ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމަށް ކެމްޕެއިން ކުރައްވާ އަލީ އާޒިމްގެ ބޮޑެތި ކަންބޮޑުވުންތަކެއް އެ ޕްރައިމަރީއާ ގުޅޭ ގޮތުން އެ ޕާޓީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

އަންނަ ޖެނުއަރީ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ 129 ކެންޑިޑޭޓުން ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފަ އެވެ. އެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރާ އެކު ލިސްޓު މިއަދު އާންމުކުރި އެވެ.

މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމްއާ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ސިޓީގައި އެންމެ މުހިންމު އެއް ކަމަކަށް އެދިވަޑައިގަތީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، މި ފަހަރުގެ ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންނަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ބެހޭ ގަވާއިދަކީ ހައި ކޯޓުގެ ކުރީގެ ގަޒިއްޔާއަކުން ވެސް ބަލައިގަނެފައިވާ އަދި ޕާޓީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ގަވާއިދު ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އަލީ އާޒިމް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ބެހޭ ގަވާއިދުގެ ހަތަރުވަނަ މާއްދާ ބަދަލުކުރީ ގައުމީ މަޖިލިހުގެ ބަހެއް ނެތި ކަމަށް އަލީ އާޒިމް ވިދާޅުވި.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ބެހޭ ގަވާއިދުގެ ހަތަރުވަނަ މާއްދާ ބަދަލުކުރީ ގައުމީ މަޖިލިހުގެ ބަހެއް ނެތި ކަމަށް އަލީ އާޒިމް ވިދާޅުވި.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށް އަލީ އާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ޕާޓީގެ އަސާސީ ގަވާއިދާއި އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ވެސް އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހޭނީ ސެކްރެޓޭރިއޭޓުން ކަމަށް ބުނެފައިވާއިރު، އެހެން ގުނަވަނަކާ އެ ޒިންމާ ހަވާލު ނުކުރެވޭނެ ކަމަށެވެ.

"... ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަކީ އިންސާފުވެރި ޕްރައިމަރީއަކަށް ހެދުމަށްޓަކައި އިންތިހާބުތަކާ ބެހޭ ކޮމިޓީ އާއި އެ ކޮމިޓީގެ މެމްބަރުން އަމަލުކުރުމަށް އަންގައި ދެއްވުމަށެވެ،" ޕްރައިމަރީގެ އިންސާފުވެރިކަން ކަށަވަރު ކޮށްދިނުމަށް އެދިވަޑައިގެން އަލީ އާޒިމްގެ ސިޓީގައި ވެ އެވެ.

އޭނާގެ ކަންބޮޑުވުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީގެ ކަންކަން އިންތިޒާމު ކުރުމާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބުތަކާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވުމެވެ.

އަލީ އާޒިމްގެ ޝަކުވާގެ ސިޓީގައި، އެމްޑީޕީގެ "އިންތިހާބުތަކާ ބެހޭ ގަވާއިދު 2013" ގެ ހަތަރުވަނަ މާއްދާއާ ހަވާލާދީ ވިދާޅުވީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ އިންތިހާބަށް އިއުލާންކުރާ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މެމްބަރުންނަށް ކަމަށެވެ.

އެ މާއްދާ އަށް ބަލާއިރު، މި ފަހަރުގެ ލޯކަލް އިންތިހާބަށް ކުރިިމަތިލާން އެމްޑީޕީން ހުޅުވައިލީ މި މަހުގެ 11 ވަނަ ދުވަހު އާންމުކުރި އިއުލާނުން ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

"ވީމާ މިހާތަނަށް މި ޕާޓީގެ ފަރާތުން އިންތިހާބަށް ހުޅުވާލައި، ކޮށްފައިވާ ހަމައެކަނި އިއުލާނަކީ 11 ޑިސެމްބަރު 2025 ގެ އިއުލާން ކަމަށްވީ ހިނދު، ޕްރައިމަރީގައި ވޯޓުލެވޭ މެމްބަރުންގެ ދަފްތަރު އޭގެ ކުރީގެ ތާރީހަކަށް ބަންދު ކުރެވޭ ގޮތަށް ކަނޑައަޅައި، އާންމު ކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ،" އަލީ އާޒިމްގެ ސިޓީގައި ވެ އެވެ.

"ވުމާ އެކު، އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތަށް ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ޕްރައިމަރީގައި ވޯޓުލެވޭނީ 11 ޑިސެމްބަރު 2025 ވީ ބުދަ ދުވަހާ ހަމައަށް މި ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރު ވެފައިވާ މެމްބަރުންނަށް ކަމަށް ދެކެމެވެ."

އަލީ އާޒިމްގެ އިތުރު ކަންބޮޑުވުންތައް:

1- ގައުމީ މަޖިލިހުގެ ބައްދަލުވުމަކަށް ނުގެންގޮސް އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ބަދަލުކޮށް މި މަހުގެ 17 ވަނަ ދުވަހު އާންމުކުރި ކުރުން.

އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ އަށް މި ފަހުން ގެނައި ބަދަލުގައިވާ ގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނަށް. މީގެ އިތުރުން ޕާޓީގެ އެތެރޭގެ އިންތިހާބުތައް ރާވައި ހިންގާނެ ގޮތުގެ އާންމު ގަވާއިދު ގައުމީ މަޖިލިހުން ފާސްކުރަން ޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، ހަތަރު ވަނަ މާއްދާ އަށް ގެނައި އިސްލާހު އެ މަޖިލިހުން ފާސްކޮށްފައި ނެތް ކަމަށް އަލީ އާޒިމް ވިދާޅުވި.

2- އެމްޑީޕީގެ ސެކްރެޓޭރިއޭޓުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަންކަން އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފަށް އިންތިހާބުތަކާ ބެހޭ ކޮމިޓީން ކުރުން. އޭގެ ތެރޭގައި ކެންޑިޑޭޓުންގެ ފޯމު އެ ކޮމިޓީން ބަލައިގަތުން ހިމެނޭ. އަލީ އާޒިމް ވިދާޅުވީ، އެއީ ވެސް އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދާ ހިލާފު އަމަލެއް ކަމަށް.

3- އިންތިހާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ ބޭފުޅުން ތިއްބެވި ކަމަށް އަލީ އާޒިމް ވިދާޅުވި. އެގޮތުން އެ ކޮމިޓީގެ މެމްބަރު މުހައްމަދު ފަލާހު ގެންދަވަނީ އަނެއް ކެންޑިޑޭޓް އާދަމް އާޒިމަށް ކެމްޕެއިން ކުރައްވަމުން ކަމަށް އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައިވޭ. އަދި ކޮމިޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރައްވާ ނައިބު މުގައްރިރު އިބްރާހިމް މުއިއްޒު ޕްރައިމަރީގެ ކަންކަމާ ހަވާލުވެ ހުންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް އަލީ އާޒިމް ފާހަގަކުރެއްވި.

އިންތިހާބާ ބެހޭ ކޮމިޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރައްވާ ނައިބު މުގައްރިރު އިބްރާހިމް މުއިއްޒު: އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް އަލީ އާޒިމް ހުށަހެޅުއްވި.
އިންތިހާބާ ބެހޭ ކޮމިޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރައްވާ ނައިބު މުގައްރިރު އިބްރާހިމް މުއިއްޒު: އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް އަލީ އާޒިމް ހުށަހެޅުއްވި.

"އެހެނީ، އޭނާ ވަނީ އަޅުގަނޑާ ވާދަވެރި ކެންޑިޑޭޓް މާލޭ މޭޔަރު އާދަމް އާޒިމް އަށް ކެމްޕެއިން ކުރުމުގެ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އަދި މީގެ އިތުރުން އޭނާއަކީ އަޅުގަނޑުގެ ވާދަވެރިޔާ އާދަމް އާޒިމް ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އިންތިހާބުވުމަށް ފަހު، މާލޭ ސިޓީ ކައުންސިލްގެ ސުޕަވައިޒަރުގެ މަގާމަށް އައްޔަންކޮށްފައިވާ މީހެކެވެ،" އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް މުއިއްޒާ ގުޅޭ ޝަކުވާގައި އަލީ އާޒިމް ވިދާޅުވި އެވެ.

"އަދި އޭނާއަކީ އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓް މާލޭގެ މޭޔަރު އާދަމް އާޒިމަށް ރިޕޯޓު ކުރަންޖެހޭ ވަޒީފާއެއްގައި ހުރި މީހަކަށް ވާތީ، އާދަމް އާޒިމް ބައިވެރިވާ އިންތިހާބެއްގައި އިބްރާހިމް މުއިއްޒު އަށް 'ވަކި ފަރާތަކަށް ބުރަނުވެ' މަސައްކަތް ކުރުމަކީ ބުއްދިން ބަލާއިރު ވެސް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ އޭނާ އެ ކޮމިޓީން މިވަގުތަށް ތަނާޒުލް ވާން ނުވަތަ އެއްފަރާތް ކުރަންޖެހޭ ކަމަށް ދެކެމެވެ."

އިންތިހާބާ ބެހޭ ކޮމިޓީގެ އަނެއް މެމްބަރު ޝާތިރު އަބްދުއްރަހުމާނަކީ ވެސް އާދަމް އާޒިމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބެއްގައި ވާދަކުރަައްވާ ކެންޑިޑޭޓާ މަސްލަހަތު ފުށުއަރާ ބޭފުޅަކު ކޮމިޓީގައި ހުންނަވާ ނަމަ އެ އިންތިހާބަކުން ތަނާޒުލް ވެފައި ވެ އެވެ.