ލޯކަލް ކައުންސިލް އިންތިހާބަަށް އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ވާދަވެރި ޕްރައިމަރީގައި މާލޭގެ މޭޔަރުގެ ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް ދެންމެ ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީ މާލޭގެ ޕްރައިމަރީގައި މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމަށް 1،411 ވޯޓު  ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 962 ވޯޓެވެ.

އާދަމް އާޒިމަށް ޓިކެޓް ކަށަވަރުވުމުން އަލީ އާޒިމް ވަނީ އޭނާއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިންތިހާބު ކާމިޔާބުކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަލީ އާޒިމް ދެއްވި އެވެ.

މިއަދު އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ޕްރައިމަރީގެ ވޯޓުލުން އޮތީ މިރޭ 8:00 އާ ހަަމައަށެވެ. 

އެމްޑީޕގެ ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް، އަދި އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރިއަށް ގެންދިޔައީ އާދަމް އާޒިމާއި އަލީ އާޒިމާ ދެމެދުގަ އެވެ. ދެބޭފުޅުންގެ ކެމްޕެއިންގައި ވެސް ބަހުގެ ހޫނު ހަމަލާތަކެއް އެއްބަޔަކު އަނެއްބަޔަކަށް ދީފައި ވެ އެވެ.

މިއަދު ބޭއްވި ޕްރައިމަރީގެ ވޯޓުގައި ރަށު ކައުންސިލްތަކުގެ އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާ އެކު، ޖުމްލަ 129 މީހަކު ވާދަކުރި އެވެ. 

އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ރަށްރަށުން 15 މީހަކާއި މާލެއިން އަށް މީހެކެވެ.

ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓް ލިބިފަ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ހިމެނެ އެވެ. 

ހާއްސަކޮށް މާލޭގައި ކެމްޕެއިންގެ ވާދަވެރިކަން އިންތިހާއަށް އޮތްއިރު، ޕްރައިމަރީގައި ބަލި ވިޔަސް، ޓިކެޓު ކާމިޔާބުކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އެދިވަޑައިގެންފަ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީގެ ވޯޓުގެ ކުރިން ޕާޓީގެ މެމްބަރުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޣަފޫރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިމޮކްރެޓިކް ހަރަކާތްތައް ހިންގާ ޕާޓީ ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ހުރިހާ މަސައްކަތެއް ކުރީ އެ ޕާޓީން ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ޣަފޫރު ވިދާޅުވީ ޕްރައިމަރީގެ ވޯޓުގައި ޕާޓީގެ ހުރިހާ މެމްބަރުން ބައިވެރިވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ވޯޓުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.