މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފި އެވެ. 

މި މައްސަލަ ބަލައިދޭން އެ ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރެވެ. 

އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ މޯލްޑިވްސް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރު ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެެވެ. އެ ފައިސާ އަދިވެސް ނުފެންނާތީ، އެ މައްސަލައިގެ ތަހުގީގެއް ހިންގައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވާހަކަ ދައްކަވަނީ --- ފޮޓޯ/މޯލްޑިވް ގޭސް
މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވާހަކަ ދައްކަވަނީ --- ފޮޓޯ/މޯލްޑިވް ގޭސް

"މޯލްޑިވްސް ގޭސް އިން އޮކްޓޫބަރު 2024 ގައި އޯޑަރު ކޮށްފައިވާ 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރާ ގުޅޭ މައްސަލައަކީ ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމުން، އެކަމުގެ މައުލޫމާތު ހޯދުމުގެ އިތުރުން އޭގެ ފުރިހަމަ ތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ މެދުވެރިކޮށް ހިންގައިދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި ޝާކިރު ވިދާޅުވި އެވެ. 

އޭނާގެ ސިޓީގައި ވަނީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދަށް ވެސް ތުހުމަތެއް ކުރައްވައިފަ އެވެ. 

ޝާކިރު ވިދާޅުވި ގޮތުގައި ގޭސް ކުންފުނީގެ އެމްޑީ ވަނީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަށް ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ މައްސަލަ ވެސް ބަލައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. 

ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.

އޭނާ އޭރު ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ "ގެއްލުނު" އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އޭރު އޭސީސީން ވެސް ތަހުގީގު ކުރަން ފެށި އެވެ. އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

މޯލްޑިވް ގޭހަށް ގޭސް ގަތުމަށް ދުބާއީގެ ޖަކްޝާ އެނާޖީއަށް އެޑްވާންސް ފައިސާގެ ގޮތުގައި ޝިޕްމެންޓުގެ 30 ޕަސެންޓުގެ ފައިސާ ކަމަށްވާ 3.7 މިލިއަން ރުފިޔާ ދެއްކީ އޮކްޓޫބަރު 2024ގަ އެވެ.

އޭރު މޯލްޑިވްސް ގޭހުން ބުނީ އެ ފައިސާ ނުލިބޭތީ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ސަޕްލަޔަރާ އެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ ނުލިބޭ ކަމަށް އެ ކުންފުނި ބުނި ނަމަވެސް މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ސާފެއް ނޫނެވެ.