ރާއްޖޭގައި ޗުއްޓީ ހޭދަކުރަނިކޮށް މަރުވި އިނގިރޭސިވިލާތުގެ ދެމަފިރިންގެ މަރުގެ މައްސަލާގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ކަހަލަ ކަމެއް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން "މިހާރު" އިން ފުލުހުންނާ ސުވާލުކުރުމުން އޮފިޝަލަކު ވިދާޅުވީ އއ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ޓޫރިސްޓެއް ކަމަށްވާ އިލެއިން ރިޗްމަންޑް، މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ފިރިމީހާއާ އެކު، އެ ރިސޯޓްގެ ފަރު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ކަމަށެވެ.

އެ ދެމަފިރިން ހޯދަމުން ދަނިކޮށް އެ ސަރަހައްދުގެ މޫދުގައި އަންހެން މީހާ މަރުވެފައިވާ އޮއްވައި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ ފިރިހެން މީހާ، މެލްކަމް ޖޯން ރިޗްމަންޑް، 71، މަރުވީ އަންހެން މީހާގެ މަރަށް ފަހު މިދިޔަ މަހުގެ 21 ވަނަ ދުވަހު އެނބުރި ގައުމަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓައި، ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން އެއާޕޯޓް ކްލިނިކްގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު ކަމަށެވެ.

ޗުއްޓީ ހޭދަކުރަން ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުގެ ދެމަފިރިއަކު ރާއްޖޭގައި ޑައިވް ކުރަނިކޮށް މަރުވި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރީ އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" އިން އިއްޔެ އެވެ.

އެ ނޫހުގައި ބުނި ގޮތުގައި، އެ ހާދިސާ ހިނގީ  އއ. އަތޮޅުގައި އޮންނަ އެއްލައިދޫ ބައި ސިނަމަން ރިސޯޓު ކައިރީގައި މޫދުގަ އެވެ.

އެ ދެމަފިރިންގެ ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ ފަރާތާ ހަވާލާދީ "ޑެއިލީ މެއިލް"ގައި ވެސް ބުނީ އެ ދެމަފިރިންގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެ ދެމަފިރިންގެ ޖަނާޒާ މި މަހު 29 ގައި އިނގިރޭސިވިލާތުގައި ބާއްވަން ނިންމާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ. 

އެ ނޫހުގައި ބުނީ އެ ދެމަފިރިން އެއްލައިދޫ ރިސޯޓަށް 60 ފަހަރު ޒިޔާރަތްކޮށްފައިވާ ކަމަށާއި އަދި މިދިޔަ އަހަރު އެކަނި ވެސް ތިން ފަހަރަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 17 އަހަރު ކޮންމެ އަހަރެއްގެ ކްރިސްމަސް އެ ދެމަފިރިން ފާހަގަކުރީ އެ ރިސޯޓުގައި ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.