، ތެލި ދޮންނަން އަތިރިމައްޗަށް ދާ ވަގުތު ކުދިން ގޮސް މޫދަށް އެރި އުޅޭ ކަމަށާއި މިހާރު އެކަން ކުރަން ނުޖެހޭތީ، މޫދަށް އެރެން ލިބޭ ފުރުސަތު މަދުވަނީ ކަމަށް ފްލޮސީ ދެކެ އެވެ. މިކަންކަމާ އަޅުގަނޑު ދެބަހެއް ނުވަމެވެ.
ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް، 25 މީހުން ދިވެހިރާއްޖޭގައި މޫދާ ގުޅޭ ހާދިސާތަކުގައި ނިޔާވެފައިވެ އެވެ. އޭގެ ތެރޭގައި 12 ކުޑަކުދިން ހިމެނެ އެވެ. މިއީ ކަންބޮޑުވާންޖެހޭ ތަފާސްހިސާބެކެވެ. އެ ކުދިންގެ ނަންތަކާއި އެ ހާދިސާތަކުގެ ތަފްސީލް އަޅުގަނޑު ބަލަހައްޓަމެވެ. އަޅުގަނޑު ވަކާލާތު ކުރަނީ، ދިވެހި ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. މިއީ އަޅުގަނޑެއް ވެސް ދިވެހި ދައުލަތުން ވެސް އަލަށް ދައްކާ ވާހަކައެއް ނޫނެވެ.
ނަވާރަސަތޭކަ ނުދިހަ ހަ ވަނަ އަހަރު، "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" ޕްރޮގްރާމެއް ސަރުކާރުން ފެއްޓެވި އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި ސުވިމިން އެސޯސިއޭޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ހިންގި ޕްރޮގްރާމް ފަށަން ދިމާވީ، އެ އަހަރު ދިވެހިރާއްޖޭގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި، އޭރުގެ ސައިންސް އެޑިއުކޭޝަން ސްކޫލް (އެސްއީސީ) އިން ނިންމި ދަރިވަރު ސިބްޣަތުﷲ މޫދަށް ވެއްޓި، ފެތިގެން ނިޔާވި ހާދިސާއާ ގުޅިގެންނެވެ. އޭނާއަކަށް ފަތާކަށް ނޭނގެ އެވެ.
މި ޕްރޮގްރާމްގައި 1996 އިން 2001 އާ ހަމައަށް 15،000 (ފަނަރަހާސް) އެއްހައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިން ކަމަށް ވެ އެވެ. ނަމަވެސް 2001 ވަނަ އަހަރުގެ ހުއްޓުނު ފަހުން އެ ޕްރޮގްރާމެއް ކުރިއަކަށް ނުދެ އެވެ.
ދެހާސް ހަތަރު ވަނަ އަހަރު، ފެތުމުގެ ފެސްޓިވަލެއް ފައްޓަވައި ދެއްވުމުގެ ގޮތުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެއްގައި، "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" ޕްރޮގްރާމް އަލުން ފައްޓަން ޖެހިފައިވާ ކަމަށާއި، އެކަން، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދަވާނެކަމަށް ޔަޤީން ކުރައްވާކަމަށް ވިދާޅުވެފައިވެ އެވެ. އޭގެ ފަހުން ވެސް އެކަމެއް ނުހިނގައެވެ. ފަތަން ދަސްކުރުމަކީ ގައުމީ މަންހަޖުގައި ދާދި ފަހަކާ ޖެހެންދެން ވެސް އޮތް ކަމެކެވެ. ނަމަވެސް، އެކަން ތަންފީޒުކުރާނެ ޕްރޮގްރާމެއް އެއްވެސް ފަރާތަކުން ނުހިންގައެވެ.
މިނިސްޓްރީ އޮފް ހެލްތުން 2022 ވަނަ އަހަރު ނެރުއްވާފައިވާ "މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ފޯ ހެލްތު 2022" ގައި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް، ކަސްރަތެއްގެ ގޮތުގައި ފެތުމަކީ މުހިންމު ކަމެއްކަމަށް ލިޔެފައިވެ އެވެ. އެ ގައިޑްލައިންގައި 13 ފަހަރު ފެތުމާގުޅޭ ވާހަކަތައް ލިޔެފައި އެބައޮތެވެ.
“Swimming is an inexpensive, accessible, aerobic physical activity that can be enjoyed at light, moderate or vigorous intensities by people of a variety of ages and abilities.” Maldives Guideline of Physical Activity for Health 2022.
މިއަދުގެ ސަރުކާރުން ދުޅަހެޔޮ ރައްޔިތެއް ބިނާކުރަން ކުރާ މަސައްކަތް ފާހަގަކުރަންޖެހެ އެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ނަމަކީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އެވެ. ހަށިހެޔޮކަން ވުޒާރާއެއްގެ ނަމަށް އައި ފުރަތަމަ ފަހަރެވެ. އެ ވުޒާރާގެ ފަރާތުން ހަށިހެޔޮ ދުޅަހެޔޮ ރާއްޖެގެ ނަމުގައި ފުޅާ ޕްރޮގްރާމެއް އެބަ ހިންގަވަ އެވެ. ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގައި އާންމުންނަށް ކުޅެވޭނެ ކުޅިވަރު ވަސީލަތްތައް ގާއިމު ކުރައްވަން މަޝްރޫއުތަކުގައި ސޮއިކުރައްވާފައިވެ އެވެ.
މިއީ މުހިންމު ކަންކަމެވެ. ނަމަވެސް، ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމުގައި މޫދު ކުޅިވަރުގެ ހަރަކާތްތެއް އަދި މިހާތަނަށް ހިންގުނީ އެންމެ ރަށެއްގަ އެވެ. އެބައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް އަޅުގަނޑަށް ފެނެ އެވެ. ފެތުމާއި މޫދު ކުޅިވަރަކީ އިތުރު ވަސީލަތަކާ ނުލައި ވެސް ރަށްރަށުގައި ކުރެވެން އޮތް ކަމެކެވެ.
އެއްގަމުގައި ކުރާ ކަސްރަތުތަކާ ހިލާފަށް، މޫދު ކަސްރަތުގައި ހާއްސަ ދެ ފައިދާއެއްވެ އެވެ. ފުރަތަމަ ކަމަކީ، ފެތުމުގެ ތެރެއިން ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކަސްރަތު ލިބުމެވެ. ކާޑިއޯ ބަޔާއި މަސްކިއުލާ ބަޔަށް ވެސްމެ އެވެ. އެހެން ކަސްރަތުތަކާ ހިލާފަށް، ފެތުމުގެ ހަރަކާތުގައި ހަށިގަނޑުގެ ހުރިހާ މަސްތަކެއް މަސައްކަތް ކުރެ އެވެ. މިސާލަކަށް، ދުވާއިރު ބޮޑަށް މަސައްކަތް ކުރަނީ އުނަގަނޑުން ފެށިގެން ތިރިއާއި ކޮނޑުގެ މަސްތަކެވެ.
ދެވަނަ ފައިދާއަކީ، ހުޅުތަކަށް ކުރާ ބާރު ކުޑަވުމެވެ. ދުވުމާއި އެއްގަމުގައި ކުރާ ކަސްރަތުތަކަކީ ހުޅުތަކަށް ބާރު ބޮޑު ކަސްރަތުތަކެވެ. ފެތުމަކީ، ދުވަސްވީ މީހުންނާއި ހުޅުތަކުގެ ވަރު ދެރަ މީހުންނަށް ވެސް ފަސޭހައިން ކުރެވޭނެ ކަމެކެވެ. ފެތުމަކީ، އިނގިރޭސިބަހުން މިކިޔާ ގޮތަށް، ހުޅުތަކަށް "ލޯ އިމްޕެކްޓް" ކަސްރަތެކެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުމާއި މޫދުކުޅިވަރުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫދަށް އެރެވޭނެ ސަރަހައްދެއް ނެތުމެވެ. މާތްﷲގެ އަމުރާއި އިރާދަފުޅުން، ދިވެހިރާއްޖެއަކު އެ މައްސަލައެއް ނެތެވެ. ރާއްޖޭގައި 800 މީޓަރު ހިނގާފައި މޫދާ ހަމައަށް ވާސިލު ނުވާނެ އެއްވެސް ތަނެއް ނެތެވެ. ސާފު، ރީތި މޫދެވެ. ފެތުމާއި މޫދު ކުޅިވަރުގެ ޖަންނަތެކެވެ.
ނޯޓް: ޕްރޮފެޝަނަލް ކެރިއަރުގައި ގާނޫނީ ދާއިރާއިން ކުރިއަށް ވަޑަައިގެންވި ނަމަވެސް ހުސެއިން ޝަމީމުގެ ހިތާއި ރޫހު އޮތީ ކުޅިވަރާއި ފިޓްނަސްގަ އެވެ. ޒުވާން ދުވަސްވަރު ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅުނެވެ. ފަހުން ދުވަން ފަށައި، ރިކްރިއޭޝަނަލް ދުވުންތެރިންގެ ތެރެއިން ރާއްޖޭން ބޭރުގައި އެންމެ ފުރަތަމަ މެރެތަނެއް ފުރިހަމަކުރި އެކަކަށްވި އެވެ. ހާފް އަޔަންމެން އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ވެސް ހޯދި ޝަމީމް މިހާރު އަންނަނީ ސްވިމް މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް ހަދައި، ފެތުން ޕްރޮމޯޓްކޮށް، މުބާރާތްތައް އިންތިޒާމުކުރަމުންނެވެ.