މޯލްޑިވް ގޭހުން 2018ގެ ކުރިން ގޭސް ގަނެފައި ވަނީ މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް ކަމަށާއި ކުންފުނި ހިންގުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ރިޕޯޓަކުން ދައްކައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އެސްއޯއީ ކޮމިޓީގައި ވަނީ މޯލްޑިވް ގޭހުގެ މައްސަލަ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި ބަލައި، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފޮނުވަން އޭސީސީގައި އެދެން ނިންމައިފަ އެވެ. މި މައްސަލަ އެސްއޯއީ ކޮމިޓީން ބަލާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އެ ކޮމިޓީން ބަލަމުން އައި މައްސަލަ ނިންމައި މިހާރު ވަނީ ރިޕޯޓެއް އެކުލަވާލައިފަ އެވެ. އަދި އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.

އެ ރިޕޯޓްގައި ވާ ގޮތުން މައްސަލަ ދިރާސާ ކުރުމުގައި މައިގަނޑު ހަތަރު ކަމެއް ކޮމިޓީން ފާހަގަކޮށްފައިވެ އެވެ. އެންމެ ބޮޑު މައްސަލައަކީ ކުންފުނިން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުވުމެވެ. ރިޕޯޓްގައިވާ ގޮތުން ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45-60 ޕަސެންޓް ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ. އަދި 2016 އާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވި ނަމަވެސް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65-99 ޕަސެންޓް ބޮޑުކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން 2016-2018 އަށް ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250-285 ޑޮލަރުގައި ހުރިއިރު، މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލި ފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކޮމިޓީން ވަނީ ގޭސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ފަށަން އެ ކުންފުނީގައި އެދިފަ އެވެ. އަދި ގޭހުގެ އަގު ހެޔޮކުރަން ކުރަން ޖެހޭ ކަންކަން ކުރަން ވެސް އެދިފައިވެ އެވެ.

މަޖިލީހުގެ އެސްއޯޓީ ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ކޮމިޓީން ފާހަގަކޮށްފައިވާ ގޮތުގައި މޯލްޑިވް ގޭހުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި -- ފައިލް ފޮޓޯ: މިހާރު
މަޖިލީހުގެ އެސްއޯޓީ ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ކޮމިޓީން ފާހަގަކޮށްފައިވާ ގޮތުގައި މޯލްޑިވް ގޭހުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި -- ފައިލް ފޮޓޯ: މިހާރު

ކޮމިޓީގެ ނިންމުމުގައިވާ ގޮތުން ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު ސަސްޕެންޑްކުރި ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް އެ ކުންފުނީގެ މަސައްކަތްތައް ބެލެހެއްޓުމުގައި ވަނީ އިހުމާލުވެފަ އެވެ. ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އެހެން މެނޭޖިން ޑިރެކްޓަރަކު ނެގުމުގައި ސަރުކާރާ އެކު މަސައްކަތް ކުރަން ވެސް، ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޝިޔާމްއަކީ މި ސަރުކާރުން އެ ކުންފުންޏަށް އައްޔަންކުރި ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ. އެކަމަކު އެސްއޯއީ ކޮމިޓީގެ ގިނަ ހޯދުންތަައް ބޮޑަށް އަމާޒުވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު މޯލްޑިވް ގޭހުގައި ހުރި މައްސަލަތަކަށެވެ.

މޯލްޑިވް ގޭހުގެ ކޮންމެ ޝިޕްމަންޓަކަށް 2017 އިން ފެށިގެން އެވްރެޖުކޮށް 130،000 ޑޮލަރު އިތުރުކަން ކޮމިޓީގެ ނިންމުމުގައިވެ އެވެ. އަދި އެއީ ބޮޑު އަދަދެއްކަން ވެސް ކޮމިޓީން ގަބޫލުކުރެ އެވެ.

ކޮންމެ ދެ މަހަކުން ގޭހުގެ 1،000 ޓަނު މޯލްޑިވް ގޭހުން ރާއްޖެ ގެނެ އެވެ. ގޭސް ގެންނަން ޝިޕިންއަށް ބޮޑު އަދަދެއް ދައްކަން ޖެހެނީ އާންމުކޮށް އެންމެ ކުދި ބޯޓުފަހަރުގެ ކެޕޭސިޓީ ވެސް 2،000 ޓަނުގައި އުޅޭތީ ކަމަށް އެ ކުންފުންޏާ ހަވާލާދީ ރިޕޯޓްގައި ވެ އެވެ.

މޯލްޑިވް ގޭހުން 2017 ވަނަ އަހަރުގެ ޖެނުއަރީން މިދިޔަ އަހަރުގެ އޮގަސްޓް މަހަށް 22،000 ޓަނުގެ ގޭސް ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. އެ މުއްދަތުގައި ގޭސް ގަތުމަށާއި ގެންނަން 16.8 މިލިއަން ޑޮލަރު (259 މިލިއަން ރުފިޔާ) ހޭދަކުރި އެވެ. ނަމަވެސް އެސްއޯއީ ކޮމިޓީން މާކެޓްގެ އަގުތަކަށް ބަލައި ހަދާފައިވާ ހިސާބުތަކުން ގާތްގަނޑަކަށް 5.7 މިލިއަން ޑޮލަރު (87 މިލިއަން ރުފިޔާ) ކުޑަކޮށް މޯލްޑިވް ގޭހަށް ހަރަދު ކުރެވޭނެ ކަމަށް ދައްކަ އެވެ.