ޗުއްޓީ ހޭދަކުރަން ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ދެމަފިރިއަކު ރާއްޖޭގައި ޑައިވް ކުރަނިކޮށް މަރުވެއްޖެ އެވެ.  

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް"ގެ ރިޕޯޓެއްގައި އިއްޔެ ބުނީ އއ. އަތޮޅުގައި އޮންނަ އެއްލައިދޫ ބައި ސިނަމަން ރިސޯޓު ކައިރީގައި މިދިޔަ މަހު ހިނގި އެ ހާދިސާގައި މަރުވީ ރިޓަޔާޑް ދެމަފިރިން ކަމަށްވާ އިލެއިން ރިޗްމަންޑާއި އޭނާގެ ފިރިމީހާ މެލްކަމް ރިޗްމަންޑް ކަމަށެވެ.

އެ ނޫހުގައި ބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ސާފު ނުވި ނަމަވެސް އުމުރުން 70 އަހަރުން މަތީގެ އެ ދެމަފިރިން ފެނުނީ އޮޔާދަނިކޮށް ކަނޑުމަތިން ކަމަށެވެ. އެމީހުން މޫދުން ނެގިއިރު އަންހެން މީހާ އޮތީ މަރުވެފައި ކަމަށާއި ފިރިހެން މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށް އެ ނޫހުގައި ބުންޏެވެ.

ޑައިވިން އެކްސިޑެންޓުގައި މަރުވި އިނގިރޭސި ދެމަފިރިން.-- ފޮޓޯ: ޑެއިލީ މެއިލް
ޑައިވިން އެކްސިޑެންޓުގައި މަރުވި އިނގިރޭސި ދެމަފިރިން.-- ފޮޓޯ: ޑެއިލީ މެއިލް

އެ ދެމަފިރިންގެ ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ ފަރާތާ ހަވާލާދީ "ޑެއިލީ މެއިލް"ގައި ބުނީ އެ ދެމަފިރިންގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެ ދެމަފިރިންގެ ޖަނާޒާ މި މަހު 29 ގައި އިނގިރޭސިވިލާތުގައި ބާއްވަން ނިންމާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ. 

އެ ރިޕޯޓުގައި ބުނީ އެ ދެމަފިރިންގެ ދަރިއަކު ނުހުންނަ ކަމަށާއި އެމީހުންގެ ވާރުތަވެރިޔަކަށް ހުރީ ބޮޑުުބޭބެ/ބޮޑުދައިތަ ކިޔާ ކުއްޖެއް ކަމަށެވެ. 

"ޑެއިލީ މެއިލް"ގައި ބުނީ އެ ދެމަފިރިން އެއްލައިދޫ ރިސޯޓަށް 60 ފަހަރު ޒިޔާރަތްކޮށްފައިވާ ކަމަށާއި އަދި މިދިޔަ އަހަރު އެކަނި ވެސް ތިން ފަހަރަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 17 އަހަރު ކޮންމެ އަހަރެއްގެ ކްރިސްމަސް އެ ދެމަފިރިން ފާހަގަކުރީ އެ ރިސޯޓުގައި ކަމަށް އެ ނޫހުގައި ބުންޏެވެ. 

"މޯލްޑިވްސް ހޮލިޑޭމޭކާސް" ކިޔާ ފޭސްބުކް ގްރޫޕެއްގައި ކުރި ތައުޒިޔާގެ ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ކްރިސްމަސް ބަންދުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، އެއްލައިދޫ ގްރޫޕްގެ އެންމެ ގާތް ދެ މެންބަރުން ކަމަށްވާ އިލެއިން އާއި މެލްކަމް ރިޗްމަންޑް މަރުވުމުން ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އެ ގްރޫޕްގެ ގިނަ ބަޔަކު ދަންނަ އެ ދެމަފިރިންނަކީ އެލައިދުއަށް ވަރަށް ގިނައިން ޒިޔާރަތްކުރާ ދެމަފިރިން ކަމަށް އެ ޕޯސްޓުގައި ވެސް ބުނެފައިވެ އެވެ.