ދެ ގެއެއް ފާސްކޮށް 500 އެއްހާ ވޭޕް އިއްޔެ އަތުލައިގެންފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ފާސްކުރިއިރު 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރެޓާއި ޝީޝާ ޕަފް އަދި ވޭޕާ ގުޅުން ހުރި ތަކެތި ފެނިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
ވޭޕް މަނާކުރި ފަހުން އަތުލައިގަތް ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓު ވެސް މި ފަހުން ވަނީ އަތުލައިގެންފަ އެވެ.
ކަސްޓަމްސް އިން ބުނީ ކަނޑުމަގުން މި މަހުގެ 4 ވަނަ ދުވަހު ގެނައި ޝިޕްމަންޓެއްގައި ގާނޫނާ ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން އެ ތަކެތ ފާސްކުރިއިރު 10،800 ވޭޕް ކާޓްރިޖް ފެނުނު ކަމަށެވެ. އެ ތަކެތީގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.