ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ، ގ، ވައިޓްރޯސް، ނުހާމް މުހައްމަދު ޝިޔާން، 25، ކަމަށެވެ.
އޭނާ ހައްޔަރުކޮށް، ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖާއި ވޭޕް އަދި ޕޮޑްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ވެބްސައިޓުގައި ބުންޏެވެ.
ނުހާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ.
އެ ތަކެތި އެތެރެކޮށްގެން މިލިއަނުން އެތައް ބަޔަކު ޖޫރިމަނަކޮށްފައިވާއިރު، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.