ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕީއެޗްޑީ ހާސިލްކުރުމަށް ރާއްޖޭގައި މިހާރު އޮންނަ އުސޫލުން ނަމަ ފުލްޓައިމްކޮށް މަދުވެގެން ތިން އަހަރު ހޭދަކުރަންޖެހެ އެވެ. އެކަމަކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ގޮތުގައި ވަޒީފާ އަށް ދަމުން ތިން އަަހަރު ތެރޭގައި ފުލްޓައިމްކޮށް ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރުމަކީ ވާނެ ކަމެއް ނޫނެވެ.

އެހެންވެ، އެމްކިއުއޭ އިން ބުނެފައިވަނީ ތިން އަހަރުން މީގެ ޕްރޮގްރާމެއް ނިންމަން ބޭނުން ނަމަ ބައިވެރިވާން ޖެހޭނީ ފުލްޓައިމްކޮށް ކަމަށެވެ. ވަޒީފާގެ ޒިންމާތައް ދޫކޮށްލައި އެކަމަށް ހުސްވެގެން ކަމަށެވެ. އެހެންވެ، ވަޒީފާއެއްގައި އުޅޭ މީހަކު ނަމަ ޕީއެޗްޑީ ހާސިލްކުރަން މިހާރު މަދުވެގެން ހަ އަހަރު ބޭނުންވާނެކަން މިކަމާ ބެހޭ ގޮތުން އެމްކިއުއޭ އިން ކުރި އިއުލާނުން އެނގެ އެވެ.

ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާ ގުޅޭގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް އަދި ނެތްކަން އެމްކިއުއޭ އިން ފާހަގަކޮށްފައިވެ އެވެ. އެކަމަކު، ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރުމާ ގުޅޭ މިންގަނޑެއް އެ އޮތޯރިޓީގެ "ރާއްޖެ އިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" ގައި އޮންނާތީ އެކަމަށް އިޝާރާތްކޮށްފައިވެ އެވެ.

"...މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ،" އެމްކިއުއޭއިން ބުނެފައިވެ އެވެ.

އެމްކިއުއޭގެ ނިންމުމާ އެކު ބަހުސް ފުޅާވެގެން ދިޔައީ އެންމެ ފުރަތަމަ އަމިއްލަ ކޮލެޖުތައް ފަށައިގަތް އިރު އޮންލައިންކޮށް ކޯސްތައް ހިންގަން ފެށި މަންދު ކޮލެޖްގެ ވެރިޔާ، ތައުލީމީ ދާއިރާގައި ތަޖުރިބާކާރެއްގެ ގޮތުގައި މަޝްހޫރު އިބްރާހިމް އިސްމާއިލް (އިބްރާ) ފާޅުކުރެއްވި ހިޔާލާ އެކުގަ އެވެ.

އެމްކިއުއޭގެ ނިންމުމަށް ތާއީދު ކުރައްވައި، މަންދު ކޮލެޖުގެ ޗެއާމަން އިބްރާ ދެއްވީ މަތީ ތައުލީމަށް ކިޔެވުމުގެ އުނދަގޫ ކަމުގެ މެސެޖެވެ. ރާއްޖޭގައި މަތީ ތައުލީމަށް ކިޔެވުމަކީ ފަހަކަށް އައިސް ފަސޭހަ އަދި މާ އުނދަގުލެއް ނެތި ސެޓްފިކެޓުތައް އަތަށް އަރާ ކަމަކަށްވެ، ސުވާލު އުފެއްދުން އިތުރު ވެފައިވާތީ އެވެ.

އިބްރާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގައި އުޅެމުން ކިޔެވުމަށް ވަގުތު ހޯދުމެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުން، ވަޒީފާއެއް ނެތި ހަމައެކަނި ކިޔެވުމަށް ހުސްވެގެން ހުރުމަކީ ގިނަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އޮފީހުގެ ރަސްމީ ގަޑި ނިންމާފައި ގެއަށް އަންނައިރު، ހަށިގަނޑާއި ސިކުނޑި ހުންނަނީ އިންތިހާއަށް ވަރުބަލިވެފަ އެވެ. ޕީއެޗްޑީ ފެންވަރުގެ ފުން ދިރާސާތަކެއް ކުރުމަށް ބޭނުންވާ ތާޒާކަމާއި ފިކުރު ހޯދުމަކީ ވަޒީފާގެ ބުރަކަމުގެ ތެރެއިން އުނދަގޫ ކަމެއްގެ ގޮތުގައި އިބްރާ ފާހަގަކުރެއްވި އެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ދަސްވެނިވި ދަރިވަރުން ބައިވެރިވަނީ: ފުލްޓައިމް ކޯސްތަކާއި ޕާޓްޓައިމް ކޯސްތަކުގެ މިންގަނޑު ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ހިޔާލު ތަފާތު. -- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ދަސްވެނިވި ދަރިވަރުން ބައިވެރިވަނީ: ފުލްޓައިމް ކޯސްތަކާއި ޕާޓްޓައިމް ކޯސްތަކުގެ މިންގަނޑު ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ހިޔާލު ތަފާތު. -- ފޮޓޯ: ރައީސް އޮފީސް

މި އުސޫލު ޕީއެޗްޑީ ޕްރޮގްރާމަށް އެކަނި ކީއްވެ؟

ވަޒީފާ އަދާކުރަމުން ކިޔެވުމަކީ މިހާރު ރާއްޖޭގައި އާންމު ކަމެކެވެ. ފުލްޓައިމް ވަޒީފާ އަދާކުރަމުން އެއް އަހަރުން މާސްޓާސް އަދި ފުލްޓައިމް ވަޒީފާގައި އުޅެމުން ތިން އަހަރުން ޑިގްރީ ވެސް ހަދަނީ އެވެ. މި ޕްރޮގްރާމްތަކުގެ ފެންވަރާ މެދު އުފައްދާ ސުވާލުތައް ގިނަވެފައި ވިޔަސް އެމްކިއުއޭ އިން އެކަމާ ބެހޭ ގޮތުން ހަރުކަށިކޮށް ނުވިސްނަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ. 

އަނެއް ބަޔަކު މި ވިސްނުން އަދި އެހެން ހިސާބަކަށް ވެސް ގެންދިޔަ އެވެ. 

"މިހާރު ރާއްޖޭގައި އުމުރުން 11 އަހަރުގެ ކުދިން ވެސް އޯލެވެލްގައި ބައިވެރިވެ ރަން ވަނަތައް ވެސް ހޯދާ. އެ ނަތީޖާ ހޯދަނީ އުޅެމުންދާ ގްރޭޑުގައި ހުރެ، ހުރިހާ މާއްދާތައް ކިޔަވަމުން އޯލެވެލްގެ ސިލަބަސް ވެސް ކިޔަވައި ޓެސްޓަށް ތައްޔާރުވެގެން. އެ ކުދިން ގްރޭޑް 10 އާ ހަމަޔަކަށް ރަސްމީ ތައުލީމު ހާސިލް ނުކޮށް ގެންނަ ސެޓްފިކެޓް ވެސް އެހެން ވިއްޔާ ގަބޫލުކޮށްގެން ނުވާނެތާ،" ސޯޝަލް މީޑިއާގައި ފުޅާވެގެން ދިޔަ ބަހުސްގައި މީހަކު ބުނެފައިވެ އެވެ. 

މީހުން ބުނެފައި ވަނީ ވަޒީފާގައި އުޅެމުން ކިޔެވުން ދިވެހިންގެ ތެރޭގައި އާންމު ވެފައިވާ ކަމަކަށް ވެފައި ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އެ ނޫން ގޮތެއް ގިނަ މީހުންނަށް ނެތް ކަމަށެވެ. އަދި ރަށުގައި ވަޒީފާގައި ހުރެގެން ކިޔެވުމަކީ ގިނަ މީހުންނަށް އޮތް ހަމަ އެކަނި ގޮތް ކަމަށް ވުމުން އެމްކިއުއޭގެ ފުލްޓައިމް އާއި ޕާޓްޓައިމް ޕްރޮގްރާމްތަކުގެ މުއްދަތާއި މިންގަނޑުތަކުގައި އިންސާފުވެރި ހަމައެއް އޮންނަން ޖެހޭނެ ކަމަށް މީހުން ދެކެ އެވެ.


މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (ވ) ނޫސްވެރިންގެ ބައްދަލުވުމެއްގައި: ޕީއެޗްޑީ ޕްރޮގްރާމްތަކުގާ ގުޅޭ ގޮތުން އެމްކިއުއޭ އިން ދެއްކި ވާހަކައަށް އޭނާ ތާއީދުކުރެއްވުމާ އެކު ބޮޑު ބަހުސެއް ވަނީ ފެށިފައި
މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (ވ) ނޫސްވެރިންގެ ބައްދަލުވުމެއްގައި: ޕީއެޗްޑީ ޕްރޮގްރާމްތަކުގާ ގުޅޭ ގޮތުން އެމްކިއުއޭ އިން ދެއްކި ވާހަކައަށް އޭނާ ތާއީދުކުރެއްވުމާ އެކު ބޮޑު ބަހުސެއް ވަނީ ފެށިފައި

"ދެން ރާއްޖޭގައި މިހާރު ކިޔަވާ ވަރަށް ވެސް ކިޔަވާނެ މީހެއްނުވާނެ. ވަޒީފާއަށް ދިޔަސް ކިޔެވޭނެ. އެ ކިޔެވެނީ ވަޒީފާތަކުން ލުއިދީފަ ހުންނާތީ މިހާރުވެސް ރާއްޖޭގެ ކުދިން ބޭރުގައުމުތަކުން ޕީއެޗްޑީ ހަދާ. ރާއްޖޭގަ ވަޒީފާއަދާކުރަމުން ބޭރަށް ވަކި މަހެއްވަންދެން ލެކްޗަރާއާ އެކު ކިޔަވާ ރިސާޗްކުރަމުން އެ ހަދަނީ. އެގައުމުތަކުގައި އޯކޭވާ ނަމަ ކީއްވެ ރާއްޖޭގަ ނުވާންވީ؟ ބުރަވިޔަސް ވާނީ ކިޔަވާ ކުއްޖާއަށް. ތިއީ އެހެން އެޖެންޑާއެއް…" އެމްކިއުއޭގެ ނިންމުމާ ގުޅޭގޮތުން "މިހާރު" ގައި ޝާއިއުކުރި ހަބަރަށް މީހަކު ފާޅުކުރި ހިޔާލެއްގައި ބުނެފައިވެ އެވެ. 

ޕީއެޗްޑީ ޕްރޮގްރާމްތަކަށް ގޮތެއް ކަނޑައެޅުމުގެ ކުރިން އޭގެ ކުރިން ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަން އެތައް ބަޔަކު ފާހަގަކޮށް ކޮމެންޓްކޮށްފައިވެ އެވެ. 

"ފުލްޓައިމް ވަޒީފާއަށް ދަމުން ތިން އަހަރުން ބެޗްލަރަސް ޑިގްރީ ހެދުމަކީ ވެސް ވަރަށް މަދު ބަޔަކަށް ނޫނީ ނުވާނެކަމެއް. އެކަމަކު، މިރާއްޖޭގައި ހުރިހާ އެންމެންވެސް ޑިގްރީ ހަދަނީ އެހެން. އެކަމަކު، ހަގީގަތުގައި އެ ހޯދަންޖެހޭ ކްރެޑިޓް އަވަރސް ހަމަވާނެތަ؟ ހާއްސަކޮށް ސެލްފް ލަނިންގ ބައި. ފުލްޓައިމް ވަޒީފާއަށް ދަމުން ކޮލެޖަށް ދިޔުމަކީ އަހަރުމެން ގެނައި ގޯސް ޕްރިސިޑެންޓެއް. މިކަމަށް ހައްލު ބޭނުންވޭ،" އެހެން މީހަކު ބުނެފައިވެ އެވެ. 

މާސްޓާސް ހަދައިގެން ނިކުންނަ މީހާއަށް އަމިއްލައަށް ޑޭޓާ ސެޓެއް އެނަލައިޒްކޮށްލަން ނޭނގޭ ކަމަށާއި ޕްރޮޖެކްޓެއްގެ ޕްރޮޕޯޒަލް އެއް ލިޔެލަން ނޭނގޭ ކަމަށް ވެސް އެކަކު ބުނެފައިވެ އެވެ.

"... ރިސާޗްގެ މެއިން ކޮންސެޕްޓް ނޫނީ ބޭސިކްސް ވެސް ނޭނގޭ! މިހެންވުމުގެ ބައިވަރު ފެކްޓާ ހުރޭ! މިސާލަކަށް ބައެއް ޔުނި ކޮލެޖްތަކުން މާސްޓަސް އިންނަނީ ކޯސް ވޯކް ހަދާގޮތަށް. މިހެން އޮތީމާ ކުދިންނަށް ނޭނގޭ އަމަލީ ގޮތުން ރިސާޗެއް ކޮންޑަކްޓް ކުރަން ރަނގަޅަށް!."

 

އުސޫލެއް ނެތުމުން ބޮޑު ހުސްކަމެއް

ގައުމުތަކުގައި ޕީއެޗްޑީ ހެދުމުގެ މިންގަނޑުތައް ކަނޑައަޅަނީ އެ ގައުމެއްގެ ތައުލީމީ ނިޒާމާއި، ޔުނިވާސިޓީތަކުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ބައެއް އަސާސީ މިންގަނޑުތަކެއް ހުރެ އެވެ.

ގިނަ ގައުމުތަކުގައި ޕީއެޗްޑީއަށް ކުރިމަތިލެވެނީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް އޮވެގެންނެވެ. އަދި ކުރާނެ ދިރާސާއާ ގުޅޭ ރިސާޗް ޕްރޮޕޯސަލެއް ހުށަހެޅުމަކީ ހުރިހާ ގައުމެއްގައި ވެސް މަޖުބޫރު ކަމެކެވެ. އެއީ ކިޔަވާ ދަރިވަރު ކުރަން ބޭނުންވާ ދިރާސާއަކީ އިލްމީ ދާއިރާއަށް އާ ކަމެއް އިތުރުކޮށްދޭނެ ކަމެއްތޯ ބެލުމަށެވެ.

އެމެރިކާގައި ޕީއެޗްޑީ ހެދުމަށް 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެ އެވެ. އެ ގައުމުގެ މިންގަނޑުގައި ފުރަތަމަ ދެ އަހަރު ކޯސް ވޯކް ހަދައި، ޓެސްޓުތަކުން ފާސްވާންޖެހެ އެވެ.

ނަމަވެސް، އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކުގައި ޕީއެޗްޑީއަކީ ބޮޑަށް ރިސާޗަށް ބިނާވެފައިވާ އެއްޗެކެވެ. އެފަދަ ގައުމުތަކުގައި އާންމުކޮށް 3 އަހަރާއި 4 އަހަރާ ދެމެދު ޕީއެޗްޑީ ނިންމާލެވެ އެވެ.

ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާ ގުޅޭގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް އަދި ނެތުމަކީ އުނިކަމެކެވެ. އެހެން ގައުމެއްގައި ފުރިހަމަކުރާ ޑޮކްޓޯރަލް ޑިގްރީ ރާއްޖެއިން ބަލައިގަތުމުގައި އަމަލުކުރާ އެ އުސޫލުގައި ބޮޑަށް ހުރީ އެމްކިއުއޭ އިން މިކަމުގައި ބަލާ މިންގަނޑުތާއި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ވާހަކަ އެވެ. 

ޕާޓްޓައިމް ޕްރޮގްރާމެއްގެ މުއްދަތަކީ ފުލްޓައިމް މުއްދަތުގެ މަދުވެގެން ދެ ގުނަ އިތުރު ނުވަތަ ފަސް އަހަރު ކަމަށް ބަޔާންކުރަނީ އެންމެ ތިން ސަފުހާގެ މައްޗަށް އޮތް އެ އުސޫލުގަ އެވެ. 

"ޕާޓްޓައިމް މުއްދަތު ކަމަށް ބެލެވޭނީ، ފުލްޓައިމް މުއްދަތަށްވުރެ ދިގު މުއްދަތެކެވެ. އެއީ ފުލްޓައިމް މުއްދަތުގެ ދެ ގުނަ ނުވަތަ މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތެކެވެ." އުސޫލުގައި ބުނެފައިވެ އެވެ. 

ދެން އެ އުސޫލުގައި ހުރީ ޕްރޮގްރާމްގެ ފެންވަރު ބެލުމުގެ ކަންކަމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ވާހަކަ އެވެ. ފެށިގެން މި އުޅޭ  ބަހުސަށް އިންސާފުވެރި ޖަވާބެއް ލިބޭނެ އުސޫލެއް ނުވަތަ ގަވައިދެއް ބޭނުންވެ އެވެ. ޑޮކްޓޯރަލް ޑިގްރީއާ ހިސާބަށް ދިއުމުގެ ކުރިން އޭގެ ކުރިއަށް ހުރި ޕްރޮގްރާމްތަކުގައި އޮތް މި ސުވާލަށް ވެސް ޖަވާބު ދޭން ޖެހެ އެވެ. ފެންވަރު ކަށަވަރުކޮށް އިތުބާރު އުފައްދަން ޖެހެ އެވެ. 

ޕްރޮގްރާމްގެ މުއްދަތެއް މުހިންމު ނޫން ކަމަށާއި ފުލްޓައިމް ވިޔަސް ޕާޓްޓައިމް ވިޔަސް، ކަނޑައަޅާ މިންގަނޑަކުން ފާސްވުމުން އެ ނިމުނީ ނޫންހޭ ބުނާ ބުނުމަށް ސާފު ޖަވާބެއް ދެވޭނެ ހަމަތަށް ބަޔާންކުރާ އުސޫލެއް އޮންނަން ޖެހެ އެވެ. އެހެން ނޫނީ، ވަޒީފާ އަދާކުރަމުން ތިން އަހަރުން ޕީއެޗްޑީ ހާސިލްކުރުމަކީ ހަމަ އެއްވެސް މީހަކަށް ވާނެ ކަމެއް ނޫނޭ ބުނެ ނިންމާލެވޭކަށް ނެތެވެ.