ވަޒީފާ އަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިއްޔެ ބުނެފި އެވެ،

ސަރުކާރުގެ ގެޒެޓްގައި އެމްކިއުއޭ އިން އާއްމުކުރި ދެންނެވުމެއްގައި ބުނީ، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމެއް ކަމަށާއި އެއީ ގިނަ އަދަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއް ކަމަށެވެ. އެހެންވީމާ އެ ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް، ތިން އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަކުރަންޖެހޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

"...މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ،" އެމްކިއުއޭގެ ދެންނެވުމުގައި ވެ އެވެ.

އެ އޮތީރިޓީން ބުނި ގޮތުގައި، ވަޒީފާ އަދާކުރާ ނަމަ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވާން ޖެހޭނީ ޕާޓްޓައިމް ކޮށެވެ. ނަމަވެސް ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ހާއްސަވެގެން ތިބޭ މީހުންނަށް ފުލްޓައިމްކޮށް ކިޔެވިދާނެކަމަށް ގަބޫލުކުރެވޭ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނީ، ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާ ކުރާ ގޮތާ ގުޅޭގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް އަދި ނެތެވެ. އެކަމަކު، ޑޮކްޓޯރަލް ޑިގްރީ ގަބޫލު ކުރުމާ ގުޅޭ މިންގަނޑެއް އެ އޮތޯރިޓީގެ "ރާއްޖެ އިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޕްރޮގްރާމްތަކަށް ވެސް އެ އުސޫލު ފައްތަން ނިންމާފައިވާ ކަމަށް ވެސް އެމްކިއުއޭ އިން ބުންޏެވެ.

އެގޮތުން އަމަލުކުރަން ޖެހޭނެ ދެ ކަމަކީ:

1- ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތެވެ.

2- ޕާޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތެވެ. ނުވަތަ އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާޓް ޓާއިމް މުއްދަތަކަށް ވާން ވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށް ވުރެ މަދު ނޫން މުއްދަތެވެ.